ޚަބަރު

ރަސްމީ ބައްދަލުވުމުގެ މަންދޫބުންނާބެހޭ ޚަބަރު ދޮގުކުރެއްވުން


ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުން ރޭ ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައި، އިނގިރޭސިވިލާތާއި ޔޫރަޕިއަން ޔޫނިއަންގެ އެއްވެސް ޤައުމަކުން ބައިވެރިނުވާކަމަށް ބައެއް ފަރާތްތަކުން ފަތުރާ ޚަބަރު ދިވެހި ސަރުކާރުން ދޮގުކުރައްވައިފިއެވެ.

ސަރުކާރުން މިކަން ދޮގުކުރެއްވީ ބައެއް މީޑިއާތަކުންވެސް މި ފަދަ ޚަބަރުތައް ފެތުރުމާ ގުޅިގެންނެވެ.

img:http://s4.psmnews.mv/images/660x400/14696162938986.jpg|މިނިވަންދުވަހުގެ ރަސްމީ ބައްދަލުކުރެއްވުމުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވާ ގޮތުގައި ރޭގެ ރަސްމީ ބައްދަލުކުރެއްވުމުގައި، އިނގިރޭސި ޕާލަމެންޓްގެ ވަފުދެއް ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި އެބޭފުޅުން، ރައީސުލްޖުމްހޫރިޔާއާ ސަލާމްކުރައްވައި، މިނިވަންދުވަހުގެ ތަހުނިޔާ ވިދާޅުވިއެވެ. އަދި ބައްދަލުވުމުގެ ވަކި ހިސާބަކުން ޔޫކޭ ޕާލަމްންޓްގެ މެންބަރުންގެ ތެރެއިން ރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްލާމީ މަރުކަޒުގެ މާލަމެއްގައި ވަކިން ވަނީ ބައްދަލުކުރައްވާފައެވެ.

ރާއްޖޭގެ ފަންސާސް އެއްވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނަށް ތަހުނިޔާ ފޮނުއްވި ބޭރު ޤައުމުތަކުގެ ލީޑަރުންގެ ތެރޭގައި އިނގިރޭސިވިލާތުގެ ރާނީވެސް ހިމެނިވަޑައިގެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރޭ ބޭއްވެވި މިނިވަންދުވަހުގެ ރަސްމީ ބައްދަލުކުރެއްވުމުގައި، އީޔޫގެ މެންބަރު ޤައުމެއްކަމުގައިވާ ބަލްގޭރިޔާ ސަރުކާރުގެ މަންދޫބަކުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

img:http://s2.psmnews.mv/images/660x400/14696196609171.jpg|މިނިވަންދުވަހުގެ ރަސްމީ ބައްދަލުކުރެއްވުމުގެ ތެރެއިން- މި ބައްދަލުކުރެއްވުމުގައި ބޭރު ޤައުމުތަކުގެ މަންދޫބުންވެސް ބައިވެރިވެ ވަޑައިގެންފައިވޭ- ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ މިނިވަން ދުވަހުގެ އިޙްތިފާލްތަކުގައި ޢާންމު ގޮތެއްގައި ބައިވެރިވެވަޑައިގަންނަވަނީ ރާއްޖެއާއެކު އެކުވެރި ޤައުމުތަކާއި ރާއްޖެއަށް އެ ޤައުމުތަކުން، ސަފީރުން ނުވަތަ ހައިކޮމިޝަނަރުން ފަދަ މަންދޫބުން ކަނޑަޅައިފައިވާ ޤައުމުތަކުގެ އެފަދަ މަންދޫބުންނެވެ. ބޭރުގެ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ މަންދޫބުންގެ ތެރެއިން، ރާއްޖޭގައި ތިއްބަވާ މަންދޫބުން ބައިވެރިވެވަޑައިގެންނެވިނަމަވެސް މިނިވަން ދުވަހަށްޓަކައި ޢާންމު ގޮތެއްގައި ބޭރުގެ ޖަމްޢިއްތާ ޖަމާޢަތްތަކުގެ މަންދޫމުން ޢާންމު ގޮތެއްގައި ވަޑައިއެއް ނުގަންނަވައެވެ.

މިދިޔަ އަހަރު މިފަދަ ޖަމްޢިއްޔާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަތީ، މިދިޔަ އަހަރު ފާހަގަކުރެއްވީ ރާއްޖޭގެ މިނިވަން ފަންސާހުގެ ޚާއްޞަ މުނާސަބަތުކަމަށްވާތީއެވެ. މިއަހަރަކީ އެފަދަ ޚާއްޞަ އަހަރަކަށްނުވުމާއެކު، އީޔޫގެ އިތުރަށް ސާކުވެސް އަދި އދ. ވެސް އަދި އެހެން މިފަދަ ޖަމްޢިއްޔާތަކުގެ މަންދޫބުންވެސް ވަޑައިގެންފައެއް ނުވެއެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ އިޙްތިފާލްގައިވެސް ރާއްޖެއާ އެންމެ އެކުވެރި ޤައުމުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާއާއި ޗައިނާއާއި ސަޢުދީ އަރަބިއްޔާއާއި ދެކުނުއިރުމަތީ އޭޝިޔާގެ އެހެން ޤައުމުތަކާއި މެދުއިރުމަތީގެ އެކުވެރި ޤައުމުތަކުގެ މަންދޫން ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.