ޢަރަބި ޤައުމުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ޙަމަލާ ދޭން ފަށައިފިއެވެ.
އީރާނުގެ ދައުލަތުގެ މީޑިޔާއިން ބުނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާ ދެކޮޅަށް އެ ޤައުމުން އޮޕަރޭޝަން ބަޝާރަތު އަލް ފަތްޙުގެ ނަމުގައި ޚާއްޞަ އަސްކަރީ ޙަރަކާތެއް ފަށާފައިވާ ކަމަށެވެ.
އީރާނުން ވަނީ ޤަޠަރާއި ޢިރާޤުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާ ދީފައެވެ.
އީރާނުން ޤަޠަރުގައި ހުންނަ އަލް އުދައިދު އަސްކަރީ މަރުކަޒަށް ކާމިޔާބުކަމާއެކު ތިން މިސައިލް ޙަމަލާ ދީފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ. އަލް އުދައިދު އަސްކަރީ މަރުކަޒަކީ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒެވެ. އެ މަރުކަޒުގައި ގާތްގަނޑަކަށް 10،000 އެމެރިކާ ސިފައިން ޤާއިމުވެ ތިބެއެވެ.
އެެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާ ދިނުމަށް އީރާނުން މިސައިލް ބޭނުން ކޮށްފައި ވަނީ ޖޫން މަހުގެ 22ވަނަ ދުވަހު އެމެެރިކާއިން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދިނުމަށް ބޭނުންކުރި މިސައިލްގެ ޢަދަދާ އެއް ޢަދަދަކަށެވެ. ނަމަވެސް އީރާނުން ޤަޠަރަށް ޙަމަލާދީފައި ވަނީ ޤަޠަރުގެ އާންމު ރައްޔިތުންނަށް ނުރައްކާ ނުވާނެ ގޮތަށެވެ. އީރާނާއި ޤަޠަރާ ދެމެދު ގާތް ގުޅުމެއް އޮންނައިރު، އެމެރިކާގެ އަސްކަރީ މަރުކަޒަށް ޙަމަލާ ދިނުމުގެ ކުރިން އީރާނުން ވަނީ އެ މަޢުލޫމާތު ޤަޠަރާ ޙިއްޞާ ކޮށްފައެވެ.
ޙަމަލާއަށް ފަހު ނެރުނު ބަޔާނެއްގައި އީރާނުގެ އިންޤިލާބީ ފައުޖުން ބުނީ އެ ޤައުމުގެ ސަރަޙައްދާއި އިސްތިޤުލާލާއި ޤައުމީ ސަލާމަތާ ދެކޮޅަށް ދޭ އެއްވެސް ޙަމަލާއަކަށް އެއްވެސް ޙާލެއްގައި ރައްދު ނުދީ ނުތިބޭނެ ކަމަށެވެ.
އެމެރިކާއިން އީރާނަށް ޙަމަލާ ދީފިނަމަ އޭގެ ބަދަލުގައި އެ ޤައުމުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން އަބަދުވެސް ދެއެވެ.