ޚަބަރު

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ގަމުގައި ޚާއްސަ ފެސްޓިވަލެއް


  • " ބިޔޯންޑް ޕްލާސްޓިކް ފެސްޓިވަލް" ގެ ނަމުގައި ވަނީ ހަރަކާތެއް ކުރިއަށްގެންގޮސް

  • ސްޓޯލްތަކަށް ތިމާވެއްޓާ ބެހޭ ވަޒީރު ޒިޔާރަތް ކުރެއްވި

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށްޓަކައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ލ. ގަމުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން "ބިޔޯންޑް ޕްލާސްޓިކް ފެސްޓިވަލް" ގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

" ބިޔޯންޑް ޕްލާސްޓިކް ފެސްޓިވަލް" ގެ ނަމުގައި ކުރިޔަށްގެންދިޔަ މި ފެސްޓިވަލްގެ ސްޓޯލްތައް ބައްލަވާލެއްވުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް
ވެސް ވަނީ ސްޓޯލްތަކަށް ޒިޔާރަތް ކުރައްވާފައެވެ.

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށްޓަކައި މިއަހަރު ލާމު އަތޮޅުގައި ކުރިޔަށްގެންދާ ހަރަކާތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، އެ ވުޒާރާއިން މަސައްކަތް ކުރައްވަނީ މިފަދަ ހަރަކާތްތައް މާލެ ސަރަޙައްދުގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައިވެސް ކުރިޔަށްގެންދިއުމަށް ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ އަތޮޅުތެރޭގެ ރަށްރަށުގަވެސް ވީހާވެސް ބޮޑަށް ތިމާވެށީގެ ހަރަކާތްތައް އިތުރުކުރަން، ހަމައެކަނި މާލޭގަ އެކަނި ނުކޮށް އަތޮޅުތެރޭގެ އެކި ސަރަޙައްދުތަކުގަ މިކަންތައް ކުރަން. އެގޮތުން، މިއަހަރު ލާމު އަތޮޅުގަ މި ހަރަކާތްތައް ކުރިޔަށްގެންދިއުމަށް ނިންމެވި މައިގަނޑު ސަބަބަކީ ލާމު އަތޮޅަކީ ތިމާވެއްޓާބެހޭ ވުޒާރާއިން ޚާއްސަ އިސްކަމެއް ދީގެން ކުރިޔަށް ގެންދެވި، ލާމު އަތޮޅުގެ ނެޗުރަލް ކެޕިޓަލް އެކައުންޓް ބެލުމުގެ ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވާ އަތޮޅަކަށްވާތީ" ވަޒީރު ވިދާޅުވިއެވެ.

އިއްޔެ ހަވީރު 15:00 އިން 18:30 އަށް ކުރިއަށް ގެންދިޔަ މިހަރަކާތުގައި ތިމާވެއްޓާއިބެހޭ ވުޒާރާގެ އިތުރުން، ސަރުކާރުގެ އެކި މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާތަކުންވެސް ވަނީ ބައިވެރިވެފައެވެ.

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިޔަ މި ހަރަކާތަށް އާންމުންގެ ފަރާތުންވެސް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ.