އަންހެން ވިޔަފާރިވެރިންނަށް ޚާއްސަކޮށް ދޫކުރާ "ފަށާ މަދަދު" ލޯނުގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން އެސްޑީއެފްްސީން ވިދާޅުވީ، ލޯން ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯނަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން މިއަދުން ފެށިގެން ބަލައިގަންނަން ފަށާނެކަމަށެވެ. މި ލޯން ސްކީމްއަށް 100 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު ކޮންމެ ފިޔަވައްސަކަށް 20 މިލިޔަން ރުފިޔާ ވަނީ ޚާއްސަކޮށްފައެވެ. މީގެ އިތުރުން މި ލޯން ސްކީމްގައި %25 ޚާއްސަ ކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.
އޭގެ ދަށުން އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ލޯނު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ލޯނަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް މުއްދަތެއް ލިބޭނެއެވެ. އަދި ލޯނު 7 އަހަރު ދުވަހަަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ވެސް ހަމަޖެހިފައި ކަމަށެވެ. "ފަށާ މަދަދު" ލޯނަށް އެދުމުގެ ސުނގަޑިއަކީ އޮގަސްޓްމަހުގެ 31ވާ އާދީއްތަދުވަހެވެ.
އަންހެނުންނަށް ޚާއްސަ "ފަށާ މަދަދު" ލޯނަކީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންއާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިތުރުން އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާ ގުޅިގެން ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ސްކީމްއެކެވެ.
މި ލޯނު ސްކީމްއަކީ ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އަންހެނުންނަށް ޚާއްޞަ ލޯން ސްކީމެއް ތަޢާރަފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެލެއްވި ވައުދާ އެއްގޮތަށް ކުރިއަށްގެންދާ ލޯން ސްކީމްއެކެވެ.