ޚަބަރު

އެމެރިކާއާއި ޔަހޫދީންނަށް ހަނގުރާމައިގެ ޢަމާޒުތަކެއް ޙާޞިލެއް ނުކުރެވުނު، އީރާނަކީ އަދިވެސް ބާރެއް


ޔަހޫދީން އިސްވެ އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓާލައި ޞުލްޙަވާން މަޖުބޫރުވީ އެއްވެސް ލަނދުދަނޑިއެއް ޙާޞިލުނުވެއެވެ. ހަފުތާއެއް ވަންދެން ބަދަލުކުރި ޙަމަލާތަކުގައި އެއްވެސް ކުރިއެރުމެއް ލިބޭނެ މަގު ނުފެނުމުން ހަނގުރާމައިގެ ތެރެއަށް ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާ ވެސް ވެއްދިއެވެ.

އެމެރިކާގެ ސަރުކާރުން ގަދަބަސް ބުނެ އީރާނަށް ބިރުދެއްކި ނަމަވެސް އަފްޣާނިސްތާނާއި ޢިރާޤުގައި ކުރިފަދަ ދިގުލައިގެންދާފަދަ ޚަރަދު ބޮޑު ހަނގުރާމައެއް ކުރުމުގެ ޝައުޤުވެރިކަމެއް އެ ޤައުމުން ނުގެންގުޅުނެވެ. ހަނގުރާމައިގެ ތެރެއަށް ވަނުމަށް ފާޅުގައި ޔަހޫދީންގެ އިސްވެރިން އެމެރިކާއަށް ދަޢުވަތުދިން ނަމަވެސް އެ ޤައުމުގެ ސަރުކާރުން އެ މަގަށް ކަން ކުރަން ފަސްޖެހުނެވެ. އޭގެ މައިގަނޑު ސަބަބަކީ އީރާނާ ދެކޮޅަށް ހަނގުރާމައެއް ކުރުމަށް އެމެރިކާގެ ރައްޔިތުން ތާޢީދު ނުކުރުމެވެ. އެމެރިކާއިން އީރާނަށް ޙަމަލާ ދީފާނެ ކަމުގެ ވާހަކަތައް ފެތުރުމާ އެކު އެ ޤައުމުގެ ރައްޔިތުން ވަނީ މަގުތައް މައްޗަށް ނުކުމެ ހަނގުރާމައެއް ނުފެށުމަށް އެމެރިކާގެ ސަރުކާރަށް ބާރުއަޅައިފައެވެ. މީސްމީޑިޔާގެ އެކި ވަޞީލަތްތަކުން ވެސް ފެނުނީ އެ މަންޒެރެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމުގެ ދެވަނަ ދަޢުރެއް ކާމިޔާބު ކުރެއްވީ އިތުރު ހަނގުރާމައެއް ނުފައްޓަވާނެ ކަމުގެ ވަޢުދާ އެކުއެވެ. އަދި އެ މަނިކުފާނަކީ ޞުލްޙަ ޤާއިމުކުރައްވާނެ ބޭފުޅެއް ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިއެވެ. ބައެއް މުޙައްލިލުން ވިދާޅުވާ ގޮތަށް ކަން ދެއްކުމުގެ ގޮތުން އީރާނުގެ ނިޔުކްލިއަރ މަރުކަޒުތަކަށް އެމެރިކާއިން ބޮން އެޅި ނަމަވެސް ޓްރަމްޕްގެ ބަސްމަގު ގެންގުޅުއްވީ އެއީ ބޮޑު ކަމަކަށް ނުހަދައި ހަނގުރާމަ ހުއްޓާލުމަށް އިރާނަށް ބާރުއެޅުވުމަށެވެ. އެ މޭރުމުން ޓްރަމްޕް ވާހަކަދެއްކެވީ އީރާނުގެ ނިޔުކްލިއަރ މަރުކަޒުތަކަށް ލިބުނު ގެއްލުން ވަޒަން ވެސް ނުކުރައްވައެވެ.

