މިހާރު ކުރިއަށްދާ ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ރާއްޖޭގެ ފިރިހެން ޓީމުން ކުޅުނު ދެވަނަ މެޗުން އިންޑިއާ އަތުން ތަފާތު ބޮޑުކޮށް ބަލިވެއްޖެއެވެ.
ޒުވާނުން މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މުބާރާތުގައި އިންޑިޔާ ރާއްޖެ އަތުން މޮޅެއް ހޯދީ 151-20 ޕޮއިންޓުގެ ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
މެޗު ފަށައިގެން އިންޑިޔާގެ ހުނަވެރި އިސްކޮޅުން ދިގު ކުޅުންތެރިންގެ ގާތުގައި މާ ރަނގަޅު ކުޅުމެއް ނުދެއްކުނު އިރު އިންޑިޔާ ޓީމުން ދިޔައީ ވަރުގަދައަށް އެޓޭކްތަކެއް ކުރަމުންނެވެ. މެޗުގެ ފުރަތަމަ ކުއާޓަރގެ ފަހު ދެތިން މިނިޓުގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ޕޮއިންޓެއް ހޯދުނު އިރު މުޅި މެޗުގައި ވެސް މޮޅަށް ކުޅުނު އިންޑިޔާ މި ކުއާޓަރ ނިންމާލީ 41-3 ޕޮއިންޓުން ކުރީގަ އޮވެގެންނެވެ.
މެޗުގެ ދެވަނަ ކުއާޓަރގަ ކުޅުމުގައި މާބޮޑު ބަދަލުތަކެއް ނުފެނު ކަމުގަވިޔަސް މި ކުއާޓަރގައި ދިވެހި ޓީމުން ވަނީ ކުޅުން ރަނގަޅު ކުރަން މަސައްކަތްކޮށްފައެވެ. ދިވެހި ޓީމަށް ހެދުނު ގިނަ ގޯސްތަކެއްގެ ފައިދާ ނަގާ އިންޑިޔާއިން މި ކުއާޓަރ ނިންމާލީ 79–12 އިން ލީޑުގަ އޮވެގެންނެވެ. މި ކުއާޓަރގައި ރާއްޖޭގެ ޓީމުން ގިނަ ގޯސްތަކެއް ހެދި އިރު ރާއްޖޭގެ ޓީމުގެ ސާބިޔާ ކޯޗު ވަލަޑްމިއަރ ތްރިޗް ވަނީ އެކަމުގެ ނުރުހުން ފާޅުކޮށްފައެވެ.
މެޗުގެ ފަހު ދެކުއާޓަރގެ ތެރެއިން ތިންވަނަ ކުއާޓަރގައި އިންޑިޔާއިން 100 ޕޮއިންޓް ހަމަކުރިއިރު އެޓީމުން މި ކުއާޓަރ ނިންމާލީ 122-14 ޕޮއިންޓުން ކުރީގެ އޮވެގެންނެވެ.
ފަހު ކުއާޓަރގައި ލިބިފަ އޮތް ބޮޑު ލީޑާއެކު އިންޑިޔާ ހަމަޖެހިލިތަން ފެނުނު އިރު މި ކުއާޓަރގައި ވެސް ލީޑުނަގައި އެޓީމުން މެޗު ކާމިޔާބުކުރިއެވެ. މިމެޗުގައި ރާއްޖެގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 3 ޕޮއިންޓް ހޯދައިދިން ލޫކް މުހައްމަދު އަރީޝްއެވެ. އިންޑިޔާއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ތޯހިދް ޝައިކް އެވެ. އޭނާ ވަނީ 30 ޕޮއިންޓް ހޯދައިދީފައެވެ.
މުބާރާތުގައި މާދަމާރޭ ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެ ނުކުންނާނީ ބަނގްލަދޭޝްއާއި ދެކޮޅަށެވެ.