ޚަބަރު

ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުން ނަފާ ހޯދުމަށް ޚާއްސަ މަސައްކަތްތަކެއް ދަނީ ކުރަމުން: ވަޒީރު ޠާރިޤު


  • ދެމެހެއްޓެނިވި ގޮތެއްގައި 5 ސަރަހައްދެއް ބަލައްޓާ

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އިތުރައް ބަލަހައްޓައި އެތަންތަނުން ނަފާހޯދުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ފަތުވެރިކަމުގެ ސިނާއަތާއި ތިމާވެށީގެ ދާއިރާއިން ކުރަމުން ގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުގައެވެ.

ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށީގެ ބޮޑުބަޔަކީ ކަނޑުގެ ސަރަޙައްދެވެ. އެގޮތުން ދޫނިސޫފާ ސޫފިތަކާއި މަސްމަހާމެހި އަދި ކަނޑާއި ފަރު ފަދަ ތަންތަނަކީ ވެށީގެ މުހިންމު ތަންތަންކަމަށްވާއިރު، އެތަންތަން ރައްކާތެރި ކުރުމަކި ރާއްޖެފަދަ ޖަޒީރާ ޤައުމަކަށް ނުހަނު މުހިއްމު ވެފައިވާކަމެކެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިގް އިބްރާހިމް ވިދާޅުވީ ރާއްޖެ އަންނަ ގިނަ ފަތުރުވެރިންނަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުއަޑީގެ ރީތިކަން ބަލާލަން އަންނަ މީހުންކަމަށެވެ. އެގޮތުން ވެށި ހިމާޔަތްކޮށް، މިހާރުވެސް ހިމާޔަތްކޮށްފައިވާ ތަންތަން އިތުރަށް ހިމާޔަތްކުރުމުގެ މަސައްކަތްކުރަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ތާރިގް ވިދާޅުވީ ރާއްޖޭގައި މިވަގުތު ހިމާޔަތްކޮށްފައިވަނީ 93 ސަރަހައްދުކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓެމުންދަނީ 5 ސަރަހައްދެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ހިމާޔަތްކޮފައިވާ ސަރަހައްދުތައް ބަލަހައްޓައި އެތަންތަނުން ނަފާލިބޭނެގޮތަކަށް ބޭނުންކުރަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

"3 ބަޔޮސްފިއަރ ރިޒާވް ހިމެނޭ. އެއީ އައްޑޫ ނޭޗަރ ޕާކްއާއި ފުވައްމުލައް ނޭޗަރ ޕާކު އަދި ބާ އަތޮޅު ނޭޗަރ ޕާކު. އަދި އޭގެ އިތުރަށް ސައުތް އަރިއެޓޯލް މެރިން ޕްރޮޓެކްޓެޑް އޭރިޔާ. ދެން އަޅުގަނޑުމެން ޅ. އަތޮޅު ބަޔޮސްފިޔާރ ރިޒާވްއެއްގެ ގޮތުގައި ހެދުމަށް މިދަނީ މަސައްކަތް ކުރަމުން. މިތަންތަނުގެ އިތުރުން ދެން ހުރި ހުރިހާ ސަރަހައްދަކީ ހިމާޔަތްކޮށްފައި އޮތެއްކަމަކު ނުބެލެހެއްޓޭ ތަންތަން. މިތަންތަން ބެލެހެއްޓުމުގެ ކަންތައްތަކެއް އެބަ ރާވަން ޖެހޭ. މިތަންތަނުން ނަފާ ލިބޭނޭ ގޮތް ހަދަން ޖެހޭ. އަޅުގަނޑުމެން ފަހުރުވެރިވާ ތަންތަނުގެ ގޮތުގައި ބޭރުގެ ފަރާއްތަކަށް އެތަންތަން ދެއްކޭނެ ގޮތް ހަދަން އެބަޖެހޭ" ވަޒީރު ތޯރިގް ވިދާޅުވިއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގް އިބްރާހިމް ވިދާޅުވީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި ފަތުރުވެރިންނަށް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ލިބެން ފެށުމުން އެތަންތަނުން ނަފާލިބެން ފަށާނެކަމަށެވެ. އެހެންކަމުން އެކަމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ.

ދޮންވެލި ގޮނޑުދޮށާއި ސާފު ރީތި މޫދަކީވެސް ރާއްޖެއަށް ލިބިފައިވާ ގުދުރަތީ ރީތިކަންކަމެވެ. ރާއްޖެއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިންވެސް އަންނަނީ މި ގުދުރަތީ މަންޒަރުތައް ބެލުމަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި މި ގުދުރަތީ ރީތިކަމުގެ ސަބަބުން ރާއްޖެ މަޝްހޫރުވެފައިވަނީ ދުނިޔެމަތީގެ ސުވަރުގޭގެ ގޮތުގައެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކެއް ޤާއިމްކޮށް އިތުރު 3 ބަޔޯސްފިއަރ ރިޒާވް ގާއިމުކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.