ޚަބަރު

އިންޓަރ މަޔާމީ އާއި އަލް އަހްލީގެ މެޗު އެއްވަރު


ފީފާ ކުލަބު ވޯލްޑް ކަޕުގެ ފުރަތަމަ މެޗުގައި އަލް އަހްލީ އާއި އިންޓަރ މަޔާމީ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.

ފްލޮރިޑާގެ ހާޑްރޮކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ކުރިން މުބާރާތް ފެށުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ އިތުރުން ބްރެޒިލްގެ ކުރީގެ ފޯވަޑް ރޮނާލްޑޯ އާއި އާޖެންޓީނާގެ އަލެހަންދްރޯ ޒަނޭޓީ އާއި ޕޯޗުގަލްގެ ކުރީގެ ކެޕްޓަން ޕެޕޭގެ އިތުރުން އިޓަލީގެ ކުރީގެ ފޯވަޑް ރޮބާޓޯ ބާޖިއޯ ހިމެނެ އެވެ.

މުޅިން ތަފާތު ފޯމެޓަކަށް ދުނިޔޭގެ އެކި ބައްރުތަކުގެ ޗެމްޕިއަން ޓީމުތައް ބައިވެރިކޮށްގެން ޖުމްލަ 32 ޓީމާއިއެކު ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި އިންޓަރ މަޔާމީ އާއި ދެކޮޅަށް މިސްރުގެ އަލް އަހުލީ އިން ވަނީ ރަގަޅު ކުޅުމެއް ދައްކާފަ އެވެ.

މި މެޗުގެ 14 ވަނަ މިނިޓުގައި އަލް އަހުލީގެ މިޑްފީލްޑަރ އިމާމް އަޝޫރުއަށް އަނިޔާވެގެން ބަދަލު ކުރުމުގެ ކުރިން އޭނާއަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތެއް ލިބިފަ އެވެ.

އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ހިމެނޭ އިންޓަރ މަޔާމީ އިން މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އަލް އަހުލީ އިން ވަނީ އިންޓަރ މަޔާމީގެ ގޯލަށް އަމާޒުކޮށް ހަތް ހަމަލައެއް ފޮނުވާލާފަ އެވެ.

ގްރޫޕް އޭ ގައި ކުޅުނު މި މެޗު އެއްވަރުވެފައިވާއިރު މި ގްރޫޕްގައި ދެން ހިމެނެނީ ޕޯޗުގަލްގެ ޕޯޓޯ އާއި ބްރެޒިލްގެ ޕަލްމޭރާސް އެވެ.