ކުޅިވަރު

ސިޓީގެ ކެޕްޓަންކަން ސިލްވާއަށް


މެންޗެސްޓާ ސިޓީގެ ކެޕްޓަންކަން ޕޯޗުގަލްގެ ބެނާޑޯ ސިލްވާއަށް ދީފިއެވެ.

އުމުރުން 30 އަހަރުގެ މިޑްފީލްޑަރަށް ކެޕްޓަންކަން ދިނީ ކޯޗު ޕެޕް ގާޑިއޯލާ އެވެ. ސިލްވާ ކެޕްޓަން ކަމަށް ހަމަޖެއްސީ އާއްމުކޮށް ގާޑިއޯލާ އެކަން ކުރާ އުސޫލާ ހިލާފަށެވެ. މީގެ ކުރިން އޭނާ ޓީމުގެ ކެޕްޓަން ހަމަޖައްސަނީ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ވޯޓު ނަގައިގެންނެވެ. ނަމަވެސް ސިޓީގައި ސިލްވާ ހޭދަކުރާނެ ފަހު ސީޒަނުގައި އޭނާގެ އަތަށް ބޭންޑް ދޭން ނިންމީ ގާޑިއޯލާ އަމިއްލަ އަށެވެ.

މނީގެ އިތުރުން ވައިސް ކެޕްޓަނުންގެ ގޮތުގައި ހަމަޖެއްސީ ސްޕޭނުގެ މިޑްފީލްޑަރު އަދި ޔޫރަޕުގެ މޮޅު ކުޅުންތެރިޔާ ރޮޑްރީ އާއި ޕޯޗުގަލްގެ ޑިފެންޑަރު ރުބެން ޑިއާސް އާއި ނޯވޭގެ ފޯވަޑް އާލިން ހާލަންޑް އެވެ.

"މިއީ އަހަރެންގެ ހަޔާޓުގައި އަހަރެން އަމިއްލަ އަށް މީހަކު ގާތުގައި އަހާ ވެސް ނުލާ ކެޕްޓަންކަން ކަނޑައެޅި ފުރަތަމަ ފަހަރު. އަހަރެން މި ކަން ކުރީ ހުސްވި ސީޒަނުގެ ދެރަ ނަތީޖާ އަށް ބަލާފައި. ބައެއް ފަހަރު އަހަރެން ވާން އެބަޖެހޭ ބޮސް އަށް. މި ޓީމުގައި ކުރި އަށް ސީޒަނުގައި ކޯޗަކަށް ހުންނާނީ އަހަރެން. އެހެންވީމާ މިއީ އަހަރެން ނިންމަން ބޭނުންވި ގޮތް،" ގާޑިއޯލާ ބުންޏެވެ.

2017 ވަނަ އަހަރު ފްރާންސްގެ މޯނާކޯއިން ސިޓީ އަށް ބަދަލުވި ސިލްވާ ކުރި އަށް އޮތް ސީޒަން ނިންމާފައި ބަދަލުވާނީ ޕޯޗުގަލްގެ ބެންފީކާ އަށެވެ.

ސިޓީގެ ކެޕްޓަންކަން ހުސްވީ އެ މަގާމު އެންމެ ފަހުން ފުރަމުން ދިޔަ ދެ ކުޅުންތެރިން ކަމަށްވާ ކައެލް ވޯކާ އާއި ކެވިން ޑި ބްރޭނާ ކުލަބު ދޫކޮށްލުމުންނެވެ. ނަމަވެސް ސިޓީގެ އެންމެ ކާމިޔާބު ސީޒަނުގައި ބޭންޑް އެޅި ތަޖުރިބާކާރު މިޑްފީލްޑަރު ޖަރުމަނުގެ އިކާއީ ގުންޑޮގަން އެއް ސީޒަނަށް ފަހު މިދިޔަ ސީޒަނުން ފެށިގެން ޓީމުގައި އެބަހުއްޓެވެ. ބާސެލޯނާގައި އެއް ސީޒަން ހޭދަ ކުރުމަށްފަހު އަލުން އެނބުރި ސިޓީ އަށް ބަދަލުވި ގުންޑޮގަން ކެޕްޓަނުންގެ ތެރޭގައި ނުހިމެނީ ކީއްވެ ކަމެއް ގާޑިއޯލާ ނުބުނެ އެވެ. ނަމަވެސް އޭނާ ބުނީ ކުލަބު ވޯލްޑް ކަޕަށް ފަހު ފަހަރުގައި ކެޕްޓަނުންގެ ޓީމަށް އެކަކު ނޫނީ ދެ މީހަކު އިތުރުކޮށްފާނެ ކަމަށެވެ.

ޒުވާން ފޯވަޑް ހާލަންޑް ކެޕްޓަނުންގެ ތެރޭގައި ހިމެނީ ކީއްވެކަން ބާސެލޯނާގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ގާޑިއޯލާ ތަފްސީލު ކޮށްދިނެވެ.

"އޭނާ އަދި ވަރަށް ޒުވާން. އެކަމަކު އޭނާ އެބަޖެހޭ ކެޕްޓަންކަމަކީ ކޮބާކަން ދަސްކުރަން. އޭނާ އަކީ މި ކުލަބުގައި އަދި ވަރަށް ގިނަ ދުވަހު ހުންނާނެ ކުޅުންތެރިއެއް،" ގާޑިއޯލާ ބުންޏެވެ.

ހާލަންޑް ވަނީ ހުސްވި އަހަރު ސިޓީއާއެކު 10 އަހަރުގެ އެގްރީމަންޓެއްގައި ސޮއިކޮށްފަ އެވެ.