ޚަބަރު

ކުޑަކުދިންގެ އަދުލުގު ޤާނޫނުގެ ދަށުން ގާއިމުކުރާ ކަރެކްޝަނަލް މަރުކަޒުތަކުގެ ޤަވާއިދު އާންމުކޮށްފި


  • ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކުގެ ގަވާއިދު ހިންގާނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން

  • ޖުވެނައިލް ޑިޓެންޝަން ސެންޓަރާއި ލޯންގް ޓަރމް ސެކިޔޯ ފެސިލިޓީ ގާއިމުކުރާނެ

ކުޑަކުދިންގެ އަދުލުގު ޤާނޫނުގެ ދަށުން ޤާއިމުކުރާ ކަރެކްޝަނަލް މަރުކަޒުތަކުގެ ޤަވާއިދު އާންމުކޮށްފިއެވެ. މިއީ އިސްލާހީ ފިޔަވަޅުއެޅުމައްޓަކައި ދިގުމުއްތަކަށް ބަންދުގައި ބައިތިއްބަންޖެހޭ ކުޑަކުދިން ބޭތިއްބުމަށް ގާއިމުކުރާ މަރުކަޒުތަކެކެވެ.

ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކުގެ ގަވާއިދު ހިންގާނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިންނެވެ. މި ގަވާއިދުގެ ދަށުން ދެ ބާވަތެއްގެ މަރުކަޒުތައް ގާއިމުކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ޖުވެނައިލް ޑިޓެންޝަން ސެންޓަރާއި ލޯންގް ޓަރމް ސެކިޔޯ ފެސިލިޓީ ހިމެނެއެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި ޖުވެނައިލް ޑިޓެންޝަން ސެންޓަރުތަކަކީ ދިގު މުއްދަތަކަށް ބަންދުކުރަން ކޯޓުން ކަނޑައަޅާ ކުދިންގެ ތެރެއިން ނުރައްކާތެރި ކުށްކުރާ ކުދިން ފިޔަވައި އެހެން ކުދިން ބައިތިއްބަން ހަދާ މަރުކަޒުތަކެވެ. އަދި ލޯންގް ޓަރމް ސެކިޔޯ ފެސިލިޓީތަކަކީ ދިގު މުއްދަތަކަށް ބަންދުކުރަން ކޯޓުން ކަނޑައަޅާ ކުދިންގެ ތެރެއިން ޖިނާއީ ބޮޑެތި ކުށްކުރާ، އަދި މުޖުތަމައުއާ އެކަހެރިކޮށްގެން ގެންގުޅެން ޖެހޭ ކުދިން ބައިތިއްބަން ހަދާ މަރުކަޒުތަކެވެ.

މި ދެ ބާވަތުގެ މަރުކަޒުތައް ގާއިމުކުރަންޖެހޭނީ ބޮޑެތި މީހުން ބައިތިއްބާ ތަންތަނާ ވަކިން ކަމަށާއި އެތަންތަން ހުންނަވާނީ ކުއްޖާގެ އުމުރާއި ކޮށްފައިވާ ކުށާ އެކަށޭނެ ގޮތަށް ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އެ މަރުކަޒުތަކުގައި ތިބޭ ކުދިންނަށް ދީނީގޮތުންނާއި އިޖުތިމާޢީ، ތަޢުލީމީ، ނަފްސާނީ، ސިއްޙީ އަދި ޖިސްމާނީގޮތުން އަޅައިލިމާއި ރައްކާތެރިކަން ކަށަވަރުވެފައި ހުންނަންޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މަރުކަޒުގެ ޒިންމާތަކުގެ ތެރޭގައި ކުދިންގެ ސަމާލަތާއި ރައްކާތެރިކަމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމާއި ބަންދުކޮށްފައި ތިބޭ ކުދިންގެ އާންމު ހާލަތު ބެހެލެއްޓުމާއި މަރުކަޒުގައި ތިބޭ ކުދިންގެ އަމަލުތައް ބަލައި މޮނިޓަރކުރުމާއި ތަނުގެ އަމާންކަން ބެލެހެއްޓުން ހިމެނެއެވެ. އަދި މަރުކަޒުގައި ހަދާފައިވާ އުސޫލާ ޚިލާފުވާ ކުދިންނަށް އަަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި ކުދިންގެ އިންސާނީ ހައްގުތައް ކަށަވަރުކޮށް ރައްކާތެރިކުރުން މަރުކަޒުގައި ތިބޭ ކުދިން މުޖުތަމައުއަށް އަހުލުވެރިކޮށް އަލުން މުޖުތަމައުއަށް ނެރެން ތަފާތު އެކި ޕްރޮގްރާމުތައް ރާވައި ހިންގުމަކީވެސް އެ މަރުކަޒުތަކުގެ ޒިންމާއެކެވެ.

މި ގަވާއިދުގެ ދަށުން ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކުގައި ބަންދުގައި ތިބޭ ކުޑަކުދިންނާގުޅޭ ކަންކަމާއި ޕްރޮބޭޝަން ނުވަތަ ޕެރޯލްގެ ދަށުން ދޫކުރާ ކުޑަކުދިންގެ ކަންކަން ބަލަހައްޓައި، މޮނިޓަރ ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގައި ޚާއްސަ ޔުނިޓެއްވެސް ގާއިމުކުރަންޖެހޭނެއެވެ. މި ޔުނިޓުގައި މަސައްކަތް ކުރާ އޮފިސަރުންނަކީ ކުޑަކުދިންނާއެކު މަސައްކަތް ކުރުމަށް ޚާއްސަ ތަޢުލީމާއި ތަމްރީނު ލިބިފައިވާ ދެ ޖިންސުގެ އޮފިސަރުންނަށް ވާންޖެހޭނެ ކަމަށްވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން ޖިނާޢީ ކުށްތަކުގެ ޒިންމާ ނަގަންޖެހޭ އުމުރުފުރައަކީ 15 އަހަރުން މައްޗެވެ. ނަމަވެސް އެ އުމުރު ކުޑަކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.