އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބު ނޮޓިންހަމް ފޮރެސްޓްގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތަށް ތިން އަހަރު އިތުރުކޮށް، އައު އެއްބަސްވުމެއްގައި ދެ ފަރާތުން ސޮއިކޮށްފިއެވެ.
ނިމިގެންދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ ގަދަ ފަހަކަށް ވާދަކުރަމުން އައި ނޮޓިންހަމް އަށް އެ ކަން ހާސިލުނުވި ނަމަވެސް ނޫނޯ އެސްޕިރީޓޯ ސަންޓޯގެ އިރުޝާދުގެ ދަށުން އެ ކްލަބުން ވަނީ ލީގުގެ ހަތްވަނަ ހޯދުމަށްފަހު 1996-1995 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޔޫރަޕްގެ މުބާރާތަކަށް އެ ކްލަބު ކޮލިފައިކޮށްދީފަ އެވެ.
ޕްރިމިއާ ލީގުގެ ހަތްވަނަ ލިބުމާއިއެކު ޔޫއެފާ ކޮންފަރެންސް ލީގުގެ ޕްލޭ އޮފްގައި ކުރިއަށް އޮތް ސީޒަނުގައި އެ ޓީމުން ވާދަކުރާނެ އެވެ. ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހު ވަގުތާއި ހަމައަށް ވާދަކުރަމުން އައި ނޮޓިންހަމް އަށް އެ ފުރުސަތު ގެއްލުނީ ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ދެ މެޗުން އެ ޓީމު މޮޅުވުމާއި ގުޅިގެންނެވެ.
ނޮޓިންހަމް ގެ ކޯޗު ކަމުން ސްޓީވް ކޫޕަރ ވަކިކޮށް 2023 ވަނަ އަހަރުގެ ޑިސެމްބަރ މަހު އެ މަގާމާއި ނޫނޯ އެސްޕިރީޓޯ ސަންޓޯ ހަވާލުވިއިރު އެ ކްލަބުން މަސައްކަތް ކުރަމުންދިޔައީ ރެލިގޭޝަނުން ސަލާމަތް ވުމަށެވެ.
ޕްރިމިއާ ލީގުގެ ފައިނޭންޝަލް ފެއާޕްލޭ އާއި ހިލާފަށް ކަން ކޮށްފައިވާތީ އޭރު އެ ކްލަބުން 4 ޕޮއިންޓް ވަނީ އުނިކޮށްފަ އެވެ. އެހެންކަމުން އެ ފަހަރު ލީގު ނިންމާލާފައިވަނީ ތާވަލުގެ 17 ވަނައިގައި އޮވެގެންނެވެ.
ނޫނޯ އެސްޕިރީޓޯ ސަންޓޯގެ އިރުޝާދުގެ ދަށުން އެ ކްލަބު ވަނީ 1991 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ކުޅެފަ އެވެ. ސެމީ ފައިނަލުގައި އެ ޓީމު ބަލިވެފައިވަނީ މެންޗެސްޓަރ ސިޓީ އަތުން 2-0 ގެ ނަތީޖާއަކުންނެވެ.
އައު ކޮންޓްރެކްޓްގައި ސޮއި ކުރުމަށްފަހު ނޫނޯ ބުނެފައިވަނީ އެ ކްލަބުގައި އިތުރު ދުވަހު މަޑުކުރުމުގެ ފުރުސަތު ލިބުމުން އެކަމާ އުފާ ކުރާ ކަމަށެވެ. އަދި އެ ކްލަބާއި ގުޅުނު ދުވަހުން ފެށިގެން މަސައްކަތް ކުރަމުންދިޔައީ އެންމެން ގުޅިގެން ކާމިޔާބީ ހޯދުމަށް ކަމަށެވެ.
ނޮޓިންހަމް ފޮރެސްޓްގެ ވެރިޔާ ގްރީސްގެ އެވަންޖެލޮސް މަރިކާނިސް ބުނެފައިވަނީ ނޫނޯ އެ ޓީމާއި ގުޅުނު ފަހުން އެ ޓީމަށް ހެޔޮ ބަދަލުތަކަކާއިއެކު ރަގަޅު ނަތީޖާތަކެއް ހޯދަދީފައިވާ ކަމަށެވެ.