ޚަބަރު

ޓެރަރިޒަމްގެ ބޮޑު މައްސަލައެއްގައި 3 މީހެއްގެ މައްޗަށް ދައުވާކުރަން ޕީޖީއަށް


  • ޕީޖީން ވިދާޅުވީ މިމައްސަލައާ މެދު އަންނަ މަހު 7 ގެ ކުރިން ގޮތެއް ނިންމާނެ ކަމަށް

  • މިދިޔަ މާރިޗު މަހު ސަލާމަތީ ބާރުތަކުން މާލޭގައި ބޮޑު އޮޕަރޭޝަނެއް ހިންގި

ޓެރަރިޒަމްގެ ސީރިއަސް މައްސަލައެއްގައި 3 މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ދިވެހި ފުލުހުން ޚިދުމަތުން ފޮނުއްވައިފިއެވެ.

މިމައްސަލައާއި ގުޅޭގޮތުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޓެރަރިޒަމާ ގުޅޭ މައްސަލައެއްގެ 3 މީހެއްގެ މައްޗަށް ދައުވާކުރުމަށް ހޯމަ ދުވަހު ފުލުހުން ފޮނުވާފައިވާ ކަމަށެވެ. މި މައްސަލައިގައި ދައުވާކުރުމާމެދު ވަކި ގޮތެއް އަންނަ މަހުގެ 7 ގެ ކުރިން ނިންމާނެ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލައަކީ މިދިޔަ މާރިޗުމަހުގެ ކުރީކޮޅު ދިވެހި ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދިޔަ ޤައުމީ ސަލާމަތާއި ގުޅުންހުރި ޚާއްސަ އޮޕަރޭޝަނާއި ގުޅޭ މައްސަލައެވެ. މާލޭގެ އިތުރުން ސަލާމަތީ ބާރުތަކުން ވަނީ ހުޅުމާލޭގެ ބައެއް ތަންތަންވެސް ބަލާ ފާސްކޮށްފައެވެ. މިތަންތަން ބަލާފާސްކޮށް އެތަންތަނުން ވަނީ ބައެއް ތަކެތި ސަލާމާތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އޭރު ހިންގި އޮޕަރޭޝަންގެ ތެރެއިން މާލޭގެ ބައެއް ގެތައް ބަލާ ފާސްކޮށްފައިވާއިރު 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން އޭރު ވިދާޅުވެފައިވަނީ މިއީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްކަމަށާއި، އޮޕަރޭޝަނުގެ ތެރެއިން 3 މީހަކު ހައްޔަރުކޮށް، އެ މީހުންނާއި ގުޅުންހުރި ތަންތަން ބަލާ ފާސްކޮށްފައިވާ ކަމަށެވެ. މިއީ ޤައުމީ ސަލާމަތާއި ގުޅުން އޮތް މައްސަލައަކަށް ވުމުން ހާމަކުރެވެން އޮތް ވަރަކުން ހާމަކުރަމުންދާނެ ކަމަށް ސަލާމަތީ ބާރުތަކުން ވަނީ އޭރު ވިދާޅުވެފައެވެ.