ޚަބަރު

އެމެރިކާއިން އީރާނަށް ޙަމަލާ ދިނުމުން ތެލުގެ އަގު އުފުލޭނެ ކަމަށް ބެލެވޭ


އީރާނަށް އެމެރިކާއިން ނިރުބަވެރި ޙަމަލާތަކެއް ދިނުމާ ގުޅިގެން ދުނިޔޭގެ ބާޒާރަށް ލޮޅުންއަރައި، ތެލުގެ އަގު އުފުލޭނެ ކަމަށް ބެލެވޭ ކަމުގައި ވުނޭރުން (އިންވެސްޓަރުން) ހާމަކޮށްފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް ބޮން އަޅާފައި ވަނީ ޖޫން 22ވަނަ ދުވަހު އީރާން ގަޑިން މެންދަމުންއަލިވެ 2:30ހާއިރުއެވެ.

އެމެރިކާގެ ބީ-2 މަރުކާގެ ބޮންއަޅާ މަތިންދާބޯޓުތަކުން ޖީބީޔޫ-57 މަރުކާގެ ފަނާކުރަނިވި ބޮމާއި ޓޮމަހޯކް މިސައިލް ބޭނުން ކޮށްގެން ޙަމަލާ ދީފައި ވަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ހިންގާ ތިން މައި މަރުކަޒަކަށެވެ. އެއީ، އަޞްފިހާން، ފޫރްދޫ އަދި ނަޠާންޛްގައި ހުރި މަރުކަޒުތަކެވެ. ޙަމަލާތަކުގައި އެ މަރުކަޒުތައް ސުންނާފަތި ކޮށްލާފައިވާނެ ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާއިން އީރާނަށް ޙަމަލާ ދީފައި މި ވަނީ ޔަހޫދީންނާ ބައިވެރިވުމުގެ ގޮތުންނެވެ. ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދޭން ފަށާފައި ވަނީ ޖޫން 13ވަނަ ދުވަހުއެވެ. އެމެރިކާއާއި ޔަހޫދީންގެ މި ޖަރީމާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު އިތުރަށް ހޫނުވެ، ބޮޑު ހަނގުރާމައެއް ފެށިގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

އިޤުތިޞާދީ އަދި ވިޔަފާރީގެ ދާއިރާގެ ތަޖުރިބާކާރުންނާއި ވުނޭރުން ބުނީ، އެމެރިކާގެ ޖަރީމާތަކާ އެކު ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑު ލޮޅުމެއް އައިސް، ނޭދެވޭ އަސަރުތައް ކުރާނެ ކަމުގައެވެ. އަދި، ކުރިން ނުއުފުލޭ މިންވަރަށް ތެލުގެ އަގުތައް އުފުލިގެން ދިޔުމުގެ ފުރުޞަތު ބޮޑު ކަމުގައެވެ. އީރާނަށް ޙަމަލާ ދިނުމުގައި އެމެރިކާއިން ޔަހޫދީންނާ ބައިވެރިވުމުގެ ކުރިން ވެސް ވުނޭރުން ދިޔައީ އެ ކަމުގެ ނުރައްކާތެރި ނޭދެވޭ އަސަރުތަކުގެ އިންޒާރު ކުރަމުންނެވެ. އޭގެ އެއް ނަތީޖާއަކީ، ބޮޑެތި ކުންފުނިތަކުގެ ހިއްސާގެ އަގު ވެއްޓި، ހިއްސާ ވިއްކަން ފެށުން ކަމުގައި ވެސް ވުނޭރުން އަންދާޒާ ކުރިއެވެ.

"ތެލުގެ އިތުރުން ތަކެތީގެ އަގުތައް ވެސް އުފުލޭނެ"

"އަޅުގަނޑަށް ޤަބޫލު ކުރެވެނީ ބާޒާރުތަކަށް ބޮޑު ކަންބޮޑުވުމެއް އަންނާނެ ކަމަށް، އަދި ބާޒާރުތައް ހުޅުވުމާ އެކު ތެލުގެ އަގު އުފުލެން ފަށާނެ ކަމަށް،" ޕޮޓޯމެކް ރިވަރގައި މަސްރަޙު ދިރާސާ ކުރައްވާ ޗީފް އިންވެސްޓްމެންޓް އޮފިސަރ މާކް ސްޕިންޑްލް ވިދާޅުވިއެވެ. "ލިބޭނެ ގެއްލުން އަންދާޒާ ކުރެވިފައް ނުވޭ، އަދި ފުރިހަމަ އަންދާޒާއެއް ހެދުމަށް ވަގުތު ހޭދަވާނެ. އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ކުރިއަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ދެން ކަން ހިނގާނެ ގޮތް ދެނެގަންނަން ނޭނގުން. އަދި، އެއާ އެކު [އެމެރިކާގެ ޙަމަލާތަކާ އެކު] ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތުން އެ ވަނީ ހާމަވެފައި [ނުރައްކަލަށް ހުށަހެޅިފައި]"

ތަޖުރިބާކާރުން ބުނީ، ދެލުގެ ބާޒާރަށް މި ވަގުތު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، މެދުއިރުމަތީގެ މަސްރަޙު ގޯސްވެގެން ދިޔުމުގެ ސަބަބުން ތެލުގެ އަގާއި ތަކެތީގެ އަގުތަކަށް ކުރާނެ އަސަރު ދެނެގަންނަން ނޭނގުން ކަމުގައެވެ. އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް އުފުލެން ފަށައިފި ނަމަ، ޚަރަދު ކުރާ މިންވަރު ދަށްވެގެންދާނެ ކަމުގައި އެ ފަރާތްތަކުން ބުންޏެވެ. "ކަނޑައެޅިގެން ދަންނަވަން އިނގޭ ކަމަކީ، ހަކަތައިގެ އަގުތަކާއި ތަކެތީގެ އަގުތަކަށް ބޮޑު ލޮޅުމެއް އަރާނެ ކަން،" ކްރެސެޓް ކެޕިޓަލްގައި މަސްރަޙު ދިރާސާ ކުރައްވާ ޗީފް އިންވެސްޓްމެންޓް އޮފިސަރ ޖެކް އެބްލިން ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަންދާޒާ ކުރުމަށް ބޭނުން ކުރާ އެއް މިންގަނޑަކީ ބްރެންޓް ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގެވެ. ޖޫން 10ވަނަ ދުވަހަށް ފަހު ބްރެންޓްގެ ތެޔޮ ފީފާއެއްގެ އަގު ވަނީ %18އަށް އުފުލިފައެވެ. ޖޫން 19ވަނަ ދުވަހު ބްރެންޓްގެ ތެޔޮ ފީފާއެއްގެ އަގު ވަނީ 79.04 އެމެރިކާ ޑޮލަރަށް އުފުލިފައެވެ. އެއީ، ފާއިތުވި ފަސް މަސްދުވަހުގެ ތެރޭގައި ބްރެންޓްގެ އަގު އުފުލުނު އެންމެ މަތީ އަގެވެ. ޖޫން 13 ވަނަ ދުވަހު ޔަހޫދީން އީރާނަށް ބޮންއަޅަން ފެށި ފަހުން ބްރެންޓްގެ އަގަށް ބޮޑު ބަދަލެއް އައިސްފައި ނުވާ ކަން ވެސް ވުނޭރުން ފާހަގަ ކުރެއެވެ.

އޮކްސްފަރޑް އިކޮނޮމިކްސްގައި މަސްރަޙު ދިރާސާ ކުރައްވާ ތަޖުރިބާކާރުން ބުނީ، އެމެރިކާގެ ޙަމަލާތަކާ އެކު ތިން ހާލަތެއް މެދުވެރިވުމުގެ ފުރުޞަތު އޮތް ކަމުގައެވެ. ފުރަތަމަ ގޮތަކީ، ނުތަނަވަސް ކަން ފިނިކޮށް، ހަަމަޖެހުން ޤާއިމު ކުރުމެވެ. ދެވަނަ ގޮތަކީ، އީރާނުން ތެޔޮ އުފެއްދުން މެދުކަނޑައިލުމެވެ. އަދި، ތިންވަނަ ހާލަތަކީ ހުރްމުޛް ކަނޑު ބަންދު ކުރުމެވެ.

އެއިން ކޮންމެ ހާލަތެއްގައި ވެސް ތެލުގެ އަގު އުފުލިގެންދާނެ ކަމުގައި ތަޖުރިބާކާރުން ބުންޏެވެ. އަދި، އެންމެ ނުރައްކާތެރި ހާލަތުގައި ތެޔޮ ފީފާއެއްގެ އަގު 130 އެމެރިކާ ޑޮލަރަށް އުފުލިގެންދާނެ ކަމަށް ތަޖުރިބާކާރުން އަންދާޒާ ކުރެއެވެ. އެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މި އަހަރު ނިމުމުގެ ކުރިން އެމެރިކާގައި ތަކެތީގެ އަގުތައް %6އަށް އުފުލިގެންދާނެ ކަމުގައި ވެސް އޮކްސްފަރޑްގެ މާހިރުން އަންދާޒާ ކުރެއެވެ.