ޚަބަރު

ވިމަން އިން ޑިޕްލޮމަސީ ދުވަސް ފާހަގަކުރުމަށް ޚާރިޖީ ވުޒާރާއިން އިންޓަރެކްޓިވް ޑައިލޮގެއް ބާއްވައިފި


  • ޑައިލޮގް ޝަރަފުވެރިކޮށްދެއްވިީ އދ. އާންމު މަޖިލީހުގައި ރާއްޖެ ތަމްސީލް ކުރެއްވި ފުރަތަމަ އަންހެން ޑިޕްލޮމެންޓް

  • މި ދުވަސް ފާހަގަކުރަނީ، 2022 ވަނަ ރާއްޖެއިން އދ. އާންމު މަޖިލީހަށް ހުށަހެޅި ޤަރާރެއްގެ ތެރެއިން

މިއަހަރުގެ އިންޓަރނޭޝަނަލް ޑޭ އޮފް ވިމަން އިން ޑިޕްލޮމަސީ ފާހަގަކުރުމުގެ ގޮތުން ޚާރިޖީ ވުޒާރާއިން އިންތިޒާމުކޮށްގެން އިންޓަރެކްޓިވް ޑައިލޮގް އެއް ބާއްވައިފިއެވެ.

"ސެލެބްރޭޓިންގ ވިމަން ޑިޕްލޮމެޓްސް"ގެ ނަމުގައި ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ޑައިލޮގް ޝަރަފުވެރިކޮށްދެއްވީ، އ.ދ.ގެ ޖެނެރަލް އާންމު މަޖިލީހުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވި ފުރަތަމަ އަންހެން ޑިޕްލޮމެޓް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދެވެ.

އެ ކަމަނާގެ ވާހަކަފުޅުގައި އަންހެން ބޭފުޅެއްގެ ހައިސިއްޔަތުން އެ ކަމަނާއަށް ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކާ ލިބިވަޑައިގެންނެވި ފުރުސަތުތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި ޑިޕްލޮމަސީގެ ދާއިރާގައި އަންހެން ބޭފުޅުންނަށް އެއް ހަމައެއްގައި ބައިވެރިވެވޭނެކަން ޔަޤީންކުރެވޭނެ މަގު ސާފުވެފައި އޮތްކަމަށް ވިދާޅުވެ، އެ ލަނޑުދަނޑި ހާސިލުކުރުމަށް އަވަހަށް މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ. އެކަމަނާގެ ވާހަކަފުޅު ނިންމަވާލެއްވީ އަދުގެ އަދި މާދަމާގެ އަންހެން ޑިޕްލޮމެޓުންނަށް އުއްމީދުގެ މެސެޖެއް ދެއްވަމުންނެވެ.

މި ޑައިލޮގްގައި ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ މިނިސްޓަރ ކައުންސެލަރ ހެ ފެން އާއި، ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގެ ކައުންސެލަރ ކިރަން ކަތްރީ އަދި ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޮރ ދަ މޯލްޑިވްސްގެ ޑެޕިއުޓީ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޕެކް ޗުއާން ހިމެނޭ ޕެނަލް ޑިސްކަޝަން އެއް ކުރިއަށްގެންގޮސްފައިވެއެވެ.

މި ޕެނަލް ގައި މަސައްކަތުގެ މައިދާނުގައި އަންހެނުންނަށް ބާރުލިބިދޭ ގޮތަށް މުއައްސަސާތަކައް މަސަތްކަތްކުރެވޭނެ ގޮތްތަކާ، ޑިޕްލޮމަސީގައި އަންހެން ޑިޕްލޮމެޓުންނަށް އެއް ހަމައެއްގައި ބައިވެރިވެވޭކަން ކަށަވަރުކުރުމަށް ބަދަލުކުރަންޖެހޭ ކަންތައްތަކަށް އަލިއަޅުވާލާފައިވެއެވެ.

މިއަދު ބޭއްވުނު އިންޓަރެކްޓިވް ޑައިލޮގްގައި މި މިނިސްޓްރީގެ މުވައްޒަފުންގެ އިތުރުން، ރާއްޖޭގައި ޤާއިމްވެފައިވާ ޑިޕްލޮމެޓިކް މިޝަންތަކުގެ މެމްބަރުންނާއި، ސަރުކާރު ވުޒާރާތަކުގެ މުވައްޒަފުންނާއި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

އިންޓަރނޭޝަނަލް ޑޭ އޮފް ވިމަން އިން ޑިޕްލޮމަސީ އަކީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 24 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ކަނޑައެޅުމަށް އ.ދ.ގެ ޢާއްމު މަޖިލީހުގައި 2022 ވަނަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހު 191 މެމްބަރުގެ ކޯ-ސްޕޮންސަރޝިޕްއާއެކު ފާސްކުރި ޤަރާރަކީ ދިވެހިރާއްޖެއިން އިސްވެ ހުށަހެޅި ޤަރާރެކެވެ.