ޚަބަރު

މިހާތަނަށް 1580 މީހުން ހައްޔަރުކޮށް 726 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވޭ: ވަޒީރު އިޙްސާން


  • އަތުލައިގަނެފައިވާ މަސްތުވާތަކެއްޗާއި ރަލުގެ އަގު 1.4 ބިލިޔަން ރުފިޔާއަށް އަރާ

  • މަސްތުވާތަކެތީގެ ޤާނޫނު އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށްދޭ

  • ވަސީލަތްތައް ޤާއިމްކޮށް އަންނަ އަހަރު މީހުން ތަމްރީނުކުރަން އިސްކަން ދޭނެ

މިވޭތުވެ ދިޔަ 18 މަސް ދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި 1580 މީހުން ހައްޔަރުކޮށް 700 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހިފަހައްޓާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މަސްތުވާތެކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލް ހިއްސާކުރައްވާ ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި ދާޚިލީ ވަޒީރު އިހުސާން ވިދާޅުވީ، ސަރުކާރުން މިމަސައްކަތް ކުރަނީ އެތެރެވާ މިންވަރު މަދުކޮށް މަސްތުވާތަކެތި ބޭނުންކުރާ މީހުން މަދުކުރުމަށް ކަމަށެވެ. އެގޮތުން އެތެރެކޮށް ދައުރުވާ މިންވަރު މަދުކުރުމަށް ވުޒާރާގެ ބެލުމުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކޮށް ވަޒީރު ވަނީ ބައެއް ތަފާސް ހިސާބުތައް ހިއްސާކޮށްފައެވެ.

މިހާތަނަށް ސަރުކާރުން ކުރެވުނު މަސައްކަތުގެ ތެރެއިން 726 ކިލޯގެ މަސްތުވާތަކެތި ވަނީ ހިފަހައްޓާފައެވެ. މީގެ އިތުރުން 14200 ރާފުޅިވެސް ހިފެހެއްޓިފައިވާކަން ދާޚިލީ ވަޒީރު ފާހަގަކުރެއްވިއެވެ. އެ ހުރިހާ އެއްޗެއްގެ މަގުމަތީގެ އަގު 1.4 ބިލިޔަން ރުފިޔާއަށް އަރާކަމަށް ވަޒީރު ވިދާޅުވިއެވެ.

" ބޮޑު އިންޑަސްޓްރީއަކަށް ބޮޑު ލޮޅުމެއް ގެނެވިއްޖެ. ކުރިއަށް އޮތްތާވެސް ބަލާނީ އެތެރެވާ އަދި ދައުރުވާ މަސްތުވާތަކެތި ހިފަހައްޓާ އޭގެ ވިޔަފާރި ހުއްޓުވުމަށް. މިކަމުގެ ތެރޭގައި ތަހުޤީޤު ފޯކަސް ކުރަނީ ވިޔަފާރިތަކާއެކު މަސައްކަތް ހުއްޓުވުމަށް. ކުރީގައި ފޯކަސް އޮތީ މަގުމަތީގައި ވިއްކާ މީހާ ހިފުމަށް." ދާޚިލީ ވަޒީރު އަލީ އިހުސާން ވިދާޅުވިއެވެ.

ރާއްޖެ އެތެރެކޮށް ދައުރުވާ މަސްތުވާތަކެތި ހުއްޓުވުމުގެ މަސައްކަތުގެ ތެރެއިން މިވޭތުވެ ދިޔަ 18 މަސް ދުވަހުގެ ތެރޭ 275 އޮޕަރޭޝަނެއްގައި 1580 މީހަކު ހައްޔަރުކޮށް މައްސަލަ ތަހުޤީޤުކޮށް ދައުވާކުރުމަށް މަސައްކަތް ކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިކަންކަމާއިއެކު، ސަރުކާރުން މަސްތުވާތަކެއްޗަށް އޮންނަ ޑިމާންޑް ކުޑަކުރުމަށް ރަނގަޅު ފަރުވާގެ ނިޒާމެއް ގެނައުމަށް މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވި ގޮތުގައި މިއަހަރާއި އަންނަ އަހަރުވެސް މިދާއިރާއިން އެންމެ ބޮޑު އިސްކަމެއް ދެވޭނީ އެކަށީގެންވާ ވަސީލަތްތައް ޤާއިމްކޮށް މީހުން ތަމްރީނު ކުރުމަށެވެ.

" މަސްތުވާތަކެތީގެ ޑިމާންޑް ދަށްކުރުމަށް ބަލާއިރު، މަސްތުވާ ތަކެތީގެ ޑިމާންޑާއި އެއްވަރުވާ ވަސީލަތްތަކެއް ރާއްޖޭގައި ޤާއިމްކޮށްފައި ނެތް. އެކަމަށް ފަރުވާ ދޭނެ ރަނގަޅު ނިޒާމެއް ޤާއިމްވެފައި ނެތް. މިއަހަރާއި އަންނަ އަހަރު މި ފޯކަސްކުރަނީ އެ ނިޒާމު ޤާއިމްކުރުމަށް. މިހާރު ހުރި މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކޮށް އެތަންތަނަށް ބޭނުންވާ މީހުން ތަމްރީނު ކުރުމުގެ މަސައްކަތައް މިއަހަރާއި އަންނަ އަހަރު ކުރާނަން." ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަޢުދުފުޅާއި އެއްގޮތަށް މިހާރުވެސް ރާއްޖޭގެ 3 ސަރަހައްދެއްގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދެވޭނެ ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަން ދާޚިލީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެ ރަށްތަކަކީ ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. ގަން މިއެވެ.

ސަރުކާރުން މިމައްސަލައަށް ދާއިމީ ހައްލެއް ގެންނައިރު ޤާނޫނުގެ ތެރެއިން މަސްތުވާތަކެތީގެ ޤާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު އިޙްސާން ވިދާޅުވިއެވެ. އަދި ދެން އަންނަ ނިޒާމުގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މުދާތައް ދައުލަތަށް ނެގި އެ މުދާތައް މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމުގެ އޮޕަރޭޝަންތަކުގައާއި ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް ބޭނުންކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.