ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 ފްލެޓުގެ މަސައްކަތްތައް ނިންމާ އަންނަމަހު ފްލެޓްތައް ލިބުން ފަރާތްތަކާ ޙަވާލުކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. މި 4000 ފްލެޓުގެ ޓަވަރުތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައްލަވާލައްވާފައެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެފްޑީސީއިން އިމާރާތްކުރަމުންދާ 4000 ފްލެޓުގެ މަސައްކަތް ކުރިއަށްދަނީ ޖުމްލަ 32 ޓަވަރަކަށް ބަހާލައިގެންނެވެ. މިއީ މާލޭ ސަރަޙައްދުގައި މިވަގުތު ހިންގާ ސޯޝަލް ހައުސިންގގެ އެންމެ ބޮޑު މަޝްރޫޢެވެ.
މި 32 ޓަވަރު ތަރައްޤީކުރުމަށް ޙަވާލުކޮށްފައިވަނީ އިންޑީއާގެ ދެ ކުންފުންޏަކާއެވެ. އޭގެ ތެރެއިން 16 ޓަވަރުގެ މަސައްކަތް ކުރަމުންދަނީ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑް، ކޭ.ޕީ.އައި.އެލްއާއެވެ. މި ޓަވަރުތަކަށް ދީފައިވަނީ "އަމާން އުދަރެސް" މި ނަމެވެ. އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަމުންދަނީ ނެޝެނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޯރޕަރޭޝަން، އެން.ބީ.ސީ.ސީއާ ޙަވާލުކޮށްގެންނެވެ. އެން.ބީ.ސީ.ސީން ތަރައްޤީކުރަމުންދާ 16 ޓަވަރަށް ދީފައިވަނީ "އަމާން ދޯދި" މި ނަމެވެ.
މި ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި، އަމާން ދޯދީގެ 16 ވަނަ ޓަވަރާއި، އަމާން އުދަރެހުގެ 12 އަދި 13 ވަނަ ޓަވަރުގެ ބައެއް ފްލެޓްތަކަށް އެމަނިކުފާނު ވަޑައިގެން ވަނީ ބައްލަވާލައްވާފައެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، ދައުލަތުގެ ބައެއް ވަޒީރުންގެ އިތުރުން ފަހި ދިރިއުޅުން ކޯރޕަރޭޝަނާއި، މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރިއަށްގެންދާ އިންޑިއާގެ 2 ކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ފްލެޓްތައް ބައްލަވާލެއްވުމުގެ އިތުރުން، އެތަންތަނުގައި މީހުން އާބާދުވާން ފަށަންވާއިރަށް ވަމުންދާ ތައްޔާރީތަކާއި، ކޮންޓްރެކްޓަރުންގެ ފަރާތުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު މި ޒިޔާރަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށްވަނީ އަރުވާފައެވެ.
މީޑީއާތަކަށް މަޢުލޫމާތުދެއްވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، މި ސަރުކާރު ޙަވާލުވީއިރު މަޝްރޫޢުގެ ސްޕީޑު ހުރި މިންވަރާއި އަޅާބަލާއިރު، މިހާރު ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. އެގޮތުން އިމާރާތުގެ ތެރޭގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްހެން މިހާރު ނިމިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، މި 4000 ފްލެޓުގެ މަސައްކަތު ސްކޯޕުގައި ޓަވަރުތަކަށް ބޭނުންވާ ފެނާއި ނަރުދަމާ ފަދަ ޔޫޓިލިޓީ ޚިދުމަތްތައް ގުޅައިދިނުން ހިމަނާފައި ނުވާކަމަށެވެ. އެހެންކަމުން ވަކި މަޝްރޫޢެއްގެ ގޮތުގައި ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީއާ ޙަވާލުކޮށްގެން އެ މަސައްކަތްތައް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވީ، ފްލެޓްތަކުގެ މަސައްކަތް ނިމެމުންދާ މިންވަރަކަށް ފްލެޓްތައް ލިބުނު ފަރާތްތަކާއެކު އެގްރީމަންޓް ހަދާ މިތަންތަން ދޫކުރުމުގެ މަސައްކަތް ޖުލައިމަހުގެ ތެރޭގައި ފެށިގެންދާނެކަމަށެވެ.
"އަޅުގަނޑުމެން އުއްމީދުކުރަނީ ޖުލައި މަހުގެ ތެރޭގައި އެގްރީމެންޓް ހެދުމުގެ މަސައްކަތާއި ތަން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެކަމަށް. މިއީ އެއްފަހަރާ ކުރިއަށްގެންދެވޭ ކަމަށްވުރެ ބޮޑަށް މަސައްކަތް ނިމެމުންދާ ވަރަކަށް ޙަވާލުކުރަމުން ގެންދެވޭނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އުއްމީދު މިކުރަނީ މިހާރު މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރުގައި ސެޕްޓެމްބަރުމަހުގެ ނިޔަލަށް 4000 ފްލެޓް ލިބުނު ފަރާތްތަކާ އެ ފްލެޓްތައް ޙަވާލުކޮށް އެ ތަންތާނގައި އެބޭފުޅުން ދިރިއުޅެން ފަށާނެކަމަށް." ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، މުޅި މަޝްރޫޢުގެ ސްކޯޕަށް ބަލާއިރު، އަމާން ދޯދީގެ ޓަވަރުތަކުގެ މަސައްކަތުގެ %96 އަދި އަމާން އުދަރެސް ޓަވަރުތަކުގެ %95 މަސައްކަތް ނިމިފައިވާކަމަށެވެ.
މި ޓަވަރުތަކުގައި ބާކީ އޮތީ ޔޫޓިލިޓީ ކަނެކްޝަންތަކުގެ މަސައްކަތް ފުރިހަމަކުރުން ކަމަށާއި، އެކަމަށް ޔޫޓިލިޓީ ކުންފުނިތަކުގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާކަން ހަމްދާން ފާހަގަކުރެއްވިއެވެ.
"މިހާރު ސަރުކާރުން ވަރަށް ބޮޑު އެއްބާރުލެއްވުމެއް އެބަދޭ އަޅުގަނޑުމެންނަށް. ސްޓެލްކޯ އަދި އެމްޑަބްލިޔުއެސްސީގެ ވަކިން ޓީމްތަކެއް ނަގައިގެން މަސައްކަތްތައް އެދަނީ ކުރިއަށް. ސްކޯޕުގައި ނުހިމެނޭ ކަންކަންވެސް ފުރިހަމަށްކޮށް މި ތަންތަނަށް ވީހާވެސް އަވަހަށް ރައްޔިތުންނަށް ވަދެވޭނެގޮތް ހަމަޖައްސައިދޭން. އެކްސްޕެކްޓް މިކުރަނީ އެންމެ ލަސްވެގެންވެސް ސެޕްޓެމްބަރަކަށް އެކަންކަން އެއްކޮށް ނިންމާލެވޭނެކަމަށް. މިހާރުވެސް ސްޓްރަކްޗަރަލް ހުރިހާ ކަމެއް އަދި ފިނިޝިންގ މަސައްކަތްތައްވެސް މިހުރީ ނިމިފައި." އެފްޑީސީގެ އެމްޑީ ހަމްދާން ވިދާޅުވިއެވެ.
މި 4000 ފްލެޓު ތަރައްޤީކުރުމުގެ މަސައްކަތް އިންޑިއާގެ ދެ ކުންފުންޏާ ޙަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. މިއީ ދިވެހި ސަރުކާރުގެ އިތުރުން އިންޑިއާގެ އެގްޒިމް ބޭންކުން ފައިނޭންސްކޮށްގެން ހިންގާ މަޝްރޫޢެކެވެ.
އެގޮތުން ކޭ.ޕީ.އައި.އެލްއާ ޙަވާލުކޮށްގެން ތަރައްޤީކުރާ 16 ޓަވަރުގެ މަޝްރޫޢަށް 137 މިލިޔަން ޑޮލަރު އަދި އެން.ބީ.ސީ.ސީއާ ޙަވާލުކޮށްގެން ތަރައްޤީކުރާ 16 ޓަވަރުގެ މަޝްރޫޢަށް 130 މިލިޔަން ޑޮލަރު ޚަރަދުވާނެކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ތެރެއިން ސަރުކާރުން ދައްކަންޖެހޭ ހުރިހާ ފައިސާއެއް މިހާރު ވަނީ ދައްކާ ނިންމާފައެވެ.
މި 4000 ފްލެޓް މަޝްރޫޢުގެ ތެރޭގައި ތަރައްޤީކުރަނީ 3 ކޮޓަރިއާއި 2 ކޮޓަރީގެ އެޕާޓްމެންޓްތައް ހިމެނޭ ގޮތުންނެވެ. އަދި ޓަވަރުތަކުގެ ތިރީ ދެ ފަންގިފިލާގައި ކޮމާޝަލް ޔުނިޓުތަކެއް ޤާއިމްކުރުމަށް އެފްޑީސީން ވަނީ ނިންމާފައެވެ. ފްލެޓުތައް އަޅާފައިވާ ސަރަހައްދުގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ޒަރޫރީ ތަކެތި ގަނެވޭނެ ފިހާރަތަކާއި ޒުވާނުންގެ ސެންޓަރުތަކާއި އޮފީސް ޖާގަތަކާއި ކެފޭ ރެސްޓޯރަންޓްތައް ހުންނާނެކަމަށް އެފްޑީސީން މައުލޫމާތުދެއެވެ.