މެދުއިރުމަތީގެ ހާލަތާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރުތައް ދެނެގަތުމަށް ދޭދޭ ޤައުމުތަކާ ވާހަަކަ ދައްކަމުންދާކަމަށް ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ޚާރިޖީ ވަޒީރު މިފަދައިން ވިދާޅުވީ މެދުއިރުމަތީގެ ހާލަތާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ޔަހޫދީ ޒަޔަނިސްޓް ދައުލަތުން މިދިޔަ ހަފުތާގައި އީރާނަށް ދޭން ފެށި ހަމަލާތަކާއެކު މެދުއިރުމަތީގެ މަޝްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އަދި މި ހަމަލާތަކާ ގުޅިގެން އެ ސަރަޙައްދުގެ މަސްރަޙް ސަރުކާރުން ގާތުން ބަލަން ފެށިއެވެ. މިކަމާ ގުޅިގެން ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވީ އެ ހަމަލާތައް ފެށުނު ހިސާބުން ފެށިގެން މެދުއިރުމަތިގެ ހާލަތު ގާތުން ބެލުމަށް ވަޒީރުންގެ ކޮމިޓީއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވިކަމަށެވެ.
އަދި އެ ސަރަހައްދުގެ ޤައުމުތަކާ ވާހަކަދައްކައިގެން ޤައުމުތަކުގެ ހާލަތު ދެނަގަންނަމުންދާކަމަށާއި އިންޓަރނޭޝަނަލް އެކިއެކި އެޖެންސީތަކާ ވާހަކަދައްކައިގެން އަޅާނެ ފިޔަވަޅުތަކާއި ކުރިއަށްދާނެ ގޮތްތައް ހޯދަމުން ގެންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައިވެސް ބައެއް ޚާރިޖީ ވަޒީރުންނާ ބައްދަލުކުރިން. އޭގެ ތެރޭގައި އީރާންގެ ޚާރިޖީ ވަޒީރާ ވެސް ބައްދަލުކުރިން. މިފަދަ ހާދިސާތަކުން ރާއްޖެއަށް ކޮށްފާނެ އަސަރުވެސް ދެނެގަތުމުގެ މަސައްކަތް ކުރިއަށްގެންދަން. ރާއްޖޭގެ އެކި އެކި މިޝަންތަކުންވެސް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރޭ." ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެ ސަރަޙައްދުގެ ޤައުމުތަކުގައި ތިބި ދިވެހިންގެ ހާލަތު ގާތުން ބަލަމުންދާކަމަށާއި ދަތިކަމެއް ދިމާވަމުންދޭތޯ ނުވަތަ ހާލަތަށް އަންނަ ބަދަލުތަކާ ގުޅިގެން އަސަރުތަކެއް ކުރޭތޯވެސް ބަލަމުންދާކަމަށެވެ. އަދި ރާއްޖެއަށް މިކަންކަމުން ކުރާނެ އަސަރުތައް ދެނެގަނެ ރާއްޖެއަށް އެހީތެރިކަމެއް ބޭނުންވެއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންވެސް ބައެއް ދޭދޭ ޤައުމުތަކާއެކު ވާހަކަދައްކަމުންދާކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ދުނިޔޭގެ އެކި ޤައުމުތަކަށް ދިމާވާ މިފަދަ ކޮންމެ ހާލަތެއްގައިވެސް ރާއްޖެއިން އިޚްތިޔާރުކުރަނީ ރާއްޖެއިން ބަސް ބުނަން ޖެހޭ ހާލަތްތަކުގައި ބަސްބުނުމަށްކަމަށެވެ. އަދި މެދުއިރުމަތީގެ މިހާލަތުގައިވެސް ރާއްޖެއާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށް ބަސް ބުނަމުން ގެންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ރާއްޖޭގެ ސްޓޭންޑަކީ ޓިޕްލޮމެޓިކް ހަމަތަކުގެ މަތިން ޤައުމުތަކުން ވާހަކަދައްކައިގެން މައްސަލަތަކަށް ހައްލު ގެނައުން. އެއްގައުމު އަނެއްޤައުމު ހަމަލާ ދިނުމަކީ އެއްގޮތަކަށްވެސް ސުލްހަވެރި ގޮތެއްގައި ކަންކަން ހައްލުކުރުމަށްޓަކައި އޮތް ދޮރާއްޓެއް ނޫން." ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.
ޔަހޫދީ ޒަޔަނިސްޓް ދައުލަތުން މިދިޔަ ހަފުތާގައި އީރާނަށް ދޭން ފެށި ހަމަލާތަކާއެކު މެދުއިރުމަތީގެ މަޝްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެ ހަމަލާތަކުގެ ރައްދުގައި އީރާނުން ޔަހޫދީންނަށް ހަމަލާދޭން ފެށުމުން މިހަފުތާގައި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއިންވެސް ވަނީ އީރާނަށް ހަމަލާތައް ދީފައެވެ.
އެމެރިކާއިން އީރާނަށް ދިން ހަމަލާތަކާއެކު ބަދަލު ހިފުމުގެ ގޮތުން އީރާނުން ވަނީ ޤަތަރުގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްއަކަށް ހަމަލާދީފައެވެ. މި ހަމަލާތަކާއެކު ޤަތަރުންނާއި މެދުއިރުމަތީގެ ބައެއް ޤައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކުރިއެވެ. ނަމަވެސް ޔަހޫދީންނާއި އީރާނާ ދެމެދު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.