ބާސެލޯނާއަށް ބަދަލުވާން ޕްރެޝަރު ކުރަމުންދާ އެތުލެޓިކް ބިލްބާއޯގެ ފޯވާޑް ނިކޯ ވިލިއަމްސް ދެކެ ހިތްހަމަނުޖެހިގެން, އެ ކުލަބުގެ ސަޕޯޓަރުން ނުކުމެ އޭނާގެ ފޮޓޯ ފޮހެލައިފިއެވެ.
ބިލްބާއޯގައި ކުރަހާފައިވާ ބޮޑު ޕޯސްޓަރުގައި ވަނީ ތިން ކުޅުންތެރިއެއްގެ ފޮޓޯ އެވެ. އެއީ ނިކޯ އާއި އޭނާގެ ބޭބެ އިނާކީ ވިލިއަމްސް އާއި އިކާ މުނިއަން އެވެ. މިއީ އެ ކުލަބަށް ކޮޕާ ޑެލްރޭ ކާމިޔާބު ކޮށްދިނުމުން ކުރަހާފައިވާ ބޮޑު ފޮޓޯއެކެވެ.
މި ފޮޓޯއިން ނިކޯގެ މޫނު ފޮހެލީ އޭނާ ބާސެލޯނާ އަށް ބަދަލުވާން ކުރާ މަސައްކަތާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. ނަމަވެސް މިކަން ސޯޝަލް މީޑިއާގައި އާއްމުވުމާއެކު ބިލްބާއޯއިން ބުނީ މިކަމާ އެ ކުލަބާ ސީދާ ގުޅުމެއް ނެތް ކަމަށެވެ. އެއަށްފަހު ރަސްމީ ބަޔާނެއް ނެރެ ބުނެފައިވަނީ މިއީ އެ ކުލަބުގެ ސަޕޯޓަރުންގެ އަމަލެއް ނޫން ކަމަށެވެ.
ސްޕޭނުގެ ގައުމީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ އުމުރުން 23 އަހަރުގެ ނިކޯ ދޫކޮށްލަން ބިލްބާއޯއިން ބޭނުމެއްނުވެ އެވެ. މިހެންވެ ބާސެލޯނާއާއެކު މިކަމާ ބެހޭ ގޮތުން އެއްވެސް މަޝްވަރާއެއް ކުރުމަށް އެ ކުލަބުން ވަނީ ދެކޮޅު ހަދާފަ އެވެ. ބިލްބާއޯގެ ރައީސް ވިދާޅުވީ ކުލަބުން ކުޅުންތެރިޔާ ވިއްކާލަން ބޭނުން ނުވާ ކަމަށާއި ބާސެލޯނާ އަށް އޭނާ ގެންދެވެން އޮތީ އެންމެ ގޮތަކަށް ކަމަށެވެ. އެއީ އޭނާގެ ކޮންޓްރެކްޓްގައިވާ ރިލީޒް ކްލޯޒަށްވާ ފައިސާ އެއްކޮށްދިނުމުން ކަމަށެވެ. މިއީ ގާތްގަނޑަކަށް 60 މިލިއަން ޔޫރޯ ކަމަށްވެ އެވެ.
ބާސެލޯނާގެ ސްޕޯޓިން ޑައިރެކްޓަރު ޑެކޯ ވިދާޅުވީ ކުޅުންތެރިޔާ ބާސެލޯނާ އަށް ބަދަލުވާން ބޭނުންވާ ކަމަށެވެ. މިހެންވެ ބާސެލޯނާއިން މިކަމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ނިކޯ ބާސެލޯނާ އަށް ބަދަލުވާން ބޭނުންވާލެއް ބޮޑުކަމުން އޭނާ ގަތުމަށް މަސައްކަރް ކުރި ޔޫރަޕުގެ އެހެން ކުލަބުގެތަކުގެ ހުށަހެޅުންތަކަށް ވެސް ވަނީ ނޫނެކޭ ބުނެފަ އެވެ.
އޭނާ ބާސެލޯނާ އަށް ކުޅެން ބޭނުންވާ މައިގަނޑު އެއް ސަބަބަކީ ކުޑައިރުއްސުރެ އެންމެ ގާތް ރަހުމަތްތެރިޔާ އުމުރުން 17 އަހަރުގެ ލަމީން ޔަމާލްއާއެކު އެއް ކުލަބަކަށް ކުޅެން ބޭނުން ވެގެންނެވެ.