ޚަބަރު

ލެސްޓާ ސިޓީގެ ކޯޗުކަމުން ނިސްޓެލްރޫއީ ވަކިކޮށްފި


އިނގިރޭސި ޕްރިމިއަރ ލީގުން ރެލިގޭޓުވެފައިވާ ލެސްޓާ ސިޓީގެ ކޯޗުކަމުގެ މަގާމުން ރޫޑް ވެން ނިސްޓެލްރޫއީ ވަކިކޮށްފިއެވެ.

ނިމިގެންދިޔަ ސީޒަނުގެ މެދުތެރޭގައި ލެސްޓަރ ސިޓީގެ ކޯޗު ކަމާއި ހަވާލުވި ނިސްޓެލްރޫއީ އެ މަގާމުން ވަކިކޮށްފައިވަނީ ދެފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަތަކަށް ފަހުގައި ކަމަށް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

އުމުރުން 48 އަހަރުގެ ނިސްޓެލްރޫއީގެ އިރުޝާދުގެ ދަށުން ލެސްޓަރ ސިޓީ ކުޅުނު 27 މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައިވަނީ 5 މެޗުންނެވެ. އަދި 19 މެޗުން ވަނީ ބަލިވެފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ބާކީ 5 މެޗު ކުޅެން އޮއްވާ ލެސްޓަރ ސީޓީ ޕްރިމިއާ ލީގުން ރެލިގޭޓް ވެފައިވާއިރު މީގެ ކުރިންވެސް އެ ކްލަބު ވަނީ ޗެމްޕިއަންޝިޕަށް ރެލިގޭޓް ވެފައެވެ.

ކުރިއަށް އޮތް ސީޒަނަށް ލެސްޓަރ ސިޓީ ތައްޔާރުވާނީ ފުރަތަމަ ޓީމުގައި ތިބި ކޯޗިން ސްޓާފުންގެ ބެލުމުގެ ދަށުން ކަމަށް އެ ކްލަބުން ބުނެފައިވީ ނަމަވެސް މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި އެ ކްލަބުން މަސައްކަތް ކުރަމުންދަނީ ކުރިން އެވަޓަން އާއި ބާރންލީއަށް ކޯޗުކޮށްދިން ޝޯން ޑައިޗް އެ މަގާމަށް ގެނައުމަށެވެ.