ޚަބަރު

މެލޭޝިޔާގައި ތަޢުލީމު ހާސިލު ކުރާ ބޭރުގެ ދަރިވަރުންގެ އަތުން %6ގެ ޓެކުހެއް ނަގަނީ


މެލޭޝިޔާގައި އަމިއްލަ ކުންފުނިތަކުން ހިންގާ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގައި ތަޢުލީމު ހާސިލު ކުރާ ބޭރު ޤައުމުތަކުގެ ދަރިވަރުންގެ އަތުން %6ގެ ޓެކުހެއް ނެގުމަށް ނިންމައިފިއެވެ. މި ކަން ހާމަކޮށްފައި ވަނީ އެ ޤައުމުގެ މާލީ ވުޒާރާއިން ޖޫން 9ވަނަ ދުވަހު ނެރުނު ބަޔާނެއްގައެވެ. މެލޭޝިޔާއަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ދަރިވަރުން މަތީ ތަޢުލީމު ހާސިލު ކުރަމުންދާ ޤައުމެކެވެ.

މެލޭޝިޔާގެ މާލީ ވުޒާރާއިން ބުނީ، އެ ޤައުމުގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގައި ތަޢުލީމު ހާސިލު ކުރާ ބޭރު ޤައުމުތަކުގެ ދަރިވަރުންގެ އަތުން %6ގެ ޓެކުހެއް ނެގުމަށް ނިންމާފައި ވަނީ، އެ ޤައުމުގައި މުދަލާއި ޚިދުމަތުން ނަގާ ސޭލްސް އެންޑް ސަރވިސް ޓެކުސް (އެސްއެސްޓީ)އަށް ގެނެސްފައިވާ އައު އިސްލާޙުގެ ދަށުން ކަމުގައެވެ. ޖުލައި 1ވަނަ ދުވަހު އެ އައު އިސްލާޙުތަކަށް އަމަލު ކުރަން ފަށާނެ ކަން ވެސް އެ ޤައުމުގެ މާލީ ވުޒާރާއިން ހާމަކުރިއެވެ. މަތީ ތަޢުލީމު ފޯރުކޮށްދޭ ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގެ އިތުރުން ޕްރީސްކޫލްތަކާއި އެހެނިހެން މަދަރުސާތައް، އަދި ބަސް ދަސްކޮށްދޭ މަރުކަޒުތަކުގައި ތަޢުލީމު ހާސިލު ކުރާ ބޭރު ޤައުމުތަކުގެ ދަރިވަރުން ވެސް އެ ޓެކުސް ދައްކަން ޖެހޭނެއެވެ.

ބޭރުގެ ދަރިވަރުން ދައްކަން ޖެހޭ އައު ޓެކުހެއް މެލޭޝިޔާގެ ސަރުކާރުން ތަޢާރުފު ކޮށްފައި މި ވަނީ، ޤައުމުގެ މާލީ ހާލަތު ހަރުދަނާކޮށް، ޓެކުސް ނެގޭ ދާއިރާތައް ފުޅާކޮށް، ދައުލަތުގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ކަމުގައި އެ ޤައުމުގެ މާލީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި، ބޭރު ޤައުމުތަކުގެ ދަރިވަރުންނަށް ޚާއްޞަކޮށް އެސްއެސްޓީ ނެގޭ ދާއިރާތައް ފުޅާކޮށްފައި މި ވަނީ، މެލޭޝިޔާގެ ރައްޔިތުންނަށް ބުރަ ކުޑަކުރުމުގެ ގޮތުން ކަމުގައި ވެސް އެ ވުޒާރާއިން ބުނެފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

އަމިއްލަ ކުންފުނިތަކުން ހިންގާ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން މި ޓެކުހަށް ރަޖިސްޓަރީ ވާން ޖެހޭނީ ޓިޔުޝަން ފީގެ ގޮތުގައި ބޭރު ޤައުމުތަކުގެ ދަރިވަރުންގެ އަތުން އަހަރަކު 14,000 އެމެރިކާ ޑޮލަރަށް ވުރެ ބޮޑު ފީއެއް ނަގާ ނަމައެވެ. މީގެ އިތުރުން، ބޭރު ޤައުމުތަކުގެ ދަރިވަރުންނަށް މަތީ ތަޢުލީމު ފޯރުކޮށްދޭ ހުރިހާ މަރުކަޒަކުން ޓެކުހަށް ރަޖިސްޓަރީ ކުރުން ވެސް އޮތީ ލާޒިމު ކޮށްފައެވެ. އޭގެ ތެރޭގައި ބޭރުގެ ބަސްތައް ދަސްކޮށްދޭ މަރުކަޒުތައް ވެސް ހިމެނެއެވެ.

2025ވަނަ އަހަރު ނިމުމުގެ ކުރިން މެލޭޝިޔާގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގައި ތަޢުލީމު ހާސިލު ކުރާ ބޭރު ޤައުމުތަކުގެ ދަރިވަރުންގެ އަދަދު 250,000އަށްވުރެ އިތުރު ކުރުމަށް އެ ޤައުމުގެ ތަޢުލީމާ ބެހޭ ވުޒާރާއިން އޮތީ އަޒުމު ކަނޑައަޅާފައެވެ. ނަމަވެސް، މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ބޭރު ޤައުމުތަކުގެ ދަރިވަރުންގެ އަތުން %6ގެ ޓެކުހެއް ނެގުމަށް ނިންމުމާ އެކު، އެ ލަނޑިދަނޑި ހާސިލު ކުރެވުމުގެ ފުރުޞަތު ހަނިވެފައިވާ ކަމުގައެވެ.

އިނގިރޭސިވިލާތުގެ ކަމާ ގުޅޭ އިދާރާއެއް ކަމުގައިވާ ބްރިޓިޝް ކައުންސިލުން ވަނީ މެލޭޝިޔާ ސަރުކާރުގެ މި ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކައުންސިލުން ބުނީ، މެލޭޝިޔާގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ގުޅިގެން ކޮންމެ އަހަރަކު އިނގިރޭސިވިލާތުގެ ގިނަ އަދަދެއްގެ ދަރިވަރުން މެލޭޝިޔާގެ މަރުކަޒުތަކަށް ފޮނުވަމުންދާ ކަމުގައެވެ. އަދި، އެ ފަދަ ދަރިވަރުންގެ އަތުން އައު ޓެކުހެއް ނެގުމަށް ނިންމުމާ ގުޅިގެން، އެ ޤައުމުގައި މަތީ ތަޢުލީމު ހާސިލު ކުރުމަށް އޮތް ޝައުޤުވެރިކަން ގެއްލިގެންދާނެ ކަމުގައި ވެސް އެ ކައުންސިލުން ބުންޏެވެ.