އާސެނަލްއަށް ކުޅެމުން އަންނަ ބްރެޒިލް ފޯވާޑް ގަބްރިއެލް މާޓިނެއްލީ ގަތުމަށް ބަޔާން މިއުނިކުން ބިޑުކުރަން ތައްޔާރުވެއްޖެއެވެ.
ބަޔާންއިން އޭނާ ގަތުމަށް ބޭނުންވީ އެ ކުލަބުގެ އަރިމަތިން ކުޅޭނެ ހަލުވި ކުޅުންތެރިއަކު ހޯދުމަށް މިހާތަނަށް ކުރި މަސައްކަތްތައް ނާކާމިޔާބު ވުމުންނެވެ. ބަޔާންއިން ގަތުމަށް މަސައްކަތް ކުރީ ސްޕޭނުގެ އެތްލެޓިކެ ބިލްބާއއޯގެ ވިންގަ ނިކޯ ވިލިއަމްސް އާއި ލިވަޕޫލްގެ ވިންގަ ކޮލަމްބިއާގެ ލުއިސް ޑިއާޒް އާއި ރެއާލް މެޑްރިޑްގެ ބްރެޒިލް ވިންގަ ރޮޑްރީގޯ އެވެ. ނަމަވެސް މިއިން އެއްވެސް ކުޅުންތެރިއަކު ލިބޭ ގޮތެއް ނުވި އެވެ. ރޮޑްރީގޯ ބަޔާނަށް ދާކަށް ބޭނުމެއްނުވެ އެވެ. ޑިއާޒް ވިއްކާލަން ލިވަޕޫލް ބޭނުމެއްނުވެ އެވެ. ނިކޯ ވިލިއަމްސް ކުޅެން ބޭނުންވާ ހަމައެކަނި ކުލަބަކީ ބާސެލޯނާ އެވެ.
މާޓިނެއްލީ ގަތުމަށް ބަޔާން އިން ބިޑް ކުރަން ތައްޔާރުވާއިރު އިނގިރޭސި މީޑިއާތަކުން ބުނަނީ 20 މިލިއަން ޔޫރޯ ލިބޭނަމަ އޭނާ ވިއްކާލާނެ ކަމަށެވެ. މިއަދަދަކީ ބަޔާނަށް ދޭން މާ އުނދަގޫ އަދަދެއް ނޫނެވެ. ސަބަބަކީ ނިކޯ އާއި ޑިއާޒް ފަދަ ކުޅުންތެރިން ގަތުމަށް 50 މިލިއަން ޔޫރޯ ހޭދަ ކުރަން ވެސް އެ ކުލަބުން ތައްޔާރަށް އޮތުމެވެ.
ކޯޗު ވިންސެންޓް ކޮމްޕެނީ ބޭނުންވަނީ ކުރި އަށް އޮތް ސީޒަން ފެށުމުގެ ކުރިން ޓީމުގެ އެޓޭކިން ޑިޕާޓްމަންޓް ވަރުގަދަ ކުރުމަށެވެ. މާޓިނެއްލީ އަށް އޭނާގެ ޝައުގުވެރިކަން ފާޅުކުރިއިރު އާސެނަލް އިން ކުޅުންތެރިޔާ ވިއްކާލާން ބޭނުންވާ ސަބަބުތަކެއް ވެސް ވެ އެވެ. އެއީ ގަވާއިދުން ފުރަތަމަ 11 ގައި ނުކުޅެވުމާއި މާޓިނެއްލީގެ ފަރާތުން ކުރިއެރުން ފެންނަމުންދާލެއް ލަސް ވުމެވެ.
މާޓިނެއްލީ އާސެނަލްއާ ގުޅުނީ 2019 ވަނަ އަހަރު އެންމެ ފަސް މިލިއަން ޔޫރޯ އަށެވެ. އޭގެ ފަހުން މިހާތަނަށް 225 މެޗު ކުޅެފައިފައިވާއިރު އޭނާ އަށް ޖެހިފައިވަނީ އެންމެ 51 ގޯލެވެ. މިއީ ތަފާސް ހިސާބުން ބަލާއިރު އާސެނަލްގެ ކޯޗިން ޓީމުން ހިތްހަމަ ޖެހޭ އަދަދެއް ނޫނެވެ. އަނެއްކޮޅުން ހުސްވި ސީޒަނުގައި އޭނާ ބުނެފައިވަނީ އާސެނަލް ދޫކޮށް ދާން ބޭނުން ނުވާ ކަމަށާއި "މިއީ އަހަރެންގެ ގެ" ކަމަށެވެ.