މިނިވަންދުވަހާއި ގުޅިވައިގެން ޖުލައި 28 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މި އަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރުކަމަށްވުމާއެކު، މިއަހަރުގެ މިނިވަން ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަތަކެއް ބޭއްވުމަށް ހަމަޖެހިފައިވާތީއާއި މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންދުވާ ޖުލައި 27 ވާ އާދީއްތަ ދުވަހު ބާއްވާ ހަރަކާތްތަކުގެ އިތުރުން، ޖުލައި 28 ވާ ހޯމަ ދުވަހުގެ ޕުރޮގްރާމުގައިވެސް މުހިންމު ބައެއް ކަންކަން ހިމެނޭތީ، ޖުލައި 28 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާކަމަށެވެ.
ދިވެހިރާއްޖޭގެ މިނިވަން ދުވަހަކީ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ.
ދިވެހި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ގުޅިގެން އާންމުންނަށް ބައިވެރިވެވޭނެހެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށްވަނީ ނިންމާފައެވެ.
އެގޮތުން މިނިވަންދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ބާއްވާ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތާއި، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ފާހަގަކޮށްލެވެއެވެ. ރަސްމީ ޖަލްސާ މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ 2 ބަޔަކަށެވެ. އެއީ ރަސްމީ ޖަލްސާއާއި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދިނުމުގެ ޖަލްސާއެވެ.
މީގެ އިތުރުން މިނިވަން ދުވަހާއި ގުޅިގެން ދިވެހިބަހާއި ސަގާފަތާއި ބެހޭ ވުޒާރާގެ އިސްނެންގެވުމުގެ މަތިން ބާއްވާ އެހެނިހެން ހަރަކާތްތަކުގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އާ ގުޅިގެން ކުރު ފިލްމު ފެސްޓިވަލެއް ބޭއްވުމާއ، އާންމުންނަށް ހުޅުވާލައިގެން ބާއްވާ ފޮޓޯގްރަފީ މުބާރާތާއި، ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ ފުޅަނދު ބުރުވެސް މިފަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިހަރަކާތްތަކުގެ އިތުރުން މިނިވަން ދުވަހާއި ގުޅިގެން، މައިދާނީ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމަށްވެސްވަނީ ހަމަޖެހިފައެވެ. ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދާ މި ހަރަކާތްތަކުގައި ހަތަރު ސްކޫލެއްގެ އިތުރުން، ސަޤާފީކަންކަމާއި ގުޅޭ ވުޒާރާއިން ބައިވެރިވާނެއެވެ. އަދި ސްކޫލްތަކާއި ގުޅިގެން ކުރެހުމާއި މަޒުމޫނު ލިޔުމުގެ މުބާރާތެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިނިވަން ދުވަހާ ގުޅިގެން ސްކޫލްތަކުގެ ކެޑޭޓުން ބާއްވާ މަގުމަތީ ހިނގާލުމެއްވެސް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.
މިއަހަރަކީ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ މިއަހަރު އާންމުކޮށް ބޭނުން ކުރާނެ ލޯގޯއެއް ފަރުމާ ކުރުމަށް ހުޅުވާލި ފުރުޞަތުގައި ހުށަހަޅާފައިވާ ލޯގޯތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ވެސް ސަޤާފަތާއި ބެހޭ ވުޒާރައިން ދަނީ ކުރައްވަމުންނެވެ.