ކުޅިވަރު

ރާއްޖެ ބަލިކޮށް ބަންގްލަދޭޝްއަށް ލޯ މެޑެލް


ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ކޮލިފައިންގައި ރާއްޖޭގެ ފިރިހެން ޓީމު ބަލިކޮށް ބަންގްލަދޭޝް ލޯ މެޑެލް ހޯދައިފިއެވެ. ބަންގްލަދޭޝް މެޗު ކާމިޔާބުކުރީ 33 ޕޮއިންޓްގެ ތަފާތަކުންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުގައި ބަންގްލަދޭޝް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިއީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮލިފައިން ބުރުގައި މި ދެޓީމު ވާދަކުރި ދެވަނަ ކުރިމަތިލުމެވެ.

މެޗުގެ ފުރަތަމަ ކުއާޓަރ ފަށައިގެން ރާއްޖޭއިން ވަރަށް ރަނގަޅަށް ކުޅުނު ވަގުތުކޮޅެއް ދިޔައިރު ރާއްޖެއިން ވަނީ ލީޑު ވެސް ނަގާފައެވެ. އެހެން ނަމަވެސް މާ ގިނަ ވަގުތަކު މި ލީޑް ރާއްޖެއަށް ދެމެހެއްޓޭ ގޮތެއް ނުވިއެވެ.

ބަންގްލަދޭޝް ދައްކަމުން ދިޔަ ވަރުގަދަ ކުޅުމުގެ ސަބަބުން ރާއްޖެއަށް ޕޮއިންޓް ހޯދަން އުނދަގޫވިއިރު މެޗުގެ ފުރަތަމަ ކުއާޓަރ ބަންގްލަދޭޝް ނިންމާލީ 20-11 އިން ކުރީގަ އޮވެއެވެ.
މެޗުގެ ދެވަނަ ކުއާޓަރގައި ބަންގްލަދޭޝް ލީޑް ދެމެހެއްޓި އިރު ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ވަނީ ފާހަގަކުރެވިފައެވެ.

މުޅި މެޗުގަ ވެސް ބަންގްލަދޭޝް ވަނީ ދިފާއުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެހެން ކަމުން މުޅިމެޗުގައި ވެސް ރާއްޖޭގެ ކުޅުންތެރިންނަށް ޕޮއިންޓް ހޯދުމުގައި އުނދަގޫތަކެއް ވަނީ ކުރިމަތިވެފައެވެ. މި ކުއާޓަރގަ ބަންގްލަދޭޝް އިން ކުރި ހޯދީ 38-27 ޕޮއިންޓުންނެވެ.

ދެވަނަ ހާފަށް ނުކުތްއިރު ބަންގަލަދޭޝްގެ ޑިފެންސިވް ފޯމޭޝަނަށް ބަދަކުތަކެއް ގެނެސް އެޓޭކްތަށް ވަރުގަދަކުރިއެވެ. ނަތިޖާގެ ގޮތުން މި ކުއާޓަރގަ ބަންގްލަދޭޝް ވަނީ ލީޑު އިތުރަށް ފުޅާކޮއްފައެވެ. މި ކުއާޓަރ ބަންގްލަދޭޝް ކާމިޔާބުކުރީ 44-37 ޕޮއިންޓުންނެވެ.

މެޗުގެ ފަހު ކުއާޓަރގަ ގާތްގާތުގައި ބަންގްލަދޭޝް ހޯދަން ފެށި ޕޮއިންޓުތަކާ އެކު މެޗު ކާމިޔާބުވާނެ ކަމުގެ އިތުބާރު ލިބުމުން އެޓީމުން ހަމަޖެހިތަން ފެނިގެންދިޔައެވެ. މި ކުއާޓަރ ބަންގަލަދޭޝް ލީޑުކޮށް މެޗު ކާމިޔާބުކުރީ 75-42 ޕޮއިންޓުންނެވެ.

މިމެޗުގައި ރާއްޖެއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިން އިޔަލް އަބްދުލް ނަޝީދު ވަނީ 4 ރީބައުންސް ނަގާ 2 އެސިސްޓްކޮށް 05 ޕޮއިންޓް ހޯދަދީފައެވެ. ބަންގަލަދޭޝް އެން،ެ ގިނަޕޮއިންޓް ހޯދައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އެމްޑީ އަފްރީދީއެވެ. އޭނާ ވަނީ 11 ރީބައުންސްކޮށް 4 އެސިސްޓް ހަދާ 24 ޕޮއިންޓް ކާމިޔާބު ކޮށްދީފައެވެ.

މުބަރާތުގައި ކޮލިފައިން ކުޅުނު ހުރިހާ މެޗަކުން ރާއްޖެއިން ރަނގަޅުކުޅުމެއް ދެއްކި އިރު އެއްވެސް މެޗަކުން މޮޅެއް ލިބިފައެއް ނުވެއެވެ.