ކުޅިވަރު

ކޯޓުއާ އަށް ޓަކައި ރެއާލްގެ ޕޮލިސީ ބަދަލު ކުރަނީ


ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ގައުމީ ކީޕަރު ތިބައޫ ކޯޓުއާ އަށްޓަކައި އެ ކުލަބުގެ ޕޮލިސީ ބަދަލު ކުރަން ނިންމައިފި އެވެ.

ޔޫރަޕުގެ އެންމެ މުއްސަނި ކުލަބުގެ މިހާރުގެ ޕޮލިސީ އަކީ އުމުރުން 30 އަހަރުން މަތީގެ ކުޅުންތެރިންނަށް އެއް އަހަރަށް ވުރެ ދިގު ކޮންޓްރެކްޓެއް ނުދިނުމަށެވެ. ނަމަވެސް ރެއާލްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އަހަރުން އަހަރަށް އާ ކުރަން ކޯޓުއާ ބޭނުމެއް ނުވެ އެވެ.

ޗެލްސީ ދޫކޮށް 2018 ވަނަ އަހަރު ރެއާލް އަށް ބަދަލުވި ކީޕަރުގެ މިހާރުގެ އުމުރަކީ 33 އެވެ. އޭނާ އަދިވެސް އަންނަނީ އެންމެ މަތީ ފެންވަރުގައި ކުޅެމުންނެވެ. އެ ވަރުގެ ޒުވާން ކީޕަރަކު ލިބެން ނެތުމުން ރެއާލްއިން މިހާރު ވިސްނާފައިވަނީ ކޯޓުއާ އަށް ދެ އަހަރުގެ ކޮންޓްރެކްޓެއް ދިނުމަށެވެ.

"އަހަރުމެންގެ ހުރިހާ ޕޮލިސީ އަކީ ބަދަލު ނުވާނެ އެއްޗެއް ނޫން. އެކަންކަން ބަދަލު ވެދާނެ ހާލަތާ ގުޅޭ ގޮތުން. ކޮންމެހެން މުހިންމު ކުޅުންތެރިއަކު ނަމަ ކޮންޓްރެކްޓްގެ މުއްދަތު އެއް އަހަރަށް ވާކަށް ނުޖެހޭނެ. އެކަމަކު ކުލަބުގެ ޕޮލިސީ އަކީ 30 އަހަރުވުމުން ދިގު މުއްދަތުގެ ކޮންޓްރެކްޓް ނުދިނުން،" ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވި އެވެ.

ކޯޓުއާ ބުނީ އޭނާ ބޭނުންވަނީ ރެއާލްގައި ހުރެ ކެރިއަރު ނިންމާލަން ކަމަށެވެ. މިހެންވެ ކުލަބުން ހުށަހަޅާ ދެ އަހަރުގެ ކޮންޓްރެކެޓް ގަބޫލު ކުރާނެ ކަމަށެވެ.

"އަހަރެންނަކަށް ނޭނގެ ކިހާ މުއްދަތެއް ކަމެއް އަހަރެން މިތަނުގައި އަދި ހުންނާނީ. އެކަމަކު އަހަރެންގެ ކޮންޓްރެކްޓްގެ ކަންކަން ދަނީ ރަނގަޅަށް. ވަރަށް އަވަހަށް އަހަންނަށް އައު ކޮންޓްރެކްޓްގައި ސޮއި ކުރެވިދާނެ،" ކޯޓުއާ ބުންޏެވެ.

2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދި ކޯޓުއާ ވަނީ މިހާތަނަށް ރެއާލް އަށް 200 އަށް ވުރެ ގިނަ މެޗު ކުޅެދީފަ އެވެ. ކުރިން ރެއާލްއާ ވާދަވެރި އެތްލެޓިކޯ މެޑްރިޑަށް ވެސް ކުޅުނު ކީޕަރު ބެލްޖިއަމްގެ ގައުމީ ޓީމަށް ވެސް 100 މެޗު ކުޅެދީފަ އެވެ. އޭނާ ވަނީ ރެއާލްގައި ސްޕެނިޝް ލީގު ތިން ފަހަރު އަދި ޔޫއޭފާ ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބު ކޮށްފަ އެވެ.