އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ވަކި ކަހަލަ ޚާއްސަ ތަމްރީންތަކެއް ލިބިގެން މެނުވީ ރާއްޖޭގެ އުޅަނދު ފަހަރުގައި މަސައްކަތްކުރާ ފަރާތްތަކަށް އެ މަސައްކަތް ނުކުރެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެމިނިސްޓްރީން ވަނީ ރާއްޖޭގައި އުޅަނދުތައް ދުއްވާމީހުންނަށް ޚާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދިޔުމަށް ތިން އިންސްޓިޓިއުޓަކަށް މިހާރު ހުއްދަދެއްވާފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ގެޒެޓްކުރި، ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ޤަވާއިދުގެ ދަށުން ވަކި ކަހަލަ ޚާއްސަ ތަމްރީނުތަކެއް ލިބިފައި ނެތް ފަރާތްތަކަށް ރާއްޖޭގައި ދުއްވާ އުޅަނދުފަހަރުތަކުގައި ނޫޅެވޭ ގޮތަށް މަޖުބޫރުކުރެއެވެ.
img:http://s3.psmnews.mv/images/660x400/7830.jpg|ފަރަށް އަރާފައިވާ ބޯޓެއް - ފޮޓޯ: ޕޮލިސް ފައިލް
އެހެންކަމުން ރާއްޖޭގެ އުޅަނދުތަކުގައި ތިބޭ މީހުންނަކީ ވަކި ކަހަލަ ސަނަދެއް އޮތް ބަޔަކަށް ހެދުމުގެ ގޮތުން އެމިނިސްޓްރީން ވަނީ މި ތަމްރީނުތައް ހިންގުމަށް ތިން އިންސްޓިޓިއުޓަކަށް ހުއްދަ ދެއްވާފައެވެ. އެއީ ޔުނިވާރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްއާއި މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އާއި އެކަޑަމީ އޮފް އިންޓަރނޭޝަނަލް މެރިޓައިމް އެންޑް މެނޭޖްމަންޓެވެ.
މީގެ ތެރެއިން ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްއަށް ވަނީ ނިޔަމިކަމުގެ ސެޓްފިކެޓް 2 ހިންގުމުގެ ހުއްދަދީފައިކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އަދި ކުރިން އެ ސެންޓަރަށް ނިޔަމިކަމުގެ ސަނަދަށް ސެޓްފިކެޓް ހޯދައިދިނުމުގެ ހުއްދަވެސް ވަނީ ދީފައެވެ. އޭގެ އިތުރަށް އަމިއްލަ ދެ އިންސްޓިޓިއުޓްއަށް ނިޔަމިކަމުގެ ސެޓްފިކެޓް 2 ހިންގުމުގެ ހުއްދަ ދީފައިވާއިރު، ފަޅުވެރިންގެ ސެޓްފިކެޓް ހިންގުމުގެ ހުއްދަވެސް ވަނީ ދީފައެވެ.
img:http://s3.psmnews.mv/images/660x400/6759.jpg|ފަރަށް އަރާފައި އޮތް ދޯންޏެއް / ފޮޓޯ: ޕޮލިސް މީޑިއާ
މި ތިން އިންޓިޓުއުޓްގައިވެސް ކޯސް ހިންގުމުގެ މަސައްކަތްކުރަމުންދާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. މި ކޯސްތަކުގެ ތެރެއިން ނިޔަމިކަމުގެ ސަނަދުގެ ކޯހަކީ އެއްމަސްދުވަހުގެ ކޯހެކެވެ. ނިޔަމިކަމުގެ ސެޓްފިކެޓް ލެވެލް 2ގެ ކޯހަކީ ދެ ހަފްތާގެ ކޯހެކެވެ. އަދި ފަޅުވެރިންގެ ކޯހަކީ ދެ ދުވަހުގެ ކޯހެކެވެ.
އެމިނިސްޓްރީން ވިދާޅުވީ މި ތަމްރީނުތައް ފަރުމާކޮށްފައިވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ތިބޭ ފަރާތްތައް އެ ތިބިތަނަކަށް ގޮސްގެން އެ ތަމްރީނުތައް ދެވޭނެ ގޮތްތަކަކަށްކަމަށެވެ.
މި ކޯސްތައް ފަރުމާ ކޮށްފައި މިވަނީ ކަނޑުމަތީގައި އުޅަނދު ފަހަރު ދުއްވުމަށް ކޮންމެހެން ބޭނުންވާ މައުލޫމާތުތަކެއް އެފަރާތްތަކަށް ފޯރުކޮށްދީގެން އޭގެ މައްޗަށް ބިނާކޮށް ކަމަށް އިކޮނޮމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ހުސައިން ނަޒީރު ވިދާޅުވިއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގައި އެއުޅަނދު ދަތުރުކުރާ ކެޓަގަރީއަކާ ގުޅޭ ގޮތުން ކެޕްޓަނާއި ފަޅުވެރިން ތިބެންވާނެކަމަށް ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ޤަވާއިދުގައިވާ ބަޔާންކޮށްފައިވާއިރު ކެޕްޓަންއާއި ފަޅުވެރިންގެ އަތުގައިވެސް ޚާއްސަ ސަނަދަކާއި ލައިސަންސެއް އޮންނަންޖެހެއެވެ.