ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމެންޓް އުޞޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކައިފިއެވެ.
"ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކުރުން: ޕްރޮކިއުމެންޓް، ރެކްރޫޓްމަންޓް އަދި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ"ގެ ނަމުގައި އޭސީސީން ވަނީ ދިރާސާއެއް ކުރިއަށްގެންގޮސްފައެވެ. މިދިރާސާގެ މަޤުޞަދަކީ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓާއި ރެކްރޫޓްމަންޓާއި ސީއެސްއާރުގެ ހަރަކާތްތައް ހިނގަމުންދާ ގޮތް ބަލައި މި ކަންކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ ހިރާސްތައް ދެނެގަނެ، އިސްލާހުކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް، އެކަންކަން އިސްލާހުކުރުމަށް އިރުޝާދާއި ލަފާ ދިނުންކަމަށް އޭސީސީން ވިދާޅުވެއެވެ.
މި ދިރާސާއިން ހާމަވިގޮތުގައި އެއްގޮތް އުސޫލުތަކެއް ނެތުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އޮތް ހުރަހެކެވެ. ކޮންމެ ކުންފުންޏަކުންވެސް ޢަމަލުކުރަމުންދަނީ އެ ކުންފުންޏެއްގެ އަމިއްލަ އުސޫލުތަކަކަށްކަމަށާއި އެ އުޞޫލުތަކުގައި ކޮރަޕްޝަނުގެ ހިރާސް ބޮޑު ގޮތްތަކެއް ހުރިކަން ފާހަގަކުރެވޭކަމަށް މިދިރާސާގައިވެއެވެ.
ދިރާސާގައިވަނީ ޕްރޮކިއުމަންޓާއި ރެކްރޫޓްމަންޓްގެ މަރުހަލާތަކުގައި އަދި ސީއެސްއާރުގެ ހަރަކާތްތަކަށް ޚަރަދު ދިނުމުގައި ކުންފުނިތަކުން ޢަމަލު ކުރަމުންދަނީ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދިދާނެ ގޮތަކަށް ކަމަށެވެ.
އޭސީސީގެ ދިރާސާގައި ބުނެފައިވަނީ މިފަދަ އުޞޫލުތަކެއް ކަނޑައެޅިފައިވަނީ ހުރިހާ ކުންފުންޏަކުންވެސް ޢަމަލުކުރަންޖެހޭ އެއްގޮތް ހަމަތަކެއް ނެތުމާއި އެސްއޯއީތަކުން ޢަމަލުކުރަމުންދާ ގޮތް މޮނިޓަރކުރެވޭނެ ގޮތެއް ނެތުމުން ކަމަށެވެ. އެހެންކަމުން ކޮރަޕްޝަނަށް މަގުފަހިނުވާނެ ގޮތަށް ޕްރޮކިއުމަންޓް، ރެކްރޫޓްމަންޓް އަދި ސީއެސްއާރްގެ ހަރަކާތްތަކާ ބެހޭ ހަރުދަނާ ޤާނޫނީ އަދި ރެގިއުލޭޓަރީ އޮނިގަނޑަކާއި އުސޫލުތަކެއް ބޭނުންވާކަން ދިރާސާގައި ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ އެއްހަމަ އުސޫލުތަކެއް ކުންފުނިތަކުގައި ތަންފީޒުކުރުމަށް ބޭނުންވާ ނިޒާމީ އަދި ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ކުންފުނިތައް ރެގިއުލޭޓުކުރާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން މިހާރު ކުރަމުން އަންނަކަމަށްވެސް ދިރާސާގައިވެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ކުންފުނިތައް ހިންގުމަށް ޚާއްސަ ބިލެއް އެކުލަވާލުމުގެ މަސައްކަތް މާލީ ވުޒާރާއިން ވަނީ ފަށާފައެެވެ.
މީގެ އިތުރުން ހަރުދަނާ މިންގަނޑުތަކެއް އެކުލަވާލުމުގެ މަސައްކަތް ޕީސީބީން ކުރަމުން އަންނަކަން ދިރާސާގައިވެސް ފާހަގަކޮށްފައިވާއިރު، ޕީސީބީން ވަނީ ޤާބިލު މުވައްޒަފުންނަށް ވަޒީފާދެވޭކަން ކަށަވަރުކުރުމަށް އެސްއޯއީތަކުގެ އެޗްއާރު ގައިޑްލައިނަށް ބަދަލުތަކެއް މިދިޔަ އަހަރު ގެނެސްފައެވެ. އަދި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ބާރުއެޅުމުގެ ގޮތުން ޚާއްސަ އެވޯޑެއް ތަޢާރަފުކުރުމަށް ޕީސީބީން ވަނީ ނިންމަވާފައެވެ.