ޚަބަރު

ހިޖުރީ އައު އަހަރުގެ ތަހުނިޔާ ކުރީގެ ރައީސުންނާއި ސިޔާސީ ލީޑަރުން ފޮނުއްވައިފި


  • ދިވެހި ރައްޔިތުންނާއި މުސްލިމް ޢުއްމަތަށް ދުވަހުގެ ތަޙުނިޔާ ވަނީ ފޮނުއްވާފައި

  • ކުރިއަށް އޮތް އަހަރަކީ ކާމިޔާބު އަހަރެއްކަމުގައި ލެއްވުމަށްއެދި ދުޢާ ކުރެއްވި

ދިވެހިރާއްޖޭގެ ސިޔާސީ އިސް ލީޑަރުން، ހިޖުރީ އައު އަހަރުގެ ތަހުނިޔާ ރާއްޖޭގެ ރައްޔިތުންނާއި އިސްލާމީ އުއްމަތަށް ފޮނުއްވައިފިއެވެ. މިއަހަރު އިސްލާމީ އުއްމަތާ، މި ބައްދަލުކުރީ 1447 ވަނަ ހިޖްރީ އައު އަހަރެވެ.

ހިޖުރީ އައު އަހަރަކީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، މައްކާ ދޫކުރައްވައި މަދީނާއަށް ވަޑައިގެން އިސްލާމީ ދައުލަތް ޤާއިމުކުރެއްވުމަށް ފެށްޓެވި މަތިވެރި މަސައްކަތްޕުޅުން އެތަކެއް ޢިބްރަތެއް ލިބިގެންދާ މުނާސަބާއެކެވެ.

އިސްލާމީ ދުނިޔޭގައި މިއަދު ފާހަގަކުރަމުންދާ 1447 ވަނަ ހިޖުރީ އައު އަހަރުގެ މުނާސަބަތާ ގުޅިގެން ރާއްޖޭގެ ކުރީގެ ރައީސުންނާއި ސިޔާސީ ލީޑަރުން ވަނީ ދިވެހި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.

ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފު ވަނީ ހިޖުރީ އައު އަހަރުގެ ތަޙުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ. އަދި މި ފެށޭ ޙިޖުރީ އައު އަހަރަކީ އިސްލާމީ އުންމަތައް އުފާ ފާގަތި، އަމާން، ސުލްޙަވެރި އަހަރެއްކަމުގައި ލައްވެމަށް އެދި ދުޢާ ކުރައްވާފައެވެ.


ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ވަނީ، ހިޖްރީ އައު އަހަރުގެ ހެޔޮއެދުމާއި ތަޙުނިޔާ އަރިސްކުރައްވާފައެވެ. އެމަނިކުފާނު ތަޙުނިޔާ ފޮނުއްވާފައިވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

،


ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމް ފޮނުއްވެވި ތަޙުނިޔާގެ މެސެޖުގައި ވަނީ 1447 ވަނަ ހިޖްރީ އައު އަހަރު ފެށުމުގެ އުފާވެރި މުނާސަބަތުގައި މުޅި އިސްލާމީ އުއްމަތަށް ނުހަނު އިޙްލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވާ މުބާރަކްބާދީ އަދާކުރައްވާފައެވެ. އަމި މި ފެށޭ އައު އަހަރަކީ އިސްލާމީ އުންމަތަށާއި މުޅި ދުނިޔެއަށް ޞުލްޙަ މަސަލަސްކަމާއި އަމާންކަމާއި ބާއްޖަވެރިކަމާއި ނިމުމެއް ނެތް ތަރައްޤީ ލިބެނިވި އަހަރެއްކަމުގައި ލެއްވުމަށް އެދި ދުޢާކުރައްވާފައިވެއެވެ.


ކުރީގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް އެކްސްގައި ޙިއްސާކުރެއްވި ޕޯސްޓްގައި ވަނީ ހިޖުރީ އައު އަހަރުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި އިސްލާމީ އުންމަތުގެ އަޚުންނާއި އުޚުތުންނަށް އަރިސްކުރައްވާފައެވެ.

މި ފެށޭ 1447 ވަނަ އަހަރަކީ، ދިވެހިންނަށާއި ދިވެހިރާއްޖެއަށް އަދި މުޅި އިސްލާމީ އުންމަތަށް، ބާއްޖަވެރިކަމާއި ތަނަވަސްކަން ގެނެސްދޭނެ އުފާވެރި އަހަރެއް ކަމުގައި ލައްވުމަށް އެދި ދުޢާ ކުރައްވާފައެވެ.


ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މި އަހަރަކީ އުފާ ފާގަތިކަމާއި ހެޔޮކަމުގެ އަހަރެއްކަމުގައި ލެއްވުމަށް އެދީ ދުޢާ ކުރައްވާފައެވެ. އަދި ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި، ޚާއްސަކޮށް ދިވެހި ލޮބުވެރި ރައްޔިތުންނާއި، އާއްމުކޮށް އިސްލާމީ އުއްމަރަށް ހެޔޮ އެދުމާއި ތަޙުނިޔާވަނީ ފޮނުއްވާފައެވެ.


ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާޙިމް ވަނީ ހިޖުރީގޮތުން މިފެށުނު އުފާވެރި 1447 ވަނަ އަހަރުގެ ހެޔޮއެދުމާއި، ތަޙްނިޔާ ލޮބުވެތި އެންމެހާ ދިވެހިރައްޔިތުންނަށް އަދި މުސްލިމު އުންމަތަށް އަރިސްކުރައްވާފައެވެ.

މިފެށޭ އައު އަހަރަކީ، އެންމެހާ މުސްލިމުންނަށް އަމާންކަމާއި، އުފާފާގަތިކަމާއި، ތަނަވަސްކަން އިތުރުވާނޭ އަހަރެއް ކަމުގައި ލެއްވާ، މުސްލިމު އުންމަތަށް ކާމިޔާބީ އާއި ކުރިއެރުންތައް އިތުރުކުރެއްވުމަށްއެދި ވަނީ ދުޢާ ކުރައްވާފައެވެ.


މީގެއިތުރުންވެސް ސިޔާސީ ލީޑަރުންނާއި ދަޢުލަތުގެ ވަޒީރުންނާއި އިސްވެރިންދަނީ، ހިޖްރީ އައު އަހަރުގެ ތަޙުނިޔާ ފޮނުއްވާ ސޯޝަލް މީޑިއާގައި މެސެޖުތަކާއި ޕޯސްޓްތައް ޙިއްސާކުރައްވަމުންނެވެ.