އެމެރިކާގެ އެންމެ ބާރުގަދަ ބޮންތައް ބޭނުން ކޮށްގެން ދަންވަރު ދިން އެ ޙަމަލާގައި އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމް އެއްކޮށް ނައްތާލެވުނު ކަމަށް އެެމެރިކާގެ އިސްވެރިން ވިދާޅުވި ނަމަވެސް އެއީ ކަށަވަރު ކުރެވުނު ކަމެއް ނޫނެވެ. އެހެން ކަމުން ޔަހޫދީންނާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ އެންމެ މުޙިއްމު ލަނޑުދަނޑި ކަމުގައިވާ އެ ޤައުމުގެ ނިޔުކްލިއަރ ޕްރޮގްރާމް ނައްތާލުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. ޚާއްޞަކޮށް އީރާނުގެ އެކި މަސްދަރުތަކުން ބުނެފައިވާ ގޮތުގައި އެމެރިކާއިން އީރާނުގެ ނިޔުކްލިއަރ މަރުކަޒުތަކަށް ބޮން އެޅުމުގެ ކުރިން އެ ތަންތަނުގައި ހުރި ރޭޑިއޯއެކްޓިވް ތަކެތި ވަނީ ރައްކާތެރި ސަރަޙައްދަކަށް ބަދަލުކޮށްފައެވެ. އެ ވާހަކައަށް ބާރު ލިބޭ ސެޓަލައިޓް ފޮޓޯ ތަކެއް ވެސް ވަނީ ޢާންމުވެފައެވެ. އީރާނުގެ ނިޔުކްލިއަރ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް އެ ޤައުމުގެ ނިޔުކްލިއަރ ޕްރޮގްރާމް އަދިވެސް ދިރި އެބައޮތެވެ.

ބާރަ ދުވަހަށް ދެމިގެންދިޔަ ހަނގުރާމައިގައި ޔަހޫދީން އެންމެ ބޮޑު އިސްކަމެއް ދިން އެއް ކަމަކީ އިރާނުގެ ބެލިސްޓިކް މިސައިލުގެ ޤާބިލްކަން ނައްތާލުމެވެ. ޒަމާންތަކެއް ވަންދެން ހުޅަނގުގެ ޤައުމުތަކުން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅި ނަމަވެސް އެ ޤައުމަކީ މިސައިލާއި ޑްރޯން އުފެއްދުމުގައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ޤައުމެވެ. ރަޝިޔާއިން ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައަށް އެހީތެރިވުމަށް އިރާނުން ވަނީ މިސައިލާއި ޑްރޯން ފޯރުކޮށްދީފައެވެ. އެ ޤައުމުގެ މިލްކިއްޔާތުގައި އެތައް ހާސް މިސައިލެއް އެބަހުއްޓެވެ. ގިނަ މިސައިލްތައް ރައްކާކޮށްފައި ވަނީ ބިމު އަޑީގައެވެ. ރައްދުގައި ޔަހޫދީންނާ ދެކޮޅަށް ޙަމަލާ ދިނުމަށް އީރާނުން ބޭނުން ކުރީ އެ ޤައުމުގެ ބާރުގަދަ މިސައިލުތަކެވެ. އެ ޙަމަލާތަކުން ޔަހޫދީންގެ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި އެ މީހުންގެ އިޤްތިޞާދު ފުނޑުފުނޑުވިއެވެ. ޔަހޫދީންގެ ރަށްތަކުން ފެންނަމުން ދިޔައީ މީގެ ކުރިން ޣައްޒާފަދަ ސަހަރުތަކުން ފެންނަމުންދިޔަ ވީރާނާވެފައިވާ އިމާރާތްތަކުގެ މަންޒަރުތަކެވެ. ޔަހޫދީން ބުނާ ގޮތުގައި 12 ދުވަހުގެ ތެރޭގައި އީރާނުން 600އެއްހާ ބެލިސްޓިކް މިސައިލް ފޮނުވާލިއެވެ. އޭގެ ތެރެއިން އީރާނުން ބޭނުންކުރި އެންމެ ޒަމާނީ މިސައިލުތަކުން ދިފާޢުވުމުގެ ޤާބިލްކަމެއް ޔަހޫދީންގެ ކިބައިގައި ނެތްކަން ވަނީ ހާމަވެފައެވެ. ހަނގުރާމަ ހުއްޓާލުމުގެ އެންމެ ފަހު ސިކުންތާ ހަމައަށް ވެސް ޔަހޫދީންނަށް އުޅެން ޖެހުނީ އީރާނުގެ މިސައިލުތަކުން ސަލާމަތް ނުވެވިގެންނެވެ.

ހަނގުރާމައިގެ ފުރަތަމަ ދުވަހު އީރާނުގެ އިސް ކޮމާންޑަރުންތަކެއް ޝަހީދުވި ނަމަވެސް އެ ޤައުމުގެ ރޫޙީ އިސްވެރިޔާ ޢަލީ ޚާމަނާއީ ވަނީ ވަގުތުން އަސްކަރީ މަޤާމުތަކަށް ބޭފުޅުން ހަމަޖައްސަވައިފައެވެ. ނަތީޖާއެއްގެ ގޮތުން ޔަހޫދީން ހީކުރި ގޮތާއި ޚިލާފަށް އީރާނުގެ އިންޤިލާބީ ފައުޖުގެ ރައްދު ޙަމަލާތަކާ ކުރިމަތިލާން ޖެހުނެވެ. އީރާނުގެ ޙަމަލާތައް ޔަހޫދީންގެ އަސްކަރީ، އިޤްތިޞާދީ އަދި ސިނާއީ ސަރަޙައްދުތަކަށް ޢަމާޒު ކުރުމުން ޔަހޫދީ ދައުލަތް ހުއްޓުމަކަށް އައެވެ. އެތައް ހާސް ބަޔަކު ޔަހޫދީންގެ ރަށްތައް ދޫކޮށް ކަނޑުމަގުން ސައިޕްރަސްސަށް ދިޔައެވެ. ޤައުމަށް އެނބުރި ނާދެވި އެތައް ހާސް ބަޔަކު އެހެން ޤައުމުތަކުގައި ތާށިވިއެވެ. ފަލަސްޠީނުގެ ބިމުގައި ޔަހޫދީން ގަދަބާރުން އުފައްދާފައިވާ ދައުލަތުން ޔަހޫދީންގެ ޢާންމު ރައްޔިތުންނަށް ހިމާޔަތާއި ރައްކާތެރިކަން ނުދެވި އެތައް މިލިއަން ބަޔަކު ބިންގަރާސްތަކުގައި ފިލައި ތިބެން ޖެހުނެވެ. އީރާނުން ދެމުންދިޔަ ޙަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު ޒަޚަމުވެ، 40 މީހުން މަރުވިއެވެ. މިއީ ކުޑަކުޑަ އާބާދީއެއް އޮންނަ ކުޑަކުޑަ ޤައުމަކަށް ކުރިމަތިލާން ޖެހުނު ދަތި އުނދަގޫ ކަންކަމެވެ.

އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓާލައި ޞުލްޙަވާން ޔަހޫދީންގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއަށް މަޖުބޫރުވީ އޭނާ ޖެހި އެއްވެސް ހިސާބެއް ދިމާނުވުމުންނެވެ. އީރާނުގެ ތެރެއިން ޔަހޫދީންނަށް ވާގިވެރިވާނެ ބަޔަކު ހޯދައި އެ މީހުން ބޭނުންކޮށްގެން އީރާނުގެ އެތެރެއިން ޙަމަލާތަކެއް ދިން ނަމަވެސް ޢާންމުން ނުކުމެ އެ ފަދަ މީހުންނާ ކުރިމަތިލިއެވެ. ޔަހޫދީންގެ ޖާސޫސުން ހައްޔަރުކޮށް އެ މީހުންނަށް މަރުގެ އަދަބު ދޭން ފެށިއެވެ. އީރާނުގެ ރައްޔިތުން ޚާމަނާއީއާ ދެކޮޅަށް ތެދުވުމުގެ ބަދަލުގައި އެއްވުންތައް ބޭއްވީ އޭނާއަށް އޮތް ތާޢީދު ދައްކުވައިދިނުމަށެވެ. އެ އެއްވުންތަކުގައި ފަހަތަށް ނުޖެހި ޔަހޫދީންނަށް ރައްދުގައި ދެމުންދާ ޙަމަލާތައް ވަރުގަދަ ކުރުމަށް ޢާންމުން ގޮވާލިއެވެ. ޙާމަނާއީގެ ވެރިކަން ވައްޓާލައި އޭނާ ޝަހީދުކޮށްލާނެ ކަމުގެ އިންޒާރު އެމެރިކާއާއި ޔަހޫދީން ދިނެވެ. ނަމަވެސް އެއީ ކުރަން ފަސޭހަ ކަމަކަށް ނުވިއެވެ.

އެމެރިކާއިން އީރާނުގެ ނިޔުކްލިއަރ މަރުކަޒުތަކަށް ބޮން އެޅުމާ އެކު މެދުއިރުމަތީގެ ޤައުމުތަކުގައި އެމެރިކާއިން ޤާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތަކަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުން ދިނެވެ. އެ ފަދަ ޙާލަތެއް މެދުވެރިވެއްޖެ ނަމަ އެމެރިކާއަށް ވަރަށް ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހޭނެއެވެ. މެދުއިރުމަތީގައި އެމެރިކާއިން ވަނީ 19 އަސްކަރީ މަރުކަޒު ޤާއިމުކޮށްފައެވެ. އެ މަރުކަޒުތަކުގައި އެމެރިކާގެ 40،000 ސިފައިން ޤާއިމުވެ ތިބެއެވެ. ގިނަ ޢަދަދެއްގެ އަސްކަރީ މަނަވަރާއި މަތިންދާބޯޓު އެ މަރުކަޒުތަކުގައި ހުރެއެވެ. އީރާނުން ވަނީ ޤަޠަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް މިސައިލް ޙަމަލާއެއް ދީ އެމެރިކާގެ ސިފައިން ތިބި ނާޒުކު ޙާލަތު ދުނިޔެއަށް ދައްކާލައިފައެވެ. ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް ނަތަންޔާހޫއަށް ބާރުއެޅުއްވީ އެ ހިސާބުންނެވެ.

ނަތަންޔާހޫ ފެށި ހަނގުރާމައަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ވެސް ބޮޑު ތާޢީދެއް ނުލިބުނެވެ. ހަނގުރާމައިގެ ތެރޭގައި ވިލާތުގެ ބޮޑެތި ބާރުތައް ކަމުގައި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަންބިލާތުގެ ޚާރިޖީ ވަޒީރުން އީރާނުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވިއެވެ. އަދި އީރާނުގެ ޚާރިޖީ ވަޒީރު ވަނީ ރަޝިޔާއަށް ވަޑައިގެން އެ ޤައުމުގެ ރައީސް ވުލަޑްމިއަރ ޕުޓިންނާ ވެސް ބައްދަލުކުރައްވައިފައެވެ. އޭގެ ކުރިން އިސްލާމީ ޤައުމުތަކުގެ ބައްދަލުވުމެއް ބާއްވައި ޔަހޫދީންގެ ޙަމަލާތައް ވަނީ ކުށްވެރިކޮށްފައެވެ. މުޅި ދުނިޔެ ގޮވަމުން ދިޔައީ ޔަހޫދީންގެ ޙަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދގެ ޗާޓަރާ ޚިލާފަށް ދެމުންދާ ޙަމަލާތަކެއް ކަމަށެވެ. އެމެރިކާއިން ހަނގުރާމައިގެ ތެރެއަށް ވަނުމުން ޓްރަމްޕްގެ އަމިއްލަ ޕާޓީގެ މެންބަރުން ވެސް ގޮވަމުން ދިޔައީ އެއީ އެމެރިކާގެ ޤާނޫނުތަކާ ޚިލާފު ޢަމަލެއް ކަމަށެވެ. ބޮޑެތި ފާޑުކިޔުންތައް ޢަމާޒުވެ ދުނިޔޭގެ ކުރިމަތީގައި އެމެރިކާއާއި ޔަހޫދީން ބާކީވެ އީރާނަށް އޮތް ތާޢީދު އިތުރުވިއެވެ. އީރާނުން ޔަހޫދީންނަށް ޙަމަލާ ދޭން ފެށުމުން ކުރިން އީރާނަށް ނަފުރަތު ކުރި މީހުން ވެސް އެ ކަމަށް ތާޢީދުކޮށް ފޯރީގައި މީސްމީޑިޔާގެ ވަޞީލަތްތަކުގައި އެކި ޕޯސްޓުތައް ކުރަން ފެށިއެވެ.

އިރާނާ ދެކޮޅަށް ކުރި ހަނގުރާމަ މަޖުބޫރުވެގެން ހުއްޓާލި ނަމަވެސް އެއީ ވަގުތީ ކަމެކެވެ. ޔަޤީންވާ އެއްކަމަކީ ނުސީދާކޮށް އަދިވެސް ދެ ޤައުމުން އަސްކަރީ ޙަރަކާތްތައް ހިންގާނެ ކަމެވެ. އަދި ދެން ފަހަރަކުން އީރާނާއި ޔަހޫދީންގެ ކުރިމަތިލުމެއްގެ ގެއްލުން ބޮޑުވެ ސަރަޙައްދީ އެހެން ޤައުމުތަކަށް ފެތުރުމުގެ ފުރުޞަތު އޮތް ކަމެވެ.