ރިޕޯޓް

މިއަދަކީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ 51 އަހަރު ފުރޭ ދުވަސް


މިއަދަކީ ދިވެހިރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުނުތާ 51 އަހަރު ފުރޭ ދުވަހެވެ. ދިވެހިރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބިފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އެއީ، އިނގިރޭސިވިލާތުގެ އަޅުވެތިކަމުގެ ދަށުންނެވެ. އިނގިރޭސިވިލާތަކީ، ރާއްޖެ ހިމެނޭ ސަރަޙައްދުގެ އެތައް ޤައުމެއް އަޅުވެތިކޮށް، އެޤައުމުގެ ބާރު ހިންގަމުން އައި ޤައުމެކެވެ.

ދިވެހިރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބިފައިވަނީ ރައީސް މަރުޙޫމް އިބްރާހީމް ނާޞިރުގެ ވެރިކަމުގައި އެމަނިކުފާނު ވަރުގަދަ ޢަޒުމާއި ޙިކުމަތްތެރިކަމާއެކު ދޫދެއްވުމެއް ނެތި ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުންނެވެ. އިނގިރޭސިވިލާތުގެ އަތްދަށުން ރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބިއްޖެކަން ބަޔާންކުރެވިގެންދިޔަ އެގްރިމަންޓްގައި ސޮއިކުރީ ސްރީލަންކާގެ ވެރިރށް ކޮޅުނބުގައި ބޭއްވުނު ކުޑަ ރަސްމިއްޔާތެއްގައެވެ. ދިވެހިރާއްޖޭގެ ފަރާތުން މިނިވަން ދިވެހިރާއްޖެ ބަލައިގަންނަވައި، އެ އެގްރިމަންޓްގައި ސޮއިކުރެއްވީ ރައީސް އިބްރާހީމް ނާޞިރުއެވެ.

ދިވެހިން، ދިވެހިރާއްޖޭގެ ޙަޔާތުގައި އެކި ދުވަސްވަރު ތަފާތު އުފާވެރި މުނާސަބަތުތައް ފާހަގަކޮށްފައިވާނެއެވެ. ދިވެހިރާއްޖެއަށް އިސްލާމް ދީނުގެ އަލިކަން ލިބުމަކީ މުހިންމު މުނާސަބަތެކެވެ. ޕޯޗްގީޒުންނާ ހަނގުރާމަކޮށްގެން ނަޞްރު ލިބި، ދިވެހިން ހޯދި މިނިވަންކަމަކީ މުހިންމު މުނާސަބަތެކެވެ. މަލާބާރީންނާއި ހަނގުރާމަކޮށްގެން ނަޞްރު ލިބި ދިވެހިން ހޯދި މިނިވަންކަމަކީ މުހިންމު މުނާސަބަތެކެވެ. ދިވެހިރާއްޖެއަށް އިނގިރޭސިންގެ ކިބައިން ސިޔާސީ މިނިވަންކަން ލިބުމަކީވެސް މުހިންމު މުނާސަބަތެކެވެ. 1988 ވަނަ އަހަރު ބޭރުގެ ޓެރަރިސްޓުންނާ ހަނގުރާމަކޮށް ނަޞްރު ލިބުމަކީވެސް މުހިންމު މުނާސަބަތެކެވެ. ރާއްޖޭގެ ރައްޔިތުން އަމިއްލަ ޤާނޫނޫ އަސާސީއެއް އެކަށައަޅައި 1932 ގައި އެއަށް ޢަމަލުކުރަން ފެށުމާއި އޭގެ ފަހުން 1997 ގައި ތަންފީޒުކުރަން ފެށި ޤާނޫނު އަސާސީ ލިބުމާއި 2008 ގައި އައު ޤާނޫނު އަސާސީއަކުން ދައުލަތުގެ ބާރުތައް ވަކިކުރުމާއި ޑިމޮކްރެޓިކް ހަރުދަނާ ވެރިކަމުގެ ނިޒާމަކާއި ޤާނޫނު އަސާސީއަކުން ހޯދި ޙައްޤުތައް ތަންފީޒުކުރަން ފެށުމަކީވެސް މުހިންމު މުނާސަބަތުތަކެކެވެ. މިއިން ކޮންމެ މުނާސަބަތެއްގައި ދިވެހިން އުފާކުރިއެވެ. ފަޚުރުވެރިވިއެވެ. ފިލާވަޅުތަކެއް ލިބިގަތެވެ. އަދި އެއިން ކޮންމެ ފަހަރަކު ދިވެހިންނަށް ލިބުނު ފަހިކަމާއެކު ޤައުމު ބިނާކޮށް އާރާސްތުކުރުމުގެ ހިއްވަރު ލިބިގަތެވެ. img:http://s3.psmnews.mv/images/660x400/14695178317349.jpg|ރާއްޖެއަށް ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން -

ދިވެހިރާއްޖޭގެ މިއަދު ތާރީޚަށް ބަލާއިރު، މިއަދުގެ ޖީލުގައި އިސްލާމް ދީނުގެ މިނިވަން ނެތް ދިވެހި ޤައުމެއް ދުށް އެއްވެސް މީހަކު ނެތެވެ. 1988 ގައި ކުރި ހަނގުރާމަ ފިޔަވައި އެހެން ހަނގުރާމައެއް ދިވެހިން ކުރިތަން ދުށް މީހަކު ނެތެވެ. އަދި ސިޔާސީ މިނިވަންކަން ނެތް ދުވަސް ދުށް މީހުން ވަރަށްމަދެވެ. ދެރަ ޙާލަތެއް ތަޖުރިބާނުކުރާ މީހުން ފަސޭހަ ޙާލަތުގައި އުޅޭއިރު ދެރަޙާލަތު އަނބުރާ އަތުވެއްޖެނަމަ ވާނެގޮތް ވަޒަން ނުކުރެވޭނެ ކަމަށް ވިސްނުންތެރިން ބުނެއެވެ.

ޤައުމަކަށް އެކިޙާލަތުގައި މިނިވަންކަން ހޯދައިދެނީވެސް އަދި އެޙާލަތު ދަމަހައްޓަނީވެސް އެ ޤައުމުގެ އަގުހުރި ދަރިންނެވެ. އެކަން ދެމެހެއްޓުމަށް މަސައްކަތްކުރަން ނުޖެހޭ އެއްވެސް ދުވަހެއް ޤައުމަކަށް ނާންނާނެއެވެ. އެކަމަށް ފަރުވާކުޑަކުރާ ކޮންމެ ފަހަރަކު އެކަމުގެ ހިތި ނަތީޖާ ފެންނަކަން ދިވެހިރާއްޖޭގެ ތާރީޚުންނާއި ދުނިޔޭގެ އެކި ބައްރުތަކުން އިއްޔެވެސް އަދި މިއަދުވެސް ފެންނަމުން އެބަދެއެވެ. މިކަންކަން ރާއްޖެއިން ފެނިފައިވާކަން އެއްވެސް ދިވެއްސަކު އެންމެ ހިނދުކޮޅަކަށްވެސް ހަދާން ނައްތާލައިގެން ނުވާނެއެވެ.

ދުނިޔޭގެ ތާރީޚަށް އަދި ރާއްޖޭގެ ރާއްޖޭގެ ތާރީޚަށް ނަޒަރު ހިންގާލިޔަސް ސާފުކޮށް އެނގޭ އެއްކަމަކީ، ޤައުމުތަކުގެ މިނިވަންކަމަށް ލޮޅުންއަރާ ސަބަބުތަކުގެ ތެރޭގައި ދާޚިލީ ހަމަނުޖެހުންތަކުގެ ފައިދާ ބޭރުގެ ފަރާތްތަކުން ހޯދުން ހިމެނެއެވެ. އަދި ބާރުގެ ނުވަތަ މާލީ ބޭނުންތަކަށް ބޭރުގެ ޓެރަރިސްޓުންނަށް ޤައުމުގެ ދޮރުތައް ހުޅުވައިދިނުންވެސް ހިމެނެއެވެ. މިފަދަ ކަންކަން ދިމާވާ ޙާލަތްތައް ކުރިމަތިވަނީ އެ ޤައުމެއްގެ ޤާނޫނާއި ހަމަޖެހިފައިވާ ނިޒާމުން ބޭރުން ބާރު ހޯދުމަށް މަސައްކަތްކުރުމާއި މާލީ މަންފާހޯދުމަށް މަސައްކަތް ކުރުމާއި ދީނީ ޚިޔާލުތަފާތުވުން ނުވަތަ ޚިލާފުތަކާއި ހައްދެއްނެތް ސިޔާސީ ވާދަވެރިކަން ހިންގުން ފަދަ ސަބަބުތަކާހެދިއެވެ. މިކަންކަންވެސް ދުރާއި ގާތުން ފެންނަމުންދެއެވެ.

ޤައުމަކަށް ކުރިއެރުން ލިބެނީ އެ ޤައުމެއްގައި މިނިވަންކަމާއި ހަމަޖެހުމާއި ޞުލްޙަވެރިކަން އޮތް މިންވަރެއްގެ މައްޗަށެވެ. މިފަދަ ކަންކަމުގައި އަމާންކަމާއި ފަހިކަން އޮންނަ މިންވަރަކުން ޤައުމު ބިނާކުރުމުގެ މަސައްކަތް ކުރެވެއެވެ. އަދި އެކަމުގެ ދުވެލި އަވަސްވެއެވެ. ޤައުމުގެ އިޤްތިޞާދު ރަނގަޅުވެއެވެ. އަދި އިޤްތިޞާދީ ދުޅަހެޔޮކަން ލިބޭ މިންވަރަކުން އިޖްތިމާޢީ ކުރިއެރުން ލިބި، މީހުންގެ ހިތްތަކުގައި އުފާވެރިކަން އާވެއާލާވެއެވެ.

ދިވެހިރާއްޖެ މިނިވަންކަމުގައި ހޭދަކުރި 51 އަހަރަކީ ރާއްޖެއަށް ތަރައްޤީގެ ގޮތުން ކުރިއެރުން ލިބިފައިވާ އަދި ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ޙަރަކާތްތެރި ދައުރެއް އަދާކުރި މުއްދަތެކެވެ.ޚާއްޞަކޮށް ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމާއި ދިވެހިންނަށް ރާއްޖެއިން ބޭރުން މަތީތަޢުލީމުގެ ފުރުޞަތުތައް ތަނަވަސްކުރުމާއި ބޭރު ޤައުމުތަކާއި ބައިނަލްއަޤުވާމީ ޖަމާޢަތްތަކުގެ އެހީލިބުންފަދަ ކަންކަން ފާހަގަކުރެވެއެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ދިނީ ހޭލުންތެރިކަން އިތުރުކޮށް، ޞިއްޙީ ފަރުވާގެ އިންތިޒާމްތައް ކުރުމާއި ޢުމްރާނީ ތަރައްޤީގައި ހޯދިފައިވާ ކާމިޔާބު ފާހަގަކުރެވެއެވެ.