ރާއްޖޭގައި ލޭ އެޅުމުގެ ޚިދުމަތް ދެވޭ މިންވަރު ދެނެގަތުމަށްޓަކައި ލޭގެ ޚިދުމަތް ދޭ ހުރިހާ ތަނެއްގެ ތަފާސްހިސާބު ޑިޖިޓަލައިޒްކޮށް ބެލެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހާ ގުޅިގެން ޤައުމީ ޔުނިވަރސިޓީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
ޞިއްޙީ ވުޒާރާއިން ވިދާޅުވީ ކޮންމެ މަހަކު ލޭ އަޅާ މީހުންގެ ތަފާސްހިސާބުތައް ޑިޖިޓަލައިޒްކޮށް ބެލެހެއްޓުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. މިއާއެކު ހެލްތު ރިކޯޑްގެ ތެރެއިން ލޭ ހަދިޔާ ކުރާ މިންވަރާއި އުމުރުފުރައާއި ލޭ އެންމެ ބޮޑަށް ބޭނުންވާ ހާލަތްތައް އަދި ސަރަޙައްދުތައް ދެނެގަނެވޭނެކަމަށެވެ. މިފަދަ ގޮތަކަށް ތަފާސްހިސާބުތައް ބެލެހެއްޓުމުގެ ސަބަބުން ދިރާސާތައްކޮށް ދިރާސާތަކުގެ އަލީގައި ރާއްޖެއަށް ބޭނުންވާ ލޭގެ ޚިދުމަތުގެ ސިޔާސަތުތައް އެކުލަވާލުމަށް މަގުފަހިވެގެންދާނެކަމަށްވެސް ޞިއްޙީ ވުޒާރާއިން ވިދާޅުވިއެވެ.
ޞިއްޙީ ވުޒާރާއިން ވިދާޅުވީ ހަދިޔާ ކުރާ ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެންމެ ފަހުގެ ޓެސްޓިން މެތަޑް ބޭނުންކުރަން ފެށުމަށްވެސް ނިންމާފައިވާކަމަށެވެ. އަދި ބްލަޑް ބޭންކަށް ލޭ ހަދިޔާ ކުރާ މީހުން ކަނޑައެޅުމަށް "ޑޯނާސް ކަލެކްޝަން ކްރައިޓީރިއާ" ކަނޑައަޅައި ތަންފީޒުކުރުމުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށުމަށް ނިންމާފައިވާކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ.
ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ލޭ ހަދިޔާ ކުރުމާއި އެކަމަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށް އެކި ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގެ ޔޫނިއަންތަކާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި ޞިއްޙީ ވުޒާރާއިން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. މިއެއްބަސްވުމުގައި ބައިވެރިވެފައިވަނީ ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އިސްލާމީ ޔުނިވަރސިޓީ، ވިލާ ކޮލެޖްގެ އިތުރުން އައިލެންޑް އިންސްޓިޓިއުޝަން އޮފް އެޑިއުކޭޝަން، ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް، މޯލްޑިވްސް ބިޒްނަސް ސްކޫލެވެ. މިރަސްމިއްޔާތުގައި މިތަންތަނާ ގުޅިގެން ކުރިއަށްގެންދާ ލޭ ހަދިޔާ ކުރުމުގެ ކެމްޕެއިން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމްވަނީ ފައްޓަވައިދެއްވާފައެވެ.