ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް އުވާލުމަށް އެ ޕާޓީން ނިންމައިފިއެވެ.
ޑިމޮކްރެޓްސް އުވާލުމަށް ނިންމީ އެ ޕާޓީގެ ނޭޝަނަލް އެސެމްބްލީން މިއަދު ބޭއްވި ބައްދަލުވުމެއްގައި ފާސްކުރި ޤަރާރެއްގައެވެ.
އެ ޕާޓީގެ ނޭޝަނަލް އެސެމްބްލީގެ ބައްދަލުވުމުގައި، ފާސްކުރި ޤަރާރުގައި ބުނެފައިވަނީ ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމުގެ އިތުބާރު އިޔާދަކުރަން އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އިދިކޮޅު ހަރަކާތެއް އޮތުންކަމަށެވެ. އަދި މިކަމުގަިއ ގިނަ ބަޔަކު އެކުގައި މަސައްކަތް ކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭތީ އެ މަގުސަދު ހާސިލް ކުރުމަށް އެމްޑީޕީއާ ގުޅެން އިގުރާރުވާ ކަމަށް އެ ޕާޓީން ފާސްކުރި ޤަރާރުގައިވެއެވެ.
މި ޤަރާރު ފާސްކޮށްފައިވަނީ މި ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުންގެ އަޤުލަބިއްޔަތުން ލިބިގެން ކަމަށް މައުލޫމާތު ލިބެއެވެ.
ޑިމޮކްރެޓްސް އުވާލަން ނިންމާފައިވާއިރު، އެ ޕާޓީގެ ބައެއް އިސް ބޭފުޅުން މީގެކުރިން ވަނީ ޕާޓީން ވަކިވެވަޑައިގެންފައެވެ.
މީގެ ދެ އަހަރުކުރިން ބޭއްވި ރިޔާސީ އިންތިހާބާއި ގާތްކޮށް އުފެއްދި ޑިމޮކްރެޓްސް ޕާޓީއަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު އުފެދުނު ޚިޔާލު ތަފާތުންވުންތަކަކަށްފަހު އުފެއްދި ޕާޓީއެކެވެ.
އިލެކްޝަން ކޮމިޝަނުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޑިމޮކްރެޓްސް ޕާޓީގައި ތިބީ 3667 މެންބަރުނެވެ.