ޚަބަރު

ސާންތީ ކޯޗުގެ ހަނދާނުގައި މުބާރާތެއް ފެށުން، އަގުނުކުރެވޭވަރުގެ ޚިދުމަތްތެރިއެއް


ދިވެހި ފުޓްބޯޅައަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވި އަލްމަރްހޫމު އިހުސާން އަބުދުލް ޣަނީ (ސާންތީ ކޯޗު) ގިނަ ބަޔަކު ސިފަކުރަނީ ފުޓްބޯޅައިގެ ޚިދުމަތްތެރިއެއްގެ ގޮތުގައި ކަމަށާއި، އެހެންނަމަވެސް ސާންތީ ކޯޗަކީ ގައުމީ ޚިދުމަތްތެރިއެއް ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ.

ސާންތީ ކޯޗުގެ ހަނދާނުގައި ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ފެށި މައިލޯ ސްވޭމް ޖޫނިއަރސް 8 އަހަރުން ދަށުގެ ފުޓްބޯޅަ ފިއެސްޓާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޠަލާލް ވިދާޅުވީ ކުޅިވަރާ ބެހޭ ވަޒީރުގެ ނަންފުޅުގައާއި ކުޅިވަރުގެ އެންމެހާ ފަރާތްތަކުގެ ނަމުގައި ސޮކަރ ވެޓެރަންސްއަށް ޝުކުރު ދަންނަވާ ކަމަށެވެ.

ސާންތީ ކޯޗުގެ ހަނދާނުގައި ތުއްތު ކުދިންގެ ފުޓްބޯޅަ މުބާރާތެއް އިންތިޒާމުކުރުމުގެ ވިސްނުން ގެންގުޅުއްވައި، ސޮކަރ ވެޓެރަންސް އެސޯސިއޭޝަނުން މި މުބާރާތް އާންމުންނާ ހަމައަށް ގެނެސްދިނުމުގެ ބުރަ މަސްއޫލިއްޔަތު އުފުލިކަމަށްޓަކައި ސޮކަރ ވެޓެރަންސްގެ ރައީސްއަށް ޝުކުރު ދަންނަވާ ކަމަށްވެސް ޠަލާލް ވިދާޅުވިއެވެ.

ޠަލާލް ވިދާޅުވީ ސާންތީ ކޯޗު ޚިދުމަތްކޮށްދިނީ ހަމައެކަނި ފުޓްބޯޅައަށް ނޫން ކަމަށާއި، އޭނާއަކީ ކުޅިވަރަށް ޚިދުމަތް ކުރެއްވި "ރިޕްލޭސް" ނުކުރެވޭ ވަރުގެ ޚިދުމަތްތެރިއެއް ކަމަށެވެ.

"ސާންތީ ކޯޗު ރިޕްލޭސް އެއް ނުކުރެވޭނެ. އެއީ އެއަށްވުރެ މާ ބޮޑު މާ އަގުހުރި ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް. ކުޅިވަރުގެ ކުރިއެރުވުމަށް ގައުމު އެބޭފުޅަކަށް ގޮވާލައިފިނަމަ ނޫނެކޭ ނުބުނާ ބޭފުޅެއް. ގައުމަށް ރީތި ނަން ހޯދައިދިނުމުގައި ވަރަށް ބޮޑު ބައިވެރިއެއް. ފުޓްބޯޅައިން ހޯދި ކޮންމެ ރަން މެޑަލްއެއްގެ ހިއްސާދާރެއް" ސާންތީ ކޯޗު ސިފަކޮށްދެއްވަމުން ޠަލާލް ވިދާޅުވިއެވެ.

މަލްޓި ސްޕޯޓްސް ގޭމެއްގައި އެންމެ ފުރަތަމަ ރާއްޖެއަށް ރަން މެޑެލް ހޯދައިދިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރީޔޫނިއަންގައި ބޭއްވިއިރު، އޭރުގެ ޗެޕް ޑި މިޝަން އަކީ ސާންތީ ކޯޗުކަން ފާހަގަކުރައްވައި ޠަލާލް ވިދާޅުވީ އެ މުބާރާތުގައިވެސް ސާންތީ ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ކަމަށެވެ.

އޭރު ސާންތީ ކޯޗާއި ވަރަށް ގާތުން މަސައްކަތްކުރުމުގެ ފުރުސަތު ލިބިވަޑަިއގެންނެވި ކަމަށާއިި، ރާއްޖެއިން އެ މުބާރާތަށް ތައްޔާރުވާން ފެށިއިރުން ފެށިގެން ގޮސް މުބާރާތް ނިންމައި، މާލެ އައުމާ ހަމައަށް އެދޭ އެއްވެސް ކަމެއްގައި ސާންތީ ކޯޗު ނޫނެކޭ ބުނެފައިނުވާ ކަމަށްވެސް ޠަލާލް ވިދާޅުވިއެވެ.

އެހެންކަމުން ސާންތި ކޯޗުގެ ޚިދުމަތުގެ އަގު އަބަދުވެސް ވަޒަންކުރާނެ ކަމަށް ޠަލާލް ވިދާޅުވިއެވެ.