މަޖީދީމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރާނެ ކަމަށާއި އެގޮތަށް ނަގާ ވެހިކަލެއް އަނބުރާ ލިބޭނީ 48 ގަޑިއިރު ފަހުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފުލުހުން ވިދާޅުވީ މަޖީދީމަގުގައި އާންމުދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ޤަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެގޮތަށް ޕާކްކޮށްފައިވާ އުޅަނދު ދުއްވި ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އެހެން ހުންނަ އުޅަނދުތައް ޓޯވކުރުމަށްފަހު އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރުފަހުންކަމަށެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ އެފަދަ އުޅަނދުތައް ޓޯވކުރުމުގެ މަސައްކަތް ފެށީ މިއަދުކަމަށެވެ. އަދި މިއަދު އެކަނިވެސް މަޖީދީމަގުން 2 ފުރޮޅުލީ 37 ވެހިކަލާއި 4 ފުރޮޅުލީ 5 އުޅަނދު ޓޯވކޮށްފައިވާނެ ކަމަށެވެ.
ފުލުހުން ވަނީ އުޅަނދުތައް ޕާކުކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި ޕާކުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މާލޭގެ މަގުތަކުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުންނަށް ދެއްވާ އެއްބާރުލުން ފުލުހުން ފާހަގަކުރައްވައެވެ.