ވިލިމާލޭގައި ތަރައްގީކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިން ހުސްކުރުމަށް ވިލިމާލެ ހޮސްޕިޓަލް ހިންގުން ވަގުތީގޮތުން އަމާން ހިޔާ ހިންގި އިމާރާތަށް ބަދަލު ކުރުމަށް ސިއްޙީ ވުޒާރާއިން ނިންމައިފިއެވެ.
މިމަސައްކަތް ކުރުމަށް ސިއްޙީ ވުޒާރާއިން މިހާރުވަނީ މާލެސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއާ ހަވާލުކޮށްފައެވެ.
ވިލިމާލޭގައި ތަރައްޤީކުރުމަށް ނިންމާފައިވާ 112 އެނދުގެ ހޮސްޕިޓަލްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ކުރުމަށް، ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ލެޓަރ އޮފް އެކްސްޗޭންޖްގައި މިމަހުގެ 4 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ.
ވިލިމާލޭގައި ތަރައްޤީކުރާ ހޮސްޕިޓަލަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްޤީކުރާ ހޮސްޕިޓަލެކެވެ.
ވިލިމާލޭގައި ހޮސްޕިޓަލެއް ތަރައްޤީވެގެން ދިއުމާއެކު، ގްރޭޓަރ މާލެ ސަރަޙައްދުގެ ސިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބިގެންދާނެެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވެސް ވަނީ ވިދާޅުވެފައެވެ.
އާބާދީގައި 15000އެއްހާ މީހުން ދިރިއުޅޭ ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލުގައި އަބާދީއަށް ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމު ޤާއިމުވެފައިނުވެއެވެ. މި ހޮސްޕިޓަލުގައި ބަލި މީހުން ބެލުމަށް 3 ކޮޓަރި ހުރިއިރު އިމަރޖެންސީގައި ބޭނުންކުރަނީ މިހާރު 5 އެނދެވެ. އެހެންކަމުން ޢާންމު ކަންކަމުގައިވެސް ގިނަ ފަހަރު އައިޖީއެމްއެޗަށް ނުވަތަ ދަރުމަވަންތައަށް ދާންޖެހުމަކީ ވިލިމާލޭ ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ. ވިލިމާލޭގައި ޤާއިމްކުރާ އައު ހޮސްޕިޓަލާއެކު މިކަމަށް ޙައްލުލިބޭނެއެވެ.
ޗައިނާ ސަރުކާރުގެ އެހީއާއެކު ވިލިމާލޭގައި ތަރައްޤީކުރާ ހޮސްޕިޓަލުގައި ދެ އިމާރާތެއް ހުންނާނެއެވެ. އަދި އައުޓްޕޭޝަންޓް، އިންޕޭޝަންޓް، އިމަރޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ޚާއްޞަ އެނދުތަކެއްވެސް ހުންނާނެއެވެ.