ޚަބަރު

ފަތުރުވެރިކަން ތަރައްޤީވެފައިނުވާ ސަރަޙައްދުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ބޮޑު ލުއިތަކެއް


  • ލުއިތަކުގެ ތެރެއިން ކުއްޔަށް ދޫކުރާ ތަންތަނުގެ ލީސް އެކުއިޒިޝަން ރޭޓުތަކަށް ބަދަލު ގެނައުމަށް ވަނީ ނިންމާފައި

  • އެސަރަޙައްދުތަކުގެ އަދި ފަޅުތަކުގެ ލޮކޭޝަން ޕްރީމިއަމް އުނިކުރުން ނުވަތަ ކުޑަކުރުން

  • މި ލުއިތަކާއެކު އެސަރަޙައްދުތަކުގައި 31 ޕްރޮޖެކްޓް ކުރިއަށްގެންދިޔުމަށް ހުޅުވާލަންވަނީ ނިންމާފައި

ފަތުރުވެރިކަން ތަރައްޤީ ނުވެ އޮތް ސަރަޙައްދުތަކުގައި ފަތުރުވެރިކަން ފުޅާކުރުމަށް އިންވެސްޓަރުން ޝައުގުވެރިކުރުވުމަށް ދެއްވުމަށް ކަނޑައަޅުއްވާފައިވާ ލުއިތައް ސަރުކާރުން އާންމުކުރައްވައިފިއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ފަތުރުވެރިކަން ތަރައްޤީވެފައި ނުވާ ސަރަޙައްދުތަކުގެ ތެރެއިން ކުއްޔަށް ދޫކުރާ ތަންތަނުގެ ލީސް އެކުއިޒިޝަން ރޭޓުތަކަށް ބަދަލު ގެނައުމާއި، އެސަރަޙައްދުތަކުގެ އަދި ފަޅުތަކުގެ ލޮކޭޝަން ޕްރީމިއަމް އުނިކުރުމަށާއި ކުޑަކުރުމަށް އުސޫލުތަކަށް މިހާރު ބަދަލު ގެންނަވާފައިވާކަމަށެވެ.

ފަތުރުވެރިކަން އެކަށީގެންވާ ގޮތެއްގައި ތަރައްޤީވެފައި ނުވާ ސަރަޙައްދުތަކުގެ ތެރޭގައި ހިމެނޭ، ހއ.އަތޮޅާއި، ހދ.އަތޮޅާއި، ށ. އަތޮޅު އަދި ތ.އަތޮޅާއި ލ.އަތޮޅު އަދި އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކޮށް އިންވެސްޓްމަންޓް އިތުރުކުރުމަށް އެ ސަރަޙައްދުތަކުގައި ރިޒޯޓު ތަރައްޤީކޮށް އިންވެސްޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އުސޫލެއްގެ ދަށުން ލުއިތަކެއް ހަމަޖައްސަވައިދެއްވުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

އެގޮތުން ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، އޯޕަން ބިޑިން އުސޫލާއި ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދާއި، ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށްތަކާއި، ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާބެހޭ ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަނުގެ ލީސް އެކުއިޒިޝަންގެ ޕަރ ހެކްޓަރ ރޭޓްތައް ކުޑަކުރެވިފައިވާކަމަށެވެ. މީގެއިތުރުން ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދުގެ ކްލޯޒް ބިޑިންގެ ދަށުން، ތ. އަތޮޅުގެ ރަށްރަށަށް އިން ލޮކޭޝަން ޕްރެމިއަމް އުނިކުރުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

ހަމަ މިގަވާއިދުގެ ދަށުން ހއ، ހދ ،ށ، ތ އަދި އައްޑޫ ސިޓީގެ ފަޅުތަކުގެ ލޮކޭޝަން ޕްރީމިއަމް ފަޅުތަކުން އުނިކުރުމަށްވެސްވަނީ ނިންމަވާފައެވެ. މީގެއިތުރުން ލ. އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރިމިއަމް 150000 އެމެރިކާ ޑޮލަރުން 100000 އެމެރިކާ ޑޮލަރަށް ކުޑަކުރުމަށްވެސް ވަނީ ނިންމަވާފައެވެ. މިގަވާއިދުގެ ދަށުން ހއ، ހދ، ށ. ތ އަދި ލ އަތޮޅުގެ ފަޅުތަކުގެ ޕްރީމިއަމް 30 އިންސައްތަވެސް ސަރުކާރުންވަނީ ކުޑަކޮށްފައެވެ.

ކްރޮސް ސަބްސިޑީގެގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން ހއ، ހދ ، ށ، ތ، ލ އަދި އައްޑު ސިޓީގެ 20 އާއި 40 ހެކްޓަރުގެ ރަށްތަކަށް ދީފައިވާ ސައިޒް ޕްރިމިއަމްތައްވަނީ އުނިކޮށްފައެވެ. އަދި 6 އަތޮޅުގެ 40 ހެކްޓަރަށްވުރެ ބޮޑެތި ރައްތަކަށްދީފައިވާ ސައިޒް ޕްރިމިއަމްތައް 2000000 އެމެރިކާ ޑޮލަރުން 1000000 އެމެރިކާ ޑޮލަރަށްވަނީ ކުޑަކޮށްފައެވެ.

މީގެއިތުރުން އެކި ގަވާއިދުތަކުގެ ދަށުން އެސަރަޙައްދުން ކުއްޔަށް ދޫކުރާ ތަންތަން ތަރައްޤީކުރުމަށް ދެވޭ ގްރޭސް ޕީރިއަޑް ހަމަވުމުގެ ކުރިން އެތަނެއް ތަރައްޤީކޮށް ހުޅުވާނަމަ، އެދުވަހުން ފެށިގެން ގްރޭސް ޕީރިއެޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ފަސްކޮށްދިނުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.

މީގެއިތުރުން އެ ސަރަޙައްދުތަކުން ކުއްޔަށް ދޫކުރާ ތަންތަނުގެ ޑިއުޓީ މައާފް ކުރެވޭ އިންސައްތަ 15 އިންސައްތައަށް އިތުރުކުރުމާއި، ޑިއުޓީ މާފުކުރެވޭ ކެޓަގަރީތައް އިތުރުކުރުމަށްވެސް ވަނީ ނިންމަވާފައެވެ. އެގޮތުން ކުއްޔަށް ދޫކުރާ ތަންތަން ތަރައްޤީކުރުމަށް ގެންނަ ފަރުނީޗަރާއި، ކިޗަން އެޕްލައިންސް، އިކުއިޕްމަންޓް، އިލެކްޓްރޯނިކް އަދި އެމިނިޓީސް ޑިއުޓީ މަޢާފް ކެޓެގަރީއަށް އިތުރުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. ހަމައެއާއެކު އޯޕަން ބިޑިންގއަށް ހުޅުވާލާ ރަށްތަކާއި ފަޅުތަކުގެ ލީސް އެކުއިޒިޝަން ބަހާލައިގެން ދެއްކޭނެ މަގުވެސް ފަހިކޮށްދިނުމަށްވަނީ ނިންމަވާފައެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ ފަތުރުވެރިކަން ތަރައްޤީވެފައި ނެތް ސަރަޙައްދުތަކުގައި ފަތުރުވެރިކަން އިތުރަށް ތަރައްޤީކުރުމަށް މި ލުއިތަކާއެކު އެސަރަޙައްދުތަކުގައި 31 ޕްރޮޖެކްޓް ކުރިއަށްގެންދިޔުމަށް ހުޅުވާލާނެކަމަށެވެ. މި ލުއިތަކުގެ ސަބަބުން މި ސަރަޙައްދުތަކުގައި ފަތުރުވެރިކަން ފުޅާވެ، ވަޒީފާތަކާއި ވިޔަފާރީގެ ފުރުސަތުތައް ފަހިވުމުގެ ސަބަބުން އެސަރަޙައްދުތަކަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.