މާލޭގެ ފިހާރައަކަށް ވަދެ ވަޅިން ބިރު ދައްކައި ފޭރުނު މައްސަލައެއްގައި ހ. ރެދަން އުމުރުން 36 އަހަރުގެ ފަވާޒު ކަޅުތުއްތުގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ފަވާޒުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިފައިވަނީ މައްޗަންގޯޅި ސަހަރާ ކައިރީގައި ހުންނަ “ޕަރާއޯ”ފިހާރައަށް ވަދެ، ވަޅިން ބިރުދައްކައި އެފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާ ފޭރުނު މައްސަލައިގައި ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އިއްޔެ ފޮނުވާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ،
ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުގެ މެންދުރު 15:13 ހާއިރުއެވެ.
މި މައްސަލައާ ގުޅިގެން ފަވާޒު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 13ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ ފަވާޒް ކަޅުތުއްތު އަކީ މީގެކުރިން ތަފާތު އެކި މައްސަލަތަކުގައި 52 ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.