ރާއްޖެއަށް މުހިންމު ދާއިރާތަކުން ޑޮކްޓަރުން ތަމްރީނުކުރުމުގެ އިތުރު ފުރުޞަތުތައް މެރކް ފައުންޑޭޝަން މެދުވެރިވެގެން ހޯދުމަށް މަޝްވަރާތަކެއް ކުރައްވަމުންގެންދަވާކަމަށާއި، އެފަދަ ފުރުޞަތުތައް ލިބޭޏެކަމުގެ އުންމީދު އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ ދުބާއީގައި މިހާރު ކުރިއަށްދާ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވްގެ 7 ވަނަ ސަމިޓުގެ އިފްތިތާޙީ ސެޝަންގައި، ތަޤުރީރުކުރައްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، މީގެ މަހެއްހާ ދުވަސް ކުރިން ދިވެހި ރާއްޖޭގައި މާރކް ފައުންޑޭޝަންގެ ވެރިންނާއި ބައްދަލުކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ. މި ބައްދަލުވުމުގެ ތެރެއިން ދިވެހި މުޖްތަމަޢުގެ އާންމު ސިއްޙަތާއި ދުޅަހެޔޮކަން ކުރިއެރުވުމަށް މަޝްވަރާތަކެއް ކުރެވުނު ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ މީގެ 8 މަސް ކުރިން ޓެންޒޭނިއާގައި ބޭއްވި ބައްދަލުވުމަށް ފަހު މިހާރު ރާއްޖޭގެ ޑޮކްޓަރުންނަށް ދައިމައިވުމުގެ ސިއްޙަތާއި ގުޅޭ ތަމްރީނުތައް ހޯދުމަށް ސްކޮލާޝިޕް ފުރުސަތުތައް ފަހިވެގެން ގޮސްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރުވެސް މިދަނީ އަޅުގަނޑުމެންގެ ޑޮކްޓަރުން ރާއްޖެއަށް މުހިންމު އެހެން ދާއިރާތަކުން ތަމްރީނުކުރުމަށް ފުރުސަތު ހޯދުމަށް މަޝްވަރާކުރަމުން. މި ވޭތުވެދިޔަ މަސްތަކުގައި އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތުން ވަރަށް ބަދަހި ގުޅުމެއް ޤާއިމްކުރެވިއްޖެ. އެހެން ކަމުން އަޅުގަނޑުގެ އުއްމީދަކީ މިކަން ފަހިވެގެން ދިއުން " ރައީސުލްޖުމްހީރިއްޔާ އަނބިކަނބަލުން ވިދާޅުވިއެވެ.
އެކަމަނާގެ ވާހަކަފުޅުގައި ރާއްޖޭގެ އާންމު ސިއްޙަތުގެ ނިޒާމު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން ރަނގަޅު ގުޅުންތަކެއްގެ ތެރެއިން، ނިޒާމަށް ހެޔޮބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. މިގޮތުން ސިއްޙީ ނިޒާމުގެ ވަސީލަތްތައް ތަރައްޤީކުރުމާއި، ދަރިމައިވުމުގެ ސިއްޙަތައް އާންމުން ހޭލުންތެރިކުރުމާއި، ކެންސަރު ބައްޔަށް ސްކްރީންކޯށް އެކަމަށް ހޭލުންތެރިކުރުމާއި، ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ޚިދުމަތް އިތުރަށް ތަރައްޤީކުރުން ފަދަ މުހިންމު ކަންކަން ހުރިކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މިއާއެކު ސިއްޙީ ނިޒާމުގައި އަންހެނުންގެ ޤަބިލިއްޔަތުކަން އިތުރުކުރުމަށް މަސައްކަތް ކުރަން ޖެހޭކަންވެސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މެރކް ފައުންޑޭޝަންގެ ފަސްޓް ލޭޑީ ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ އެހެން ޤައުމުތަކުގެ ރައީސުންގެ އަނބިކަނބަލުންނާއި ބައްދަލުކުރައްވާ، ރާއްޖެއިން މިހާރު އުފަންވެނިވި ސިއްޙަތުގެ ދައިރާން ހޭލުންތެރިކުރުމަށް ކުރުމަށް މެރކް ފައުންޑޭޝަންގެ އެހީގައި ކުރެވޭ މަސައްކަތްތައް ހިއްސާ ކުރައްވާފައެވެ. މީގެ އިތުރުން އަންހެނުންނަށް ކުރެވޭ އަނިޔާއާއި އަންހެނުން ބާރުވެރިކުރުމަށް ކުރެވޭ މަސައްކަތްތަކާއި، އަދި އެނޫންވެސް ސިއްޙީ މައްސަލަތަކުގެ މައުލޫމާތު އެކަމަނާ ސަމިޓުގެ ތެރެއިން ވަނީ ހިއްސާކުރައްވާފައެވެ. މިއާއެކު ރާއްޖޭގެ ހިންގުމުގެ ނިޒާމުގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ހިއްސާކޮށްދެއްވިއެވެ.
ދުބާއީގައި މިހާރު ކުރިއަށްދާ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވްގެ 7 ވަނަ ސަމިޓު ގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ ޝަރަފުވެރި މެހެމާނާއެއްގެ ހައިސިއްޔަތުންނެވެ.