ޚަބަރު

ޕްލާސްޓިކް ކޮތަޅު ރާއްޖެ އެތެރެކުރާ މިންވަރު ދަށްވެއްޖެ


  • މިދިޔަ އަހަރު ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި 9.19 މިލިޔަން ރުފިޔާ ލިބިފައިވޭ

  • މިއީ 2023 ވަނަ އަހަރާއި އަޅާބަލާއިރު %27.4 ދަށް އަދަދެއް

ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޭޕްރީލްމަހުން ފެށިގެންނެވެ. މީގެ އެންމެ ބޮޑު އެއް ބޭނުމަކީ ޕްލާސްޓިކް އެތެރެކުރާ މިންވަރު މަދުކުރުމެވެ. މީގެ ހެޔޮ ނަތީޖާވެސް މިހާރު ދަނީ ފެންނަމުންނެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާގެ 2024 ވަނަ އަހަރު އަހަރީ ރިޕޯޓުން ދައްކާގޮތުން ޕްލާސްޓިކް ކޮތަޅުން ނަގަންފެށި ފީއާއިއެކު ރާއްޖެއަށް ޕްލާސްޓިކް ކޮތަޅު އެތެރެކުރާ މިންވަރު ދަނީ ދަށްވަމުންނެވެ. މީރާއަށް ބަލައިގަންނަ އާމްދަނީގެ އަދަދުން މިކަން ހާމަވެއެވެ.

މިދިޔަ އަހަރު ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި މީރާއިން ބަލައިގަނެފައިވަނީ 9.19 މިލިޔަން ރުފިޔާއެވެ. މިއީ ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއާއި އަޅާބަލާއިރު %0.3 ދަށް އަދަދެކެވެ. ލިބޭނެކަމަށް މީރާއިން އަންދާޒާކޮށްފައިވަނީ 9.22 މިލިޔަން ރުފިޔާއެވެ.

2023 ވަނަ އަހަރު ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި މީރާއަށް ލިބިފައިވަނީ 12.66 މިލިޔަން ރުފިޔާއެވެ. އެހެންކަމުން 2024 ވަނަ އަހަރު ލިބުނު އާމްދަނީ ވަނީ 2023 ވަނަ އަހަރާއި އަޅާބަލާއިރު %27.4 ދަށް އަދަދެކެވެ.

ޕްލާސްޓިކް ކޮތަޅު ފީގެ އާމްދަނީ އަންދާޒާކުރަނީ އަހަރުން އަހަރަށް ޕްލާސްޓިކް ކޮތަޅު ބޭނުންކުރާނެ މިނަވަރު މަދުވާނެކަމަށް ބަލައިގެންނެވެ. މިގޮތުން 2024 ވަނަ އަހަރު އަންދާޒާކުރި އާމްދަނީއަށްވުރެ ބަލައިގަތް އާމްދަނީ ވަނީ ދަށްވެފައެވެ.

ޕްލާސްޓިކް ކޮތަޅު ފީއަކީ ކުނި މެނޭޖްކުރުމުގެ ޤާނޫނުގެ ދަށުން ޕޮއިންޓް އޮފް ސޭލްގައި ވިއްކާ ޕްލާސްޓިކް ކޮތަޅުން ފީގެ ގޮތުގައި 2 ރުފިޔާ ނެގުމަށް ނިންމާފައިވުމާއިއެކު ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ފްލާސްޓިކް ކޮތަޅުން ފީނެގުމުގެ ގަވައިދުގެ ދަށުން ނަގާ ފީއެކެވެ. މި ޤަވައިދަށް އަމަލުކުރަން ފަށާފައިވަނީ 18 އޭޕްރީލް 2023 އިން ފެށިގެންނެވެ.

މީރާގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާގޮތުން ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ބޭގްފީގެ ގޮތުގައި މިދިޔަ އަހަރު ރިޕޯޓްކޮށްފައިވާ އަދަދަކީ ވޭތުވެދިޔަ އަހަރާއި އަޅާބަލާއިރު %28.8 ދަށް އަދަދެކެވެ.