ފީފާ ކުލަބު ވޯލްޑް ކަޕުގައި ޖަޕާނުގެ އުރާވާ ރެޑްސްއާ ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން އާޖެންޓީނާގެ ރިވަރ ޕްލޭޓް ކާމިޔާބުކޮށްފިއެވެ.
އެމެރިކާގެ ސިއޭޓަލްގެ ލުމެން ފީލްޑް ގައި ކުޅުނު މި މެޗުގެ 12 ވަނަ މިނިޓުގައި ރިވަރ ޕްލޭޓް އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފަކުންޑޯ ކޮލިޑިއޯ އެވެ.
ރިވަރ ޕްލޭޓް އިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި އެންމެ ލަނޑެއް އެ ޓީމަށް ޖެހުނު ނަމަވެސް އިތުރު ލަނޑުތަކެއް ޖަހާނެ ރަގަޅު ފުރުސަތުތަކެއް އެ ޓީމަށް ވަނީ ލިބިފަ އެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ރިވަރ ޕްލޭޓްގެ ސެބަސްޓިއަން ޑްރިއުސީ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ނަމަވެސް އޭގެ ދިހަ މިނިޓު ފަހުން އުރާވާ ރެޑްސް އަށް ލިބުނު ޕެނަލްޓީ އަކުން ޔަސޫކޭ މަޓްސުއޯ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ.
ރިވަރ ޕްލޭޓް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 73 ވަނަ މިނިޓުގައި މާކޮސް އަކޫނިއާ ދިން ޕާހަކުން މެކްސިމިލިއާނޯ މޭޒާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި މުބާރާތުގައި ރިވަރ ޕްލޭޓް ދެން ނިކުންނާނީ މެކްސިކޯގެ މޮންޓެރޭ އާއި ދެކޮޅަށެވެ. އަދި އުރާވާ ރެޑްސް އާއި ދެކޮޅަށް ނިކުންނާނީ ދާދި ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި އިޓަލީގެ އިންޓަރ މިލާނެވެ.