ޚަބަރު

ޔުމްނު ފުންމާލީކަމަށް ނުވަތަ ވަައްޓާލީކަމަށް ނުބެލެވޭ؛ ބުރަވެވެނީ ވެއްޓުނީކަމަށް: ރިޔާސީ ކޮމިޝަން


  • ރިޔާސީ ކޮމިޝަނުން ރިޕޯޓު އާންމުކުރީ ރައީސްގެ އެންގެވުމުގެ މަތިން

  • ޔުމްނު އަދި ރައުދު ތިބީ މަސްތުގެ ހާލަތުގައި

މިދިޔަ އެޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު ފުރާޅުމައްޗަށް ވެއްޓުނީކަމަށް ބުރަވެވޭކަމަށް ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ އެ މައްސަލައާއި ގުޅިގެން ކޮމިޝަނުން ކުރި ތަހުޤީޤައި ގުޅިގެން އެކުލަވާލައި، މިހާރު އާންމު ކޮށްފައިވާ ރިޕޯޓުގައެވެ.

ރިޔާސީ ކޮމިޝަނުގެ ރިޕޯޓު އާންމުކޮށްފައިވަނީ އެ ކޮމިޝަނުން ކުރިއަށްގެންދިޔަ ތަހުޤީޤު ރިޕޯޓު އެއްވެސް އުނި އިތުރެއް ނުގެނެސް ޝާއިއު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އެންގެވުމާއި ގުޅިގެންނެވެ.

ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި މައްސަލައިގައި ކަން ހިނގައިދިޔަ ގޮތާއި އޭގެ ވަށައިގެން ހިންގައި ދިޔަ ކަންކަމުގެ އިތުރުން އެކި ފަރާތްތަކުން ކޮށްފައިވާ ތުހުމަތުތަކަށް ވަނީ ރިއާޔަތްކޮށްފައިވެއެވެ. މީގެ ތެރޭގައި ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ހ. ފެންޓޮނޯއީ ގެއަށް އޭނާ ދިއުމާއި، ވެއްޓުނު ފަހުން ކަން ހިނގައި ދިޔަ ގޮތާއި ފުލުހުން ޢަމަލުކުރި ގޮތާއި ހޮސްޕިޓަލާއި ދައުލަތުގެ އެހެނިހެން އިދާރާތަކުން ޢަމަލުކުރި ގޮތަށް ވަނީ ބަލާފައެވެ.

ރިޕޯޓްގައިވާގޮތުން ހ. ފެންޓޮނޯއީ ގެއަށް ޔުމްނު އަދި މިމައްސަލައިގައި ދެން ޝާމިލްވާ ރައުދު އަހުމަދު ޒިލާލް ގޮސް ވަދެފައިވަނީ އަމިއްލަ އިޙުތިޔާރުގައި ކަމަށް އެކި ފަރާތްތަކުގެ ބަޔާންތަކާއި ހަވާލާދީ ކޮމިޝަނުން ވަނީ ބުނެފައެވެ. މީގެ އިތުރުން، އެރޭ ހިނގައި ދިޔަ ކަންކަމުގެ ސީސީޓީވީ ފުޓޭޖު ފޮހެލަން މަސައްކަތްކޮށް ނުވަތަ ބަދަލެއް ގެނެސްފައި ނުވާކަން ކޮމިޝަނާއި ހިއްސާކުރި ފުޓޭޖުތަކުން އެނގޭކަމަށް ރިޕޯޓުގައިވެއެވެ.

ކޮމިޝަނުން ވިދާޅުވީ އެ ހާދިސާ ހިނގި ރޭ ޔުމްނު އަދި ރައުދު ތިބީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ކޮށްފައިވާ ތަހުލީލުތަކުންނާއި އެމީހުންނާއެކު ހާދިސާ ހިނގުމުގެ ކުރިން އުޅުނު މީހުންގެ ބަޔާންތަކުން އެންގެން އޮތުމާއެކު މަސްތުގެ ހާލަތައް އައީ އަމިއްލަ އިޙްތިޔާރުގައި ކަން އެނގޭކަން ފާހަގަކޮށްފައިވެއެވެ. އަދި ހާދިސާއާއި ގުޅޭ އެއްވެސް ކަމެއް ރައުދު ހަނދާން ނެތްކަމަށް ބުނެފައިވުމާއެކު މަސްތުގެ ހާލަތުގައި ތިބެ ހިނގި ކަންތަކުގެ ޒިންމާ ނަގަންޖެހޭނީ އަމިއްލައަށް ކަމަށްވުމުން، ޔުމްނު ވެއްޓުމުގައި ރައުދުގެ އިހުމާލެއް އޮތްކަމަށް ބުރަވެވޭ ކަމަށް ކޮމިޝަނުން ވިދާޅުވިއެވެ. އަދި ކަންކަން ހިނގާފައިވާގޮތުން ޔުމްނު ވައްޓާލީ ކަމަށް ބެލުމުގެ ފުރުސަތު ހަނިކަމަށްވެސް ކޮމިޝަނުގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ހ. ފެންޓެނޯއީގޭގެ 9 ވަނަ ފަންގިފިލާގެ ސިޑިގޮޅީގައި ހުރި ކުޑަދޮރުން ޔުމްނު ފުންމާލީ ކަމަށް އަދި ވައްޓާލީ ކަމަށްވެސްވެސް ބެލެވެން ނެތް ކަމަށާއި ބޮޑަށް ބުރަވެވެނީ ޔުމްނު ވެއްޓުނީ ކަމަށް ކޮމިޝަނުން ވަނީ ވިދާޅުވެއެވެ.

މިމައްސަލާގައި މުޢައްސަސާތަކުން ޢަމަލުކޮށްފައިވާ ގޮތަށްވެސް ކޮމިޝަނުގެ ތަހުޤީޤުގެ ތެރެއިން ވަނީ ބަލާފައެވެ. މިިގޮތުން ހޮސްޕިޓަލާއި ހަމައަށް ގެންދިއުމާއި ފަރުވާ ދިނުމުގައި އިޖުރާޢަތްތަކާޢި އެއްގޮތަށް ޢަމަލުކޮށްފައިވާކަމަށް ރިޕޯޓްގައިވެއެވެ. އެހެން ނަމަވެސް އޭގެ ފަހުން ތަހުޤީޤު ކުރިއަށް ގެންދިއުމުގައި އިދާރާތަކުން ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ރަނގަޅު ކުރަން ފެންނަ ކަންކަން ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މިމައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާގޮތް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ތަޙުޤީޤުކޮށް، ލަފާ ދިނުމަށްޓަކައި ޚާއްޞަ ކޮމިޝަނެއް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ މިދިޔަ އެޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ.

ރިޔާސީ ކޮމިޝަނާއި ހަވާލުކުރެވުނު މަސައްކަތް ފުރިހަމަކޮށް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ރިޕޯޓު ހުށަހެޅުއްވީ، ކޮމިޝަން އުފެއްދެވިތާ 52 ދުވަހުގެ ތެރޭއެވެ. މިއީ ރިޔާސީ ކޮމިޝަނެއްގެ މަސައްކަތް މިހާ ކުރު މުއްދަތެއްގައި ނިންމާ ރިޕޯޓް ހުށަހެޅި ފުރަތަމަ ފަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ. އަދި މިއީ މިފަދަ ކޮމިޝަނެއްގެ ރިޕޯޓް އެއްވެސް އުނި އިތުރެއް ނުގެސް މިހާ އަވަހަށް އާއްމުކުރެއްވި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.