ޚަބަރު

މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމަށް ފަރުވާގެ ނިޒާމާ އެއްވަރަށް މުޖުތަމަޢުގެ އެހީތެރިކަން ބޭނުންވޭ


  • ގިނަ އަދަދެއްގެ މަސްތުވާތަކެއްޗަށް މިހާރު ޓެސްޓުކުރެވޭ ކެޕޭސިޓީ ވަނީ އިތުރުކޮށްފަ

  • ފަރުވާގެ ނިޒާމު ފުރިހަމަ ކުރާ މީހުންނަކީ ހަރުދަނާ ބަޔަކަށް ހެދުން އަމާޒަކީ

މަސްތުވާތަކެތީގެ މައްސަލައަކީ މި ކުޑަ ކުޑަ ޤައުމުގައިވެސް ބޮޑު މައްސަލައަކަށް މިވަނީ ވެފައެވެ. މަސްތުވާތަކެއްޗާ ގުޅޭ އެކަށީގެންވާ ދިރާސާއެއް މިހާތަނަށް ހެދިފައި ނެތްނަމަވެސް، ރިހެބިލިޓޭޝަން ފަރުވާއަށް ހުކުމް ކުރާ މީހުންނާއި ފަރުވާ ނިޒާމުގެ ތެރޭގައި އުޅޭ މީހުންގެ އަދަދުން، މި މައްސަލައިގެ ސީރިއަސްކަން އެނގިގެންދެއެވެ. އަދި އެކި އެކި އޮޕަރޭޝަންތަކުގައި އަތުލައިގަންނަ މަސްތުވާތަކެއްޗާއި ހައްޔަރުކުރާ މީހުންގެ އަދަދުން އެކަން ހާމަވެއެވެ.

މިއީ ޤައުމު ސަލާމަތްކުރަންޖެހިފައިވާ ބޮޑު މައްސަލައެއްގެ ގޮތުގައި ދެކި، މަސްތުވާތަކެތިން ސަލާމަތްވެފައިވާ މުޖުތަމަޢުއެއް ބިނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ފަށާފައެވެ. ސަރުކާރުން އެންމެ ބޮޑު މަސައްކަތެއް ކުރަމުންދަނީ މަސްތުވާތަކެތި ރާއްޖެ އެތެރެވާ މިންވަރު މަދުކޮށް، މަސްތުވާތަކެތި ބޭނުންކުރާ މީހުން މަދުކުރުމަށެވެ.

ވޭތިވެދިޔަ 18 މަސް ދުވަހަށް ބާލާއިރު، މަސްތުވާތަކެތީގެ އެކިއެކި މައްސަލަތަކުގައި 700 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، 275 އޮޕަރޭޝަނެއްގައި 1580 މީހުން މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވެއެވެ. އަތުލައިގެން ތަކެތީގެ އަގު 1.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

ޕިއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަދި ނެޝަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ޗެއަރ، ލުބްނާ ޒާހިރު ވިދާޅުވީ މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް، މި ވޭތުވެދިޔަ ދޮޅު އަހަރު ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ.

އެގޮތުން މަސްތުވާތަކެތީގެ ޓެސްޓިން ކެޕޭސިޓީ ވަރަށް ބޮޑަށް ވަނީ އިތުރުކޮށްފައެވެ. މިހާރު ރާއްޖޭގައި ގިނަ ބާވަތްތަކެއްގެ ޑްރަގަށް ޓެސްޓުކުރެވެއެވެ. މިއީ ފަރުވާގެ ނިޒާމު ބައްޓަށްކުރުމަށް ވަރަށް މުހިންމު ބަދަލެއްކަމަށް ލުބްނާ ވިދާޅުވިއެވެ.

"މިހާރު 23 ބާވަތެއްގެ މަސައްތުވާތަކެއްޗަށް ޓެސްޓުކުރެވޭ ޕެނަލް އެބަހުރި. ކުރިން ޔޫރިން ކަޕްއިންވެސް ޓެސްޓުކުރެވެނީ އެއްފަހަރާ 7 ބާތެއްގެ މަސައްތުވާތަކެއްޗަށް. މިހާރު އެބަ އެއްފަހަރާ ކަޕަކުން ޓެސްޓްކުރެވޭ 14 ބާވަތަކަށް. މިހާރު ސިންޓެޓިކް(ކެމިކަލް) ޑްރަސްއަށް އެބަ ޓެސްޓުކުރެވޭ. މިއީ ހަމަ ގެނައުން މަޖުބޫރު ބަދަލުތަކެއް." ސްޓޭޓް މިނިސްޓަރ ލުބްނާ ވިދާޅުވިއެވެ.

މަސްތުވާތަކެތި ބޭނުންކުރާ އާބާދީއާއި މުޖުތަމަޢުގައި އުޅޭ މަސްތުވާތަކެތީގެ ބާވަތްތައް ދެނެގަތުމަށް ޕައިލެޓް ސްޓަޑީއެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ޕައިލެޓް ސްޓަޑީގައި ޖުމްލަ 1000އެއްހާ މީހުންގެ ސާމްޕަލް ޓެސްޓުކުރާނެއެވެ.

ސަރުކާރު ހަވާލުވިއިރު، ކޯޓުން ހުކުރުމްކޮށް ފަރުވާއަށް ނުވަދެވި ތިބި ހާހެއްހާ މީހުން މިހާރު ފަރުވާގެ ނިޒާމަށް ވައްދާ، އެމީހުންގެ ފަރުވާތައް އެދަނީ ފުރިހަމަކުރަމުންނެވެ.

މިވަގުތު ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސްއަށް ބާލާއިރު، އެތާންގައި މެތަޑޮން ފަރުވާގައި 18 މީހުން އަދި ކޮމިއުނިޓީ ފަރުވާގައި 66 މީހުން އެބަތިއްބެވެ.

މީގެއިތުރުން މަސްތުވާތަކެތި ބޭނުންކޮށް މަގުމަތީ އުޅެމުންދިޔަ މީހުން ފަރުވާއަށް ވެއްދުމުގެ ޕްރޮގްރާމްގެދަށުން، މިވަގުތުވެސް ރިމާންޑްގައި އެފަދަ 9 މީހުން އެބަތިއްބެވެ. ރިމާންޑް ފަރުވާގެ ސަބަބުން އޯވަޑޯޒްވުން ވަރަށް ބޮޑަށް ކުޑަކުރެވިފައިވާކަމަށް ލުބްނާ ވިދާޅުވިއެވެ.

ފަރުވާ ހޯދާ މީހުންގެ ގާތްގަނޑަކަށް %50 މީހުންނަކީ ނަފްސާނީ އެކި ބަލިތަކަށްވެސް ބޭސްކާންޖެހިފައިވާ މީހުންކަން ލުބްނާ ފާހަގަކުރެއްވިއެވެ. އަދި ޑްރަގްގެ ސަބަބުން ބޮޑެތި ސިއްހީ މައްސަލަތައް ކުރިމަތިވެ، ބޮޑެތި ބަލިތަކަށް ފަރުވާ ދޭންޖެހޭކަމަށް ލުބްނާ ވިދާޅުވިއެވެ.

އެންމެ ބޮޑު އަމާޒަކީ ފަރުވާގެ ނިޒާމު ނިންމާ ނިކުންނަ މީހުންނަކީ ދިރުއުޅުމުގައި ކުރިއަށްދެވޭނެ، ހުނަރެއް ދަސްވެ ވަޒީފާ އަދާކޮށްގެން އަމިއްލައަށް ދިރިއުޅެވޭނެ ބައެއްގެ ގޮތުގައި ނެރުމެވެ. އެގޮތުން ވަޒީފާގެ ހުނަރު ދަސްކޮށްދިނުމުގެ އެކި ޕްރޮގްރާމްތައް މިހާރު ފަރުވާގެ ނިޒާމުގައި ހިމަނައިގެން އަންނަނީ ހިންގަމުންނެވެ.

ޑްރަގް ފަރުވާގެ ނިޒާމު މުޅި ރާއްޖެއަށް ފުޅާކުރުމަށް 3 ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ފަރުވާގެ ނިޒާމުގެ އެންމެ ބޮޑު އެއް ބަޔަކީ އާއިލާއާއި މުޖުތަމަޢުއިން އެމީހުންނާ ބޭނުންވާ އެހީތެރިކަމަކެވެ. ރަނގަޅުވާން މަސައްކަތްކުރާ މީހާއަށް، އިތުބާރުކޮށް އެކަމުގައި އެހީތެރިވެދީ އެ ފުރުޞަތު އެމީހުންނަށް ދިނުމެވެ.