ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ވީއޭއެމް ކަޕް 2025 ގެ ފިރިހެން ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން ކުލަބު އެޗްޑީސީ މޮޅުވެއްޖެއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗު އެޗްޑީސީ މޮޅުވީ ބުލޫސް ފޯ ވޮލީބޯލްއާ ވާދަކޮށް 3-0 ސެޓުންނެވެ.
ވާދެވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގެ އެންމެ ފޯރިގަދަވީ ފުރަތަމަ ސެޓެވެ. މި ސެޓު އުނދަގޫތަކަކަށްފަހު އެޗްޑީސީ ކާމިޔާބު ކުރީ 28-26 އިންނެވެ. މެޗުގެ ދެވަނަ ސެޓު ބުލޫސް ޓީމު ދައްކޮށް ފެނުނިއިރު މި ސެޓު އެޗްޑީސީން ގެންދިޔައީ 25-15 އިންނެވެ.
މެޗުގެ ފަހު ސެޓުގައި ބުލޫސް އިން ކުޅުން ރަނގަޅުކޮށް ރަނގަޅު ވާދައެއް ކުރިއިރު އެޗްޑީސީން ސެޓު ކާމިޔާބުކުރީ 25-20 ނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޗްޑީސީގެ ޝާމިލް ހުސެއިންނެވެ.
ވީއޭއެމް ކަޕުގައި އަށް ޓީމަކުން ވާދަކުރާނެއެވެ. ޓީމުތައް ދެ ގްރޫޕަކަށް ބެހިފަވާއިރު، ގްރޫޕް އޭ ގައި ހިމެނެނީ ކުލަބު އެޗްޑީސީ، ހުރާ ކޮމިއުނިޓީ ކުލަބު، ސްޕޯޓްސް ކުލަބު ސިޓީ އަދި ބުލޫސް ފޯރ ވޮލީބޯލްއެވެ. އަދި ގްރޫޕް ބީގައި ހިމެނޭ ޓީމުތަކަކީ ދިވެހި ސިފައިންގެ ކުލަބު، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު، ޕޮލިސް ކުލަބު އަދި ދަ ސަދާން ސްޕޯޓްސް ކުލަބެވެ.
މިމުބާރާތުގެ ކުޅުން ފުރަތަމަ ތިން ދުވަހު ތިންވަގުތެއްގައި ކުރިއަށްދާނެއެވެ. އެއީ މެންދުރުފަހު 03:00 އާއި، ހަވީރު 05:00ގެ އިތުރުން ރޭގަނޑު 08:30ގައި އެވެ.