ވޯލްޑް ޓެސްޓް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ދެކުނު އެފްރިކާ އިން ހޯދައިފި އެވެ.
ދެކުނު އެފްރިކާ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އޮސްޓްރޭލިއާ އާއި ދެކޮޅަށް ކުޅުނު މެޗުގެ ފަހު ދުވަހު ފަސް ވިކެޓުން އޮސްޓްރޭލިއާ ބަލި ކުރުމަށްފަހުގަ އެވެ.
އިނގިރޭސިވިލާތުގެ ލަންޑަނުގައި ކުޅުނު މި މެޗު އޮސްޓްރޭލިއާ އިން ކާމިޔާބު ކުރުމާއިއެކު މިއީ ފާއިތުވެދިޔަ 27 އަހަރުގެ ތެރޭގައި އެ ގައުމަށް ހޯދިނު ފުރަތަމަ ތަށްޓެވެ. އަދި މިއީ އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) މުބާރާތެއް އެ ގައުމަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރުވެސްމެ އެވެ.
ވޯލްޑް ޓެސްޓް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ފުރަތަމަ ފަހަރަށް ކުޅުނު ސައުތު އެފްރިކާ އަށް މި މެޗުގައި އެންމެ ގިނަ ލަނޑު ހަދައިދީފައިވަނީ 207 ބޯޅައިން 136 ލަނޑު ހެދި އެއިޑަން މާކްރަމް އެވެ.
މި މެޗުގެ ޓޮސް ދިމާވުމުން ދެކުނު އެފްރިކާއިން ގަސްދުކުރީ ފުރަތަމަ ހޮވުމަށެވެ. އެގޮތުން ފުރަތަމަ އޮސްޓްރޭލިއާ ކުޅެން އަރާ 65 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން އެ ޓީމަށް ހެދިފައިވަނީ 207 ލަނޑެވެ. އޮސްޓްރޭލިއާ އަށް އެންމެ ގިނަ ލަނޑު ހަދައިދީފައިވަނީ 58 ލަނޑު ހެދި މިޗެލް ސްޓާކް އެވެ.
ޖަވާބުގައި ދެކުނު އެފްރިކާ ކުޅެން އަރާ 83.4 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން އެ ޓީމުން ވަނީ 282 ލަނޑު ހަދާފަ އެވެ.
މި މުބާރާތް ކާމިޔާބު ކުރުމާއިއެކު ދެކުނު އެފްރިކާ ވެފައިވަނީ މި މުބާރާތް ކާމިޔާބު ކުރި ތިންވަނަ ގައުމަށެވެ. 2021 ވަނަ އަހަރު ބޭއްވި ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ނިއު ޒިލޭންޑް އިން ހޯދާފައިވާއިރު 2023 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އޮސްޓްރޭލިއާ އެވެ.