ފީފާ ކުލަބު ވޯލްޑް ކަޕް ކުޅެމުންދާ އެމެރިކާގެ ގިނަ ދަނޑުތަކުގެ ހާލަތު ގޯސް ކަމަށާއި، ބައެއް ދަނޑުތަކުގައި ބޯޅަ ދަނީ މުސަޅެއް ފުމޭހެން ކަމަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.
އޭނާ މިހެން ބުނީ މުބާރާތުގެ ދެ ވަނަ ބުރަށް ދިޔަ މެޗަށް ފަހުއެވެ. ޕީއެސްޖީ ވަނީ މިހާތަނަށް އެމެރިކާގައި ތިން މެޗު ކުޅެ ދެ މެޗު ކާމިޔާބުކޮށްފަ އެވެ.
"އަހަރެން މިހެން މި ބުނަނީ ބަލިވީމާ އެއް ނޫން. އަހަރުމެން މޮޅުވިޔަސް އަހަރެން ބުނަނީ ދަނޑުތައް ކަމަކު ނުދެއޭ. ހަގީގަތުގައި ވެސް ދަނޑުތަކުގެ ފެންވަރު ދަށް. ލުމެން ބައެއް ދަނޑުތަކުގައި ބޮޑެތި ވަޅު ގަނޑުތައް އެބަހުރި. އޭގެ ސަބަބުން އަހަރުމެންގެ ސިސްޓަމަށް ކުޅެން އުނދަގޫވޭ،" އެންރީކޭ ބުންޏެވެ.
އޭނާ ބުނީ ގްރޫޕްގެ ސްޓޭޖުގެ ތިން ވަނަ މެޗު ކުޅުނު ލުނިން ފީލްޑް ސްޓޭޑިއަމަކީ ދަނޑުތައް ކަމު ނުދާ ކަމުގެ މިސާލެއް ކަމަށެވެ.
"ކުރިން އެ ތަނުގައި އޮތީ ޓާފެއް. މިހާރު އެއީ ވިނަ ދަނޑެއް. އެ މީހުން އަތުން ދަނޑަށް ފެން ޖަހަނީ. އެ މީހުން ހާފް ޓައިމް ވަރަށް ގިނައިން ފެން ޖަހާ ހެދި ނަމަވެސް މައްސަލައަކީ 10 މިނިޓް ތެރޭގައި ދަނޑު އެއްކޮށް ހިކޭތީވެ. މީގެ ސަބަބުން ދަނޑުގައި އޮމާން ކަމެއް ނުހުރޭ. އަދި މީގެ ސަބަބުން އަހަރުމެންގެ ގޭމް ކުޅެން ވަރަށް އުނދަގޫވޭ. އެހެން ނަމަވެސް އަހަރުމެން މި އަންނަނީ މި ދަނޑުތަކަށް ހޭނި މެޗުތައް ކާމިޔާބު ކުރަމުން. އެކަމަކު މިއީ ފަސޭހަ ކަމެއް ނޫން،" ކޯޗު ބުންޏެވެ.
ދަނޑުތައް ގޯސް ވާހަކަ ދެއްކި ހަމައެކަނި މީހަކީ އެންރީކޭ އެއް ނޫނެވެ. ރެއާލް މެޑްރިޑްގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ވެސް ވަނީ އެ ވާހަކަ ތަކުރާރުކޮށްފަ އެވެ. އޭނާ ބުނީ ބޯޅަ ދަނީ ފުންމަ ފުންމައިގެން ކަމަށެވެ.
"ބޯޅަ ދަނީ ފުންމަ ފުންމައިގެން. މިސްރާބު ވަރަށް އަވަހަށް ބަދަލުވޭ. މީގެ ސަބަބުން ކަކުލަށް ވަރަށް ބާރު ބޮޑުވޭ. ހަގީގަތުގައި ވެސް މި ދަނޑުތައް އެހާ ރަނގަޅެއް ނޫން. ކުޅުންތެރިންނަށް ތަކުލީފުތަކަކާ ކުރިމަތިވޭ،" ބެލިންހަމް ބުންޏެވެ.
ދެ ވަނަ ބުރުގައި ޕީއެސްޖީ ވާދަ ކުރާނީ އެމެރިކާގެ އިންޓަ މިއާމީއާ އެވެ. މިއީ ޕީއެސްޖީގެ ކުރީގެ ފޯވަޑް އަދި އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ކުޅޭ ޓީމެވެ. އެންރީކޭ ބާސެލޯނާ އަށް ކޯޗުކޮށްދިން އިރު އެ ޓީމުގައި ކުޅުނު ހަތަރު ކުޅުންތެރިއަކު ޕީއެސްޖީގައި އެބަތިއްބެވެ. މިހެންވެ ގިނަ ބަޔަކު ދެކެނީ މިއީ ޝައުގުވެރި މެޗަކަށް ވާނެ ކަމަށެވެ.