ޚަބަރު

ކޮޅުފުށީ 100 ހައުސިން ޔުނިޓަށް ފެނާއި ކަރަންޓު ގުޅުމުގެ މަސައްކަތް ފަށަން ތައްޔާރުވަނީ


  • ހައުސިން ޔުނިޓްތަކަށް ފެނާއި ކަރަންޓު ގުޅުމުގެ މަސައްކަތް ފެށިފައިނުވަނީ ބަޖެޓުކޮށްފައިނުވާތީ

  • ޚާއްސަ މަޝްރޫޢެއްގެ ގޮތުގައި ފައިސާ ހަމަޖައްސާދިނުމަށް މިހާރު ވަނީ ރައީސް އޮފީހުގައި އެދިފައި

މ. ކޮޅުފުށީގައި ތަރައްޤީކޮށްފައިވާ 100 ހައުސިން ޔުނިޓަށް ފެނާއި ނަރުދަމާއާއި ކަރަންޓު ގުޅުމުގެ މަސައްކަތް ފެށުމަށްޓަކައި ތައްޔާރުވަމުން އަންނަކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ކޮޅުފުށީ 100 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް އެ ތަނުގައި ޔުޓިލިޓީގެ އެއްވެސް ޚިދުމަތެއް ޤާއިމުކޮށްފައިނެތުމުން އެއްވެސް މީހަކަށް އެތަންތަން ހަވާލުކޮށްފައެއް ނުވެއެވެ. ހައުސިން ޔުނިޓުތަކުގައި ޔުޓިލިޓީގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ފެށުން ލަސްވާތީ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ވަނީ މައްސަލައެއް ހުށައަޅާފައެވެ. މި މައްސަލައަށް ޖަވާބުދާރީވުމަށް ކަމާ ބެހޭ އިދާރާތައް ކޮމިޓީއަށް ވަނީ ޙާޒިރުކޮށްފައެވެ.

މި މައްސަލައާ ގުޅޭގޮތުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ ލިބިފައިވާ ބަޖެޓުން ހައުސިން ޔުނިޓުތަކަށް ޔުޓިލިޓީ ޚިދުމަތް ގުޅަން ދަތިކަމާއި ފައިސާ ބޭނުންވާކަމަށް ވިދާޅުވެ، ފެނަކަ ކޯޕަރޭޝަންގެ ޕްރޮޕޯސަލެއް މިދިޔަ އާދިއްތަ ދުވަހު ވުޒާރާއަށް ލިބުނު ކަމަށެވެ. އަދި ޕްރޮޕޯސަލް ލިބުމާއެކު ފައިސާ ހަމަޖައްސައިގެން ޚާއްސަ މަޝްރޫޢެއްގެ ގޮތުގައި މަސައްކަތް ކުރިއަށްގެންދަން ރައީސް އޮފީހުގައި އެދިފައިވާކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ހައުސިން ޔުނިޓު މަޝްރޫޢާ ގުޅޭގޮތުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ ހައުސިން ޔުނިޓުތަކުގައި ޔުޓިލިޓީ ގުޅާފައި ނުވަނީ ހައުސިން ޔުނިޓުތައް އަޅަމުންދިޔައިރު، ފެނާއި ނަރުދަމާގެ މަސައްކަތް ކޮޅުފުށީގައި ނިމިފައިނުވާތީ ކަމަށެވެ. އެހެންނަމަވެސް މިހާރު އެ މަސައްކަތް ފަށާތާ 20 ހަފުތާގެ ތެރޭގައި މަސައްކަތް ނިމޭނެކަމަށް އިމާރާތްކުރުމާ ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.