ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްޤީކުރަމުންދާ އާ ޓަރމިނަލާ ގުޅިގެން އެއަރޕޯޓުގެ ޓްރެފިކަށް އަންނަ ބަދަލުތަކަށް ސަމާލުވުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން އިލްތިމާސްކޮށްފިއެވެ.
ވީއައިއޭގެ އައު ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި އަންނަ މަހުގެ 26 ވަނަ ދުވަހުއެވެ.
މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އެމްއޭސީއެލުން ވިދާޅުވީ އަންނަ މަހު ޓަރމިނަލް ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އެހެންކަމުން އެއަރޕޯޓުގެ ޓްރެފިކް ރޫޓުތަކަށް ބަދަލު އައުމަކީ އެކަށީގެންވާކަމެއްކަމަށާއި އެކަމަށް ސަމާލުވެ، ސެކިއުރިޓީ މުވައްޒަފުންގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެމްއޭސީއެލްއިން އިލްތިމާސްކުރައްވައެވެ.
އާ ޓަރމިނަލާ ގުޅިގެން އެމްއޭސީއެލުން ވަނީ އެއަރޕޯޓަށް ވަދެވޭ ބައެއް މަގުތައް ބަންދުކޮށްފައެވެ. އަދި ވެހިކަލްތައް މިހާރު ހުރި ޓަރމިނަލަށް ދިއުމުގައި ބޭނުންކުރަންޖެހޭ ރޫޓަށްވެސް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އަދި އެ ބަދަލުތައް އެނގޭނެހެން މަގުމަތީ ނިޝާންތައް ހަރުކޮށްފައިވެއެވެ.
ވީއައިއޭގެ އައު ޓަރމިނަލާއެކު އެއަރޕޯޓުގެ ޓްރެފިކް، ވަރަށް ބޮޑަށް އިތުރުވާނެކަން ފާހަގަކޮށްލެވެއެވެ. އައު ޓަރމިނަލާއެކު އަހަރަކު 7 މިލިޔަން މީހުންނަށް ޚިދުމަތްދެވޭއިރު، އެއާ ގުޅިގެން ރާއްޖެއަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.