ރާއްޖޭގައި ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ "މޯލްޑިވްސް ޓޫނާ ރޭސް"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ރާއްޖޭގެ ކެޔޮޅުންގެ ލޮބީން އިންތިޒާމްކޮށްގެން ބާއްވާ ރޭހެކެވެ.
ރާއްޖޭގައި ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވަމުން އަންނަ އޮޑިފަހަރުތަކަށް ޚާއްސަކޮށްގެން އަންނަ ޑިސެންބަރު މަހުގެ 5-6 އަށް ކުރިޔަށްގެންދާ މި ރޭހަކީ، ކެޔޮޅުންގެ ލޮބީގެ އަހަރީ ދުވަހާއި، މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެގޮތުން ކުރިޔަށްގެންދާ ހަރަކާތެކެވެ. ކޮންމެ އަހަރަކުވެސް ޚާއްސަ އިނާމުތަކަކާއެކު މި ރޭސް ކުރިޔަށްގެންދަން ރާވާފައިވާކަމަށް ކެޔޮޅުންގެ ލޮބީން ބުންޏެވެ.
24ގަޑީއިރުގެ މި ރޭހަކީ، ދޮށީގެ މަސްވެރި އާއިލާގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅުން ބަދަހިކޮށް އެއްބައިވަންތަކަމުގެ ރޫހެއް އުފެއްދުމަށާއި، ޒުވާނުން ދޮށީ މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދުމަށް ކުރިއަށްގެންދާ ރޭހެކެވެ. އަދި ދޮށީގެ މަސްވެރިކަން ޕްރޮމޯޓްކޮށް، އާންމުންގެ މެދުގައި މި ސިނާއަތައް އޮންނަ ލޯބި އިތުރުކުރުމަކީ މި ރޭސް ބޭއްވުމުގެ މަޤުސަދެއްކަމަށްވެސް ކެޔޮޅުންގެ ލޮބީން ބުންޏެވެ.
ދޮށީގެ މަސްވެރިކަމަށް ނިކުންނަން މީހުން ޝައުގުވެރިކުރުވުމަށާއި، ރޭހުގެ ފޯރި ގަދަކުރުމުގެ ގޮތުން މަސްރޭހުގައި ވަނަވަނައަށް ހޮވޭ އޮޑިފަހަރަށް ފައިސާގެ ބޮޑެތި އިނާމުތައް ހުށަހަޅާފައިވާކަމަށް ލޮބީންބުންޏެވެ.
* މަސްރޭހުން 1 ވަނަ، އެންމެ މަތިން ކިލޯކިރާ އޮޑިއަކަށް 100،000 ރުފިޔާ
* މަސްރޭހުން 2 ވަނަ، އެންމެ މަތިން ކިލޯ ކިރާ އޮޑިއަކަށް 50،000 ރުފިޔާ
* މަސްރޭހުން 3 ވަނަ އެންމެ މަތިން ކިލޯ ކިރާ އޮޑިއަކަށް 25،000 ރުފިޔާ
* މަސް ރޭހުގައި ބައިވެރިވާ އޮޑިތަކުގެ ތެރެއިން އެންމެ ކުރިން ރޭސް ނިންމާ އޮޑިއަކަށް 5،000ރުފިޔާ
މަސް ރޭހުގައި ބައިވެރިވާ އޮޑިތަކުގެ ތެރެއިން އެންމެ ކުރިން ރޭސް ނިންމާ އޮޑިއަކަށް 5،000ރުފިޔާ ކެޔޮޅުންގެ ލޮބީން ވަނީ ”މޯލްޑިވްސް ޓޫނާ ރޭސް 2025″ގައި ބައިވެރިވާން ޝައުގުވެރިވާ އޮޑިފަހަރަށް، ރޭހުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާފައެވެ. ރޭހުގައި ރަޖިސްޓްރީކުރުމުގެ ސުންގަޑިއަކީ މިއަންނަ ޖުލައި މަހުގެ 10ވާ ބުރާސްފަތި ދުވަހުގެ 16:00އެވެ.
ރޭހުގައި ބައިވެރިވާން ބޭނުންވާ އޮޑިފަހަރުން، ރޭހަށް ކަނޑައަޅާފައިވާ ފޯމް ފުރުމަށްފަހު ލޮބީގެ އިދާރާއަށް ހުށަހެޅޭނެއެވެ. ނުވަތަ އެ ޖަމްޢިއްޔާގެ މެއިލް މެދުވެރިކޮށްވެސް ފޯމް ހުށަހެޅިދާނެކަމަށް ލޮބީން ބުނެއެވެ.
ރޭހުގައި ބައިވެރިވެވޭނީ ޤައުމީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ އަދި މަސްވެރިކަމުގެ ލައިސަންސް ނަގާފައިވާ އޮޑިފަހަރަށްކަމަށްވެސް ލޮބީން ބުންޏެވެ. އަދި ވީހާވެސް ގިނަ ކެޔޮޅުން މި ރޭހުގައި ބައިވެރިވުމަށް މަސްވެރިންގެ ލޮބީން ވަނީ އެދިފައެވެ.