ޚަބަރު

އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދަނީ


  • ހަރަކާތްތައް ފަށާނީ މާދަމާ ހެނދުނު ސަޔަކުން

  • އެކި ރަށްރަށުގައި ދިދަ ނެގުމުގެ ހަރަކާތް ކުރިއަށްގެންދާނެ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތައް ކުރިއަށްގެންދަން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ޕާޓީގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދަން ނިންމާފައިވާ ހަރަކާތްތަކާ ގުޅޭގޮތުން އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު އާއި ޗެއަރޕާސަން ފައްޔާޒު އިސްމާޢިލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ބުރާސްފަތި ދުވަހު އެމްޑީޕީއަށް 20 އަހަރު ފުރޭއިރު އެ ދުވަހުން ފެށިގެން އަހަރީ ދުވަހުގެ ހަރަކާތްތައް ފެށިގެންދާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢިލް ވިދާޅުވިއެވެ. އެގޮތުން، ދުވަސް ފަށާނީ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ބާއްވާ ހެނދުނު ސަޔަކާއެކުގައި ކަމަށާއި ކޮންމެ އަހަރަކުވެސް އެޕާޓީން ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތުވެސް ބާއްވާނެ ކަމަށް ވިދާޅުވިއެވެ. ޕާޓީގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ހެނދުނު 9:00ގައި ފަށާއިރު މި ހަރަކާާތް މާލޭގެ އިތުރުން ރަށްރަށުގައިވެސް ކުރިއަށްދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ އަހަރީ ދުވަހާ ގުޅުވައިގެން މުޅި އަހަރަށް ބަހާލައިގެން ހަރަކާތްތައް ކުރިއަށްގެންދިއުމަށްވެސް ވަނީ ނިންމާފައެވެ. ފައްޔާޒު ވިދާޅުވީ މި ހަރަކާތްތަކުގެ ބޭނުމަކީ އެމްޑީޕީން ފާއިތުވި 20 އަހަރު ދުވަހު ކޮށްފައިވާ އިސްލާހީ މަސައްކަތްތައް އަންގައި ދިނުމަށް ކަމަށެވެ.

"މުޅި މިއަހަރަށް ދެމިގެންވާގޮތަށް އަޅުގަނޑުމެން ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ގަސްތުކޮށްފައިވަނީ. އޭގެ ބޭނުމަކީ މިހާރުގެ ޖީލުތަކަށްވެސް ވޭތުވެދިޔަ 20،30 އަހަރުގެ ތެރޭގައި އިސްލާހަށް ކުރެވުނު މަސައްކަތްތަކާއި އޭރުގެ ހާލަތްތައް އަންގައިދިނުމާއި އަދި ކުރިއަށް އޮތްތަނަށްވެސް ދިވެހިރާއްޖެއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެެރިވެ އެކަންކަން ކާމިޔާބު ކުރުމުގައި އޮންނާނީ އެމްޑީޕީކަން ދައްކައިދިނުމުގެ ގޮތުން،" ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީއަށް 20 އަހަރު ފުރޭއިރު އެޕާޓީގެ ތެރޭގައި އުފެދުނު ބައިބައި ވުންތަކުގައި ޕާޓީދޫކޮށް ވަޑައިގްނެި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެޕާޓީއާއި އަލުން ގުޅިވަޑައިގެންފައެވެ. ރައީސް ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެކަން އިއުލާންކުރެެއްވުމާއެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާންކުރައްވާފައެވެ.

އަދި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން މިހާރުވެސް ގެންދަވަނީ ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ނުސީދާކޮށް ކެމްޕެއިންކުރައްވަމުންނެވެ. އޭގެތެރޭގައި ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލާއި، ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ހިމެނިވަޑައިގަންނަވައެވެ.