ފީފާ ކުލަބު ވޯލްޑް ކަޕުގައި ރޭ މޮރޮކޯގެ ވިދާދް ކަސަބްލަންކާއާ ދެކޮޅަށް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ޔުވެންޓަސްއިން ހޯދައިފިއެވެ.
ޔުވެންޓަސް ވަނީ ގްރޫޕް ޖީ ގައި މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ޖުމްލަ ހަ ޕޮއިންޓާއެކު ގްރޫޕް އެއްވަނަ މަގާމް ހޯދާފަ އެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް އެއް މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު މިއަދު އަލް އައިން އާއި ދެކޮޅަށް އެ ޓީމު ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެ ޓީމަށްވެސް ހަ ޕޮއިންޓް ލިބޭނެ އެވެ. މިގްރޫޕްގައި ދެން ހިމެނޭ ވިދާދް ކަސަބްލަންކާ އާއި އަލް އައިން އަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ފިލަޑެލްފިއާގެ ލިންކޮން ފައިނޭންޝަލް ފީލްޑްގައި ކުޅުނު މި މެޗުގެ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ޔުވެންޓަސް އިންނެވެ. ނަމަވެސް ލިބުނު މަދު ފުރުސަތުތަކުގައި ވިދާދް އިން ވަނީ ޔުވެންޓަސްގެ ގޯލަށް އަމާޒުކޮށް ހަ ހަމަލައެއް ފޮނުވާލާފަ އެވެ.
މި މެޗުގެ ހަވަނަ މިނިޓުގައި ޔުވެންޓަސް އަށް ކުރި ލިބިފައިވަނީ ޔުވެންޓަސް އިން ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅައެއް ސާފު ކޮށްލަން އުޅުމުގެ ތެރޭގައި ވިދާދްގެ ޑިފެންޑަރ އަބްދުލްމުނައިމް ބޯޓުއިލް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑަކުންނެވެ.
ނަމަވެސް އޭގެ ދިހަ މިނިޓު ފަހުން ޔުވެންޓަސްއަށް ކުޅޭ ތުރުކީގެ ފޯވަޑް ކެނާން ޔިލްޑިޒް ވަނީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މި ލަނޑަކީ މި މުބާރާތުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ރީތި އެއް ލަނޑެވެ.
ވިދާދް އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 25 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ތެމްބިންކޮސީ ލޯޗް އެވެ.
މެޗުގެ ދެވަނަ ހާފުގައި ޔުވެންޓަސް އިން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ރަގަޅުކޮށްފަ އެވެ. އަދި 69 ވަނަ މިނިޓުގައި ޔިލްޑިޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގައި ޔުވެންޓަސް އިން ޖެހި ހަތަރުވަނަ މިނިޓުގައި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދީފައިވަނީ ޑުސާން ލަހޮވިޗް އެވެ.