އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އިތުރު ޙަމަލާއެއް ދިނުމަށް އަސްކަރީ ބާރު ބޭނުން ކުރެއްވުން ހުއްޓުވުމަށް އިދިކޮޅު ޑިމޮކްރަޓުުން އިސްވެ އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ މަތިގެއަށް ހުށަހެޅި ބިލަށް، ޓްރަމްޕްއަށް ވަފާތެރި މަޖިލީހުގެ މެންބަރުން ދެކޮޅު ހަދައިފިއެވެ. އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ މަތިގެއިން މި ގޮތަށް ނިންމާފައި ވަނީ އީރާނާ ދެކޮޅަށް އަނެއްކާ ވެސް ބޮން އެޅުމާމެދު ވިސްނަވާ ކަމަށް ޓްރަމްޕް ވިދާޅުވިތާ ގަޑިއިރުކޮޅެއް ފަހުންނެވެ.
ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން އިސްވެ އީރާނަށް ޙަމަލާދޭން ފެށީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު ހުއްޓުވުމަށް ކަމަށް ބުނެއެވެ. އެ ޙަމަލާތަކުގައި އީރާނުގެ މުހިންމު ސަރަޙައްދުތަކަށް ޔަހޫދީން ޙަމަލާދީފައިވެއެވެ. މިއީ 1980ގެ އަހަރުތަކުގައި އީރާނާއި ޢިރާޤާ ދެމެދު ކުރި ހަނގުރާމައަށް ފަހު އީރާނަށް ކުރިމަތިވި އެންމެ ބޮޑު ޙަމަލާއެވެ. އެ ޙަމަލާގައި އީރާނުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންސުވެރިންނާއި ގިނަ ޢަދަދެއްގެ އާންމުން ޝަހީދު ކޮށްލާފައިވެއެވެ. އެ ޙަމަލާގެ ރައްދެއްގެ ގޮތުން އީރާނުން ވަނީ ޔަހޫދީންނާ ދެކޮޅަށް އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3ގެ ނަމުގައި ޚާއްޞަ އަސްކަރީ ޙަރަކާތެއް ފަށައި ޔަހޫދީ ދައުލަތަށް ވަރުގަދަ ޙަމަލާތައް ދީ ގެއްލުން ދީފައެވެ. ދެ ފަރާތުން ބަދަލުކުރި ޙަމަލާތަކުގައި އީރާނުގެ 610 މީހުން ޝަހީދުވެ، 5،000އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަޚަމްވެފައެވެ. އަދި ޔަހޫދީންގެ 28 މީހުން މަރުވެ، 3،238 މީހުންނަށް ޒަޚަމްވެ، އިމާރާތަކާއި އަސްކަރީ މަރުކަޒުތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.
ޔަހޫދީން އީރާނަށް ޙަމަލާ ދެމުން ދަނިކޮށް، ޖޫން މަހުގެ 22ވަނަ ދުވަހު އެމެރިކާއިން ވެސް ވަނީ ހަނގުރާމައިގެ ތެރެއަށް ވަދެ، އީރާނުގެ މައި ނިއުކްލިޔަރ މަރުކަތުތަކަށް ބޮން އަޅައިފައެވެ. އެ ގޮތުން އިޞްފަހާން، ފޫރްދޫ އަދި ނަޠާންޛްގައި ހުންނަ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދީފައިވެއެވެ. އެ ޙަމަލާގެ ބަދަލުގައި އީރާނުން ވަނީ ޤަޠަރުގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ޙަމަލާދީފައެވެ. އޭގެ ފަހުން ޔަހޫދީންނާއި އީރާނުން ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވެފައެވެ.
އީރާނަށް އަލުން ޙަމަލާ ދިނުމުގައި ޤަނޫނުހަދާ މަޖިލީހުގެ ޙުއްދައާ ނުލައި އަސްކަރީ ބާރު ބޭނުން ނުކުރެވޭނެ ކަމަށް ނިންމުމަށް ޤަނޫނުހަދާ މަޖިލީހުގެ މަތިގޭގައި ނެގި ވޯޓުގައި އެ ހުށަހެޅުމާ އެއްކޮޅަށް ވޯޓު ދީފައި ވަނީ 47 މެންބަރުންނެވެ. ނަމަވެސް އެ ވޯޓާ ދެކޮޅަށް 53 މެންބަރުން ވޯޓު ދީފައިވެއެވެ. ވޯޓުލުމުގައި މެންބަރުން އާންމު ގޮތެއްގައި ބައްލަވާފައި ވަނީ ޕާޓީގެ ފިކުރުގެ މައްޗަށެވެ. ޑިމޮކްރަޓުންގެ އެންމެ މެންބަރެއް ފިޔަވައި ހުރިހާ މެންބަރުން ވެސް ވޯޓުލާފައި ވަނީ ބިލާ އެއްކޮޅަށެެވެ. ޓްރަމްޕް ނިޞްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ އެންމެ މެންބަރެއް ފިޔަވައި ހުރިހާ މެންބަރުން ވެސް ވޯޓު ދީފައި ވަނީ ބިލާ ދެކޮޅަށެވެ.
މި ބިލު ހުށަހެޅުއްވި ޤާނޫނުހަދާ މަޖިލީހުގެ މެންބަރު، ޓިމް ކައިން ވަނީ ހަނގުރާމައެއް ފެށުމުގެ ބާރު ޤައުމުގެ ރައީސްގެ އަތްޕުޅުގައި އޮންނަ އޮތުން ބަދަލުކޮށް، އެ ބާރު ޤާނޫނުހަދާ މަޖިލީހުގެ ބާރުތަކުގެ ތެރެއަށް ގެންނެވުމަށް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވައިފައެވެ. ކެއިން ވިދާޅުވީ އެންމެ ފަހުގެ މަސައްކަތްތަކަށް ބާރު ދެނީ އެމެރިކާގެ ޤާނޫނު އަސާސީގައި ހަނގުރާމަ ފެށުމުގެ ބާރު ހަމައެކަނި ޤާނޫނުހަދާ މަޖިލީހަށް ދީފައި އޮންނަ އޮތުން ކަމަށެވެ. ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އީރާނާ ދެކޮޅަށް ޙަމަލާ ދޭން ބޭނުންވާ ނަމަ އެ ކަން ކުރަންޖެހޭނީ ޤަނޫނުހަދާ މަޖިލިސް މެދުވެރިކޮށް، އެ މަޖިލީހުގެ ޙުއްދައާ އެކުގައި ކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. ވޯޓުގެ ކުރިން ދެއްކެވި ވާހަކަފުޅުގައި ވެސް ކެެއިން ވަނީ އީރާނާ ދެކޮޅަށް ޤައުމުގެ ރައީސް ހަނގުރާމަ ކުރަން ބޭނުންވި ނަމަވެސް ނުވަތަ ނުވި ނަަމަވެސް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ޤާނޫނުހަދާ މަޖިލީހަށް އެ ކަން ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ޖޫން މަހުގެ 22ވަނަ ދުވަހު އެމެރިކާއިން ކުއްލި ގޮތަކަށް އީރާނާ ދެކޮޅަށް ދިން ޙަމަލާތަކާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުން ދަނީ އެދެމުންނެވެ. އެމެރިކާއިން ދިން ޙަމަލާގެ ސަަބަބުން އީރާނުން މުއްސަނދިކޮށްފައިވާ ކަމަށް ބުނާ ޔުރޭނިއަމްއަށް ވީ ގޮތެއް އޮޅުން ފިލުވުމަށް ވެސް އެ ބޭފުޅުން ދަނީ ގޮވައިލައްވަމުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޓްރަމްޕް ވަނީ އީރާނުގެ ރޫޙީ ވެރިޔާ، އާޔަތުالله ޢަލީ ޚާމަނާއީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ގެންގުޅުއްވަމުންދިޔަ ވިސްނުންފުޅު ދޫކޮށްލައްވައިފައެވެ. ކަންބޮޑުވާ މިންވަރަށް އީރާނުން އަނެއްކާ ވެސް ޔުރޭނިއަމް މުއްސަނދިކުރާ ނަމަ އީރާނާ ދެކޮޅަށް ބޮން އެޅުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ގާނޫނުގެ ދަށުން، ޤާނޫނުހަދާ މަޖިލީހުގެ މަތިގޭގައި ހަނގުރާމައާ ގުޅޭގޮތުން ހުށަހަޅާ ޤަރާރުތަކަށް ޚާއްޞަ އިމްތިޔާޒު ލިބިގެންވެއެވެ. އެ ފަދަ ޤަރާރުތައް ލަސްނުކޮށް، އެ ޤަރާރެއް ހަލުވިކަމާއެކު ދިރާސާކޮށް ވޯޓު ނަގަން ޖެހެއެވެ. ކެއިންގެ ޤަރާރު ހުށަހަޅުއްވާފައި ވަނީ މި މަހުގެ ތެރޭގައެވެ.
ނަމަވެސް މި ޤަރާރުތައް ޤާނޫނަކަށް ހެދުމަށްޓަކައި ޤާނޫނުހަދާ މަޖިލީހުގެ މަތިގެއިން ވެސް ތިރިގެއިން ވެސް އެ ޤަރާރު ބަލައިގަނެ ފާސްކުރަން ޖެހެއެވެ. ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް އަދި ޓްރަމްޕްގެ ގާތް ބޭފުޅެއް ކަމަށްވާ މައިކް ޖޮންސަން މި ހަފްތާގެ ތެރޭގައި ވަނީ މިއީ މި ފަދަ މަސައްކަތެއް ކުރުމަށް އެންމެ އެކަށީގެންވާ ވަގުތު ނޫން ކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕްގެ ފުރަތަމަ ދައުރުގެ ތެރޭގައި، 2020 ވަނަ އަހަރު ވެސް ކެއިން ވަނީ ޤައުމުގެ ރައީސްގެ އަތްޕުޅުން އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ގާބިލްކަން ނެންގެވުމަށް ހަމަ މި ފަދަ ޤަރާރެއް ތަޢާރަފުކުރައްވައިފައެވެ. އެ ފަހަރު ހަނި ގޮތަކަށް ޤަނޫނުހަދާ މަޖިލީހުގެ މަތިގެއިން ވެސް ތިރިގެއިން ވެސް އެ ޤަރާރު ވަނީ ފާސްވެފައެވެ. ނަމަވެސް ރައީސްގެ ވީޓޯކުރުމުގެ ބާރުން ޤަރާރު ސަލާމަތްކުރާ ވަރަށް ވޯޓު ލިބިފައެއް ނުވެއެވެ.