ރާއްޖޭގެ ކޮންމެ ރަށެއްގައި މޯލްޑިވްސް ކޮލިޕިކޭޝަން އޮތޯރިޓީގެ ޢިމްތިޙާނު ހަދާ މަރުކަޒެއް ޤާއިމްކުރުމަކީ އަމާޒެއްކަމަށް އެ އޮޓޯރިޓީން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްކިއުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވީ ރަށްރަށުގައި ޢިމްތިޙާނު ހަދާ މަރުކަޒުތައް ތަރައްޤީކުރާނީ ކައުންސިލްތަކުގެ އެއްބާރުލުމާއެކުގައިކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް ކައުންސިލްތަކާއެކު މަޝްވަރާކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
ފިޒާނާ ވިދާޅުވީ ރަށްރަށުގައި ހަދާ އިމްތިހާން ހެދުމުގެ މަރުކަޒުތައް ކައުންސިލްތަކާ ގުޅިގެން ތަރައްޤީކުރި ނަމަވެސް އެތަންތަން ހުންނާނީ އެމްކިއުއޭގެ މިންގަނޑުތަކާއެއްގޮތަށް ކަމަށެވެ. އަދި މިފަދަ ތަންތަން ރަށްރަށުގައި ތަރައްޤީ ކުރުމުން ރަށްރަށުގައި އެކި އިންސްޓިޓިއުޓްތަކުން ކުރިއަށްގެންދާ ކޯސްތަކުގެ އިމްތިހާނުތައް ރަށުގައި ތިބެގެން ހެދޭނެކަމަށެވެ.
"އެކި ކޯސްތައް ކުރިއަށްގެންދާ ކުދި އިންސްޓިޓިއުޓްތަކުން ކުޑަ ފީ އެއް ދައްކައިގެން އިމްތިހާނުތައް ކުރިއަށްގެންދެވޭނެ. އެގޮތުން ކޮންމެ ތަނަކަށްވެސް ރަޖިސްޓްރީވެގެން އެގްޒާމް ކުރިއަށް ގެންދެވޭނެ. ދެރަށުން އެއް ރަށުގައި އެގްޒާމް ސެންޓަރެއް ޤާއިމްކުރެއްވިއްޖެނަމަ ވަރަށް ބޮޑު އެހީތެރިކަމަކަށްވާނެ." އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވިއެވެ.
އޮންލައިންކޮށް ނަގާ އިމްތިހާނުތައް މޮނިޓަރކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްވެސް އެމްކިއުކޭއިން އަންނަނީ ކުރަމުންނެވެ. އޮންލައިން އިމްތިހާނުތައް މޮނިޓަރކުރެވޭނެ ހަރުދަނާ މެކޭނިޒަމެއް ޤާއިމްކުރެވުމާއެކު، އޮންލައިންކޮށް ނަގާ އިމްތިހާނުތަކަކީ އެންމެ އެކަށޭނަ ގޮތަކަށް ނެނގޭ އިމްތިހާނުތަކެއްކަން ކަށަވަރުކުރުމަށް މަގުފަހިވާނެއެވެ.
ރާއްޖޭގައި ކޯސްތައް އޮންލައިންކޮށް ކިޔަވައިދިނުމުގެ ގައިޑްލައިންގެ ދަށުން އޮންލައިންކޮށް ކިޔަވައިދިނުމާއި ޢިމްތިޙާނު ނެގުން މަނާ 7 ދާއިރާއެއް އޮވެއެވެ. މި 7 ދާއިރާއަކީ މެޑިސިން އެންޑް ޑެންޓިސްޓްރީ، ޕްރެކްޓިކަލް ޑިސިޕްލިން އޮފް ހެލްތު ސައިންސަސް، ނާސިން، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން، އިންޖިނިއަރިން، އާކިޓެކްޗަރ އަދި ޓީޗިންއެވެ